ފަސްވަނަ ޤަޥްލަކީ: ދާރުލް އިސްލާމެއްގެ ޙުކުމް، ކުފުރުގެ ދާރަކަށް ބަދަލެއް ނުވާނެޔޭ، އެހެނަސް އޭގެއިން މުސްލިމުން ހުސްވެއްޖައުމުން މެނުވީއެވެ
ފަސްވަނަ ޤަޥްލަކީ: ދާރުލް އިސްލާމެއްގެ ޙުކުމް، ކުފުރުގެ ދާރަކަށް ބަދަލެއް ނުވާނެޔޭ، އެހެނަސް އޭގެއިން މުސްލިމުން ހުސްވެއްޖައުމުން މެނުވީއެވެ.
އަބުލް ޙަސަން — އަލްމަވާރްދީ، ވިދާޅުވިއެވެ: ދާރުލް އިސްލާމް އަށް ބަލާއިރު، ފަހެ އެ ތިން ގޮތަކަށް އޮވެއެވެ:
އެއްގޮތަކީ: އެއީ މުސްލިމުން އެކަނި އެތާތިބޭ، މުޝްރިކެއް އެތަނަށް ނުވަންނަ ޙަރަމް ފުޅު ފަދަ ތަންތަނެވެ. (އެބަހީ: މައްކާ ފަދައެވެ.) މިފަދަ ބިމެއްގައި މަގުމަތިވެފައިވާ މީހެއް އަތުޖެހިއްޖެނަމަ، އޭނާގެ ބޭރުފުށާއި އެތެރެ ފުށަށްވެސް ޙުކުމް ކުރެވުންވަނީ އިސްލާމެއް ކަމުގައެވެ. އެއީ އޭނާގެ މައިންބަފައިންގެ ފުށުގައި ފާޅުވެގެންވާ ޝިރްކުން ހުރަސްއެޅިފައިވުމުންނެވެ.
ދެވަނަ ގޮތަކީ: ބަޞްރާ އާއި ބަޣުދާދު ފަދަ ޛިންމީން (ޖިޒިޔަ ދައްކައިގެން އުޅޭ ކާފަރުން) މަސްހުނިވެފައިވާ ދާރުލް އިސްލާމަކަށް ވުމެވެ. ނުވަތަ ބޯޑަރު ސަރަހައްދުގެ ރަށްރަށްފަަދަ މުއާޙިދުން އުޅޭ ތަންތަނެވެ. (މުއާޙިދުން: ވަޤުތީ އަޙުދެއްގައި ތިބޭ ކާފަރުން). ގޮތްނޭގޭ މީހެއް އަތުލައިގަނެވިއްޖެ ނަމަ، އޭނާއަކީ އެތެރެފުށް ދޫކޮށް ބޭރުފުށުން މުސްލިމެކެވެ. އަހަރެމެން އޭނާގެ މައްޗަށް އިސްލާމެއް ގޮތުގައި ބޭރުފުށަށް ޙުކުމް ކުރަނީ ބިމުގެ ޙުކުމް އިސް ކުރުމުގެ ގޮތުންނެވެ. އެހެނީ ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «اَلْإِسْلَامِ يَعْلُو, وَلَا يُعْلَى»
”އިސްލާމް ވަނީ މަތިވެރި ވެގެންނެވެ. އަދި (އޭގެ މައްޗަށް އެއްވެސް އެއްޗެއް) މަތިވެރިވުން ނުވެއެވެ.“
އަދި ކަށަވަރާއި އެކު އޭނަގެ އެތެރެފުށަށް އިސްލާމް ކަމުން ޙުކުމުން ނުވެވޭނީ، އެއީ ޛިއްމީއެއް ކަމަށް ނުވަތަ މުޢާޙަދެއްކަމަށް ވުމަށް ޖާއިޒުވެގެން ވުމުންނެވެ...
ތިންވަނަ ބާވަތަކީ: އެއީ އެ ދާރުލް އިސްލާމެއްގައި ޛިއްމީން އެކަނި ގެދޮރުވެފައިވެ މުސްލިމެއް ގެދޮރުވެރިވެސް ނުވާ ނުވެސް ވަންނަ ތަންތަނެވެ. މިޘާލަކަށް ޞުލްޙައިގައި ނުވަތަ ގަދަބާރުންވިޔަސް މުސްލިމުން ފަތަޙަ ކޮށްފައިވާ ޝިރުކުގެ ބިންތަކެވެ. ދެން އޭގެ އަހުލުންނާއި އެކު، އެނޫން ބަޔެއް މަސްހުނި ނުކުރުމަށް އިޤްރާރުވެވިފައިވާ ތަންތަނެވެ. ފަހެ އެތަނުގައި ގޮތްނޭގޭ މީހެއް އަތުލެވިއްޖެނަމަ، ބޭރުފުށަށް ބެލެވުން ވަނީ ކާފަރެއްގެ ގޮތުގައެވެ. އެހެނީ އެބިމުގެ އަހުލުންނަކީ ކާފަރުންނެވެ. އެއީ މުސްލިމުންގެ އަތް އެތަނަށް ގަދަވެފައި ވިޔަސްއެވެ. އަދި އިސްލާމީ ޙުކުމްތައް އެތާގައި ކަނޑައެޅެމުން ދިޔަޔަސްމެއެވެ.
