މުސްލިމުންނާއި ދެކޮޅަށް، އެމެރިކާ އާއި އޭގެ ބައިވެރިންނަށް މަދަދުވެރިވުމުގެ ޙުކުމް
'
📍މުސްލިމުންނާއި ދެކޮޅަށް، އެމެރިކާ އާއި އޭގެ ބައިވެރިންނަށް މަދަދުވެރިވުމުގެ ޙުކުމް
🔗 #الولاء_والبراء (12)
އަފްޣާނިސްތާންގައި ނިކަމެތިވެފައިވާ މުސްލިމުތަކުންނާއި ދެކޮޅަށް އެމެރިކާ އާއި އޭގެ (ކޯލިޝަންގެ) ބައިވެރިންނަށް ނަޞުރުވެރިވުމާއި މެދު ދެން އަހަރެން ވާހަކަ ދައްކާލާނަމެވެ.⁽¹⁾ އަހަރެމެންނަށް އެނގޭން އޮތްފަދައިން އެމެރިކާގެ ރައީސް (ޖޯޖް ބުޝް) ވަނީ ޞަލީބީ ހަނގުރާމަޔެއް އިޢްލާން ކޮށްފައެވެ. އަދި ކުރިޔަށްދާ ހަނގުރާމަ އެކަން އެބަ ހާމަކުރެއެވެ. އޭނާ އަމިއްލަ ނަފްސަށް އެހެން ނުބުންޏެއް ކަމަކުއެވެ.
ﷲ تعالى ވަޙީ ކުރެއްވިއެވެ: ﴿وَلَا يَزَالُونَ يُقَٰتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ ٱسْتَطَٰعُوا۟ۚ﴾ [البقرة:217]
”އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން ތިޔަބައިމީހުން ބޭރުކޮށް ކާފިރު ކަމަށް ތިޔަބައިމީހުން ރައްދުކޮށްފުމަށް ދާނދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ.“
އަދި އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: ﴿كَيْفَ وَإِن يَظْهَرُوا۟ عَلَيْكُمْ لَا يَرْقُبُوا۟ فِيكُمْ إِلًّا وَلَا ذِمَّةًۚ يُرْضُونَكُم بِأَفْوَٰهِهِمْ وَتَأْبَىٰ قُلُوبُهُمْ وَأَكْثَرُهُمْ فَٰسِقُونَ﴾ [التوبة:8]
”(އެއުރެންނަށް އެފަދަ އަހުދެއް އޮންނާނީ) ކިހިނަކުންހެއްޔެވެ؟ އެހެނީ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ގަދަވެގެންފިނަމަ، ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި އަހުދަކަށްވެސް، ތިޔަބައިމީހުންނާމެދު އެއުރެން ނުބަލާނެތެވެ. އެއުރެންގެ އަނގައިން ތިޔަބައިމީހުން ރުއްސާނެތެވެ. އެއުރެންގެ ހިތްތައް ނުރުހިގެންވާ ޙާލު ގައެވެ. އޭގެތެރެއިން ގިނަމީހުންނީ، ފާސިޤުންނެވެ.“
އަލް-އިމާމް އިބްނު ޖަރީރުއް ޠަބަރީ رحمه الله ވިދާޅުވި އެވެ: ”ކާފަރުނަނަށް ތަވައްލީ ކޮށްފި މީހާ (އެބަހީ: ކާފަރުންނާއި އެއްބައި ވެއްޖެ މީހާ) އަދި މުސްލިމުންނާއި ދެކޮޅަށް އެވެރިންނަށް ނަޞްރުވެރި ވެއްޖެ މީހާ، ފަހެ އެމީހަކީ އެވެރިންގެ ދީނާއި މިއްލަތުގެ މީހެކެވެ. އެހެނީ ހަމަކަށަވަރުން ތަވައްލީ ކުރާ އެއްވެސް މީހެއް، އެއެއްބައިވެވޭ ފަރާތާއި އެމީހެއްގެ ދީނާއި އެމީހެއް ހުރި އެއްޗެއް މައްޗަށް ރުހޭ ޙާލުގައި މެނުވީ ނުވެއެވެ. އަދި އޭނާއަށް ރުހޭނަމަ އަދި އޭނާގެ ދީނަށް ރުހޭނަމަ، އޭނާ ދެކޮޅުވެރިވާ އަދި ނުރުހުންތެރިވާ ކަންކަމާއި މީނާ ޢަދާވާތްތެރިވާނެއެވެ. (މިފަދައިން) އެ (ކާފަރު) ކަލޭގެ ޙުކުމް މީނާގެ ވެސް ޙުކުމަށްވެއެވެ.“
