ޢުމަރު رضي الله عنه އަދަބު ދެއްވުމުގެ ސަބަބުން، ޞަބީޣު އަށް ފައިދާ ކުރިއެވެ. އަދި އޭގެ ސަބަބުން ޚަވާރިޖުން ފާޅުވިހިނދު އެވެރިންނާއި…
①
📌 ޢުމަރު رضي الله عنه އަދަބު ދެއްވުމުގެ ސަބަބުން، ޞަބީޣު އަށް ފައިދާ ކުރިއެވެ. އަދި އޭގެ ސަބަބުން ޚަވާރިޖުން ފާޅުވިހިނދު އެވެރިންނާއި ނުގުޅުނެވެ.
ސުލައިމާނު ބުނު ޔަސާރު އަރިހުން އައްދާރިމީ ރިވާކުރެއްވި އެވެ: ”ޞަބީޣު އޭ ކިޔުނު މީހެއް މަދީނާ އަށް އައިސް ޤުރުއާނުގެ ނުސާފު އާޔަތްތަކާއި މެދު (މީސްތަކުން ތެރޭ) ސުވާލުކުރާން ފެށިއެވެ. އެހެންކަމުން ޢުމަރު ބުނުލް ޚައްޠާބު އޭނާ ގެންނެވިއެވެ. އަދި އޭނާ ގައިގާ ތެޅުއްވުމަށް ފަން ވޮށް ގެންނަވާފައިވެއެވެ. އެހެންކަމުން ވިދާޅުވިއެވެ: ”ތިއީ ކާކުހެއްޔެވެ؟“ އޭނާ ބުންޏެވެ: ”އަހަރެންނަކީ ﷲ ގެ އަޅު، ޞަބީޣެވެ.“ ޢުމަރު އެފަން ވޮށުން ކުރެ ފަންވޮށެއް ނަންގަވައި އޭނާ ގައިގާ އެތިފަހަރެއް ޖެއްސެވިއެވެ. އަދި ވިދާޅުވިއެވެ: ”އަހަރެންނަކީ ﷲ ގެ އަޅު ޢުމަރެވެ.“ އަދި އޭނާގެ ބޮލުން ލޭ އޮހޮރެންދެން އެކަލޭގެފާނު އޭނާ ގައިގާ ތަޅުއްވަމުން ގެންދެވިއެވެ. ދެން އޭނާ ބުނެފިއެވެ: ”އޭ މުއުމިނުތަކުންގެ އަމީރެވެ! ފުދިއްޖެއެވެ. އަހަރެންގެ ބޮލުގައި ވީއެއްޗެއް (އެބަހީ: ނުބައި ފިކުރުތައް) ފިލައިހިނގައްޖެއެވެ.“
މިއީ ޞަބީޣު ބުނު ޢިސްލު ގެ ވާހަކައެވެ. އެއީ ފިތުނައަށް އެދި އަދި އުނގެނުމަށްޓަކައި ނޫން ގޮތުގައި ސުވާލާއި ވާހަކަތައް ފެތުރުމެވެ. (ޢާންމުން ތެރޭ އެފަތުރައިހެދުމެވެ.) ޢުމަރު އޭނާ ގައިގާ ތަޅުއްވައި މީސްތަކުންނަށް އޭނާ އާއިމެދު އިންޒާރުކުރައްވައި، ދެން ބަޞްރާއަށް އަރުވާ ލެއްވިއެވެ.
އަބުލް އަޝްބާލް ޙަސަން އައްޒުހުރީ ތަޢްލީޤު ލިޔުއްވި، އިބްްނު