އަދި ދާރުއް ޝިރްކު އަށް ބަލާއިރު، އެއީވެސް ތިން ބާވަތެކެވެ:
އެކައްޗަކީ: އެއުރެންގެ ބިންތަކުގެ ތެރެއިން މުސްލިމެއް އެތަނެއްގައި ނޫޅޭ ބިންތަކެވެ. އެެހެންކަމުން އެތަނުގައި ގޮތްނޭގޭ މީހެއް އަތުޖެހިއްޖެނަމަ އޭނާގެ މައްޗަށް ކުރެވޭނީ ޝިރްކު ގެ ޙުކުމެވެ. އެބިމުގެ ޙުކުމުގެ މައްޗަށް ބުރަވެއެވެ.
ދެވަނަ ވައްތަރަކީ: ޝިރުކުގެ ބިން ތަކުގެތެރެއިން މުސްލިމުން، އެންމެ މީހެއްވިޔަސް އުޅޭ ބިންތަކެވެ. އެއީ ރޫމީންގެ ބިން ފަދައެވެ. ވީމާ އެތަނުގައި ގޮތްނޭގޭ މީހެއް އަތުޖެހިއްޖެނަމަ، އެކަމުގައި ދެރައުޔެއް ވެއެވެ:
— އެކައްޗަކީ: އޭނާ އަކީ ބޭރުފުށަށް މުޝްރިކެއް ކަމެވެ. ދާރުގެ ޙުކުމަށް ބުރަވެއެވެ.
— ދެވަނަ ރައުޔަކީ: އަދި މިއީ އަބޫ ޢަލީ ބުނު އަބީ ހުރައިރާ ގެ ޤަޥްލެވެ. އަދި އައްޝާފިޢީ ގެ ބަސްފުޅުން ފާޅުވަނިވި ގޮތެވެ: އެފަދަ މީހާ އަކީ ބޭރުފުށަށް މުސްލިމެއް ކަމެވެ. އިސްލާމް ކަމުގެ ޙުކުމް އިސް (ޣާލިބް) ކުރާ ގޮތިގައެވެ.
ތިންވަނަ ވައްތަރަކީ: އެއީ މުޝްރިކުން އެތަނަކަށް ވެރިވެގަނެފައިވާ މުސްލިމުންގެ ބިންތަކެވެ. އެއީ އެތަންތަނީ ދާރުއް ޝިރްކުއަށް ވެއްޖައުމާއި ހަމައަށެވެ. ތަރްސޫސް އާއި އަންޠާކިއްޔާ ފަދަ ބިންތަކެވެ. އަދި މުސްލިމުންގެ ބޯޑަރުތަކުގައި އާއި ރަސްކަންތަކުގައި ހިނގާ އަދި ހިނގަމުންދާ މިފަދަ ކަންކަންކަމެވެ. މިހެންކަމުން މިފަދަ ތަނެއްގައި ދިމާވާ ގޮތްނޭގޭ މީހާ އާއިމެދު ރައުޔެއް ވެއެވެ:
އެތަނެއްގައި މުސްލިމު ފަރުދެއް ވާނަމަ، އެންމެ މީހެއް ވިޔަސް، އެތަނުގައި އަތުޖެހޭ މީހާގެމައްޗަށް ކަނޑައެޅުންވަނީ އިސްލާމްކަމުގެ ޙުކުމް ކަމެވެ.
އަދި އެތަނުގައި މުސްލިމުންގެ ތެރެއިން އެއްވެސް މީހެއް ނޫޅޭނަމަ، އެމީހާގެ މައްޗަށް ބޭރުފުށަށް ކަނޑައެޅުންވަނީ ޝިރްކުގެ ޙުކުމް ކަމެވެ. އެއީ މުސްލިމުން އެތަނާ ދުރުގައިވުމާއި، އެވެރިންގެ (މުސްލިމުންގެ) ޙުކުމް އެތަނުގައި މަނައުވެފައި ވުމުންނެވެ.
انظر: الحاوي الكبير (8/43)، بحر المذهب (7/ 359)، الشرح الكبير (10/529).
އަހަރެން (އަބޫ ސަލްމާން) ބުނަމެވެ: ފޮރުވިފައި ނުވާ ާފަދައިން ބިމުގެ ޙުކުމަކީ ކުފުރު ކަމުގެ ޤަޥްލު އަބުލް ޙަސަން رحمه الله ގެ މިބަސްފުޅުގެ މައްޗަށް ބަލާއިރު މަނައުވެގެން ވެއެވެ.
(ނުނިމޭ)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.