އަދި ޢިލްމުވެރިޔާ، އިބްނު ޙަޒަމް رحمه الله تعالى ވިދާޅުވި އެވެ: ”ޞައްޙަ ގޮތަކީ، ﷲ تعالى ގެ މި ބަސްފުޅު وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُۥ مِنْهُمْۗ [المائدة:51] {ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ.} — (މި އާޔަތް) ވަނީ އޭގެ ބޭރުފުށުގެ މާނަޔަށްކަމެވެ. އެއީ އެމީހަކީ ކާފަރުންގެ ތެރެއިން ޖުމްލަކޮށް ހިމެނޭ ކާފަރެއް ކަމެވެ. އަދި މިއީ ދެމުސްލިމެއް ދެމެދު ދެބަސްނުވާނޭ ޙައްޤު ތެދެވެ.“
އަދި ޝައިޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު رحمه الله ”ނަވާޤިޟުލް އިސްލާމް“ (އިސްލާމްކަން ގެއްލޭ ކަންކަން) ގައި ވިދާޅުވިއެވެ: ”އަށް ވަނަ ކަންތައް: މުސްލިމުންނާއި ދެކޮޅަށް މުޝްރިކުންނަށް ވާގިވެރިވެ އެހީތެރިވުން“
އަހަރެން (އަލްޢަލްވާން) ބުނަމެވެ: ކާފަރުންނަށް ވާގިވެރިވާއިރު އެވެރިންނަށް ލޯބިވުން އަދި އެވެރިންގެ ދީނަށް ލޯބިވުން އަދި އެވެރިންނަށް ރުހުން، މިއީ މިކުފުރު ވުމުގެ މައްޗަށް ލާޒިމު ޝަރުޠުތަކެއް ނޫނެވެ. ފަހެ މިއީ (އެބަހީ: ލާޒިމުވާނޭ ކަމަށް ދައުވާ ކުރުމީ) މުރުޖިޢާ އާއި އެނޫން ބިދުޢައިގެ އަހުލުންގެ ބަހެވެ. އެހެނީ ކާފަރުންގެ ދީނަށް ލޯބިކުރުމާއި އެއަށް ރުހުމަކީ މުސްލިމުންނާއި ދެކޮޅަށް އެވެރިންނަށް ވާގިވެރިވެ އެހީތެރިވުމާއި ނުލައިވެސް (ޚުދު އޭގެ ޒާތުގައި) ބޮޑު ކުފުރެވެ. އަދި މިއީ ކުފުރު ވުމުގެ އެހެން ބޮޅެކެވެ. އަދި ﷲ تعالى ވަޙީކުރެއްވިއެވެ:
﴿فَتَرَى ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يُسَٰرِعُونَ فِيهِمْ يَقُولُونَ نَخْشَىٰٓ أَن تُصِيبَنَا دَآئِرَةٌۚ فَعَسَى ٱللَّهُ أَن يَأْتِىَ بِٱلْفَتْحِ أَوْ أَمْرٍ مِّنْ عِندِهِۦ فَيُصْبِحُوا۟ عَلَىٰ مَآ أَسَرُّوا۟ فِىٓ أَنفُسِهِمْ نَٰدِمِينَ﴾ [المائدة:52]
”ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން، އެއުރެންގެ ގާތަށް (އެކުވެރިކަން ލިބިގަތުމަށް) އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. ތިމަންމެންނަށް މުޞީބާތެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ. ފަހެ، اللَّه ފަތަޙަ އެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ ޙަޟްރަތުން، އެހެން އަމުރު ފުޅެއްވެސް އަތުވެދާނެތެވެ. ފަހެ، އެހާރުން އެއުރެންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެން ވާނެތެވެ.“
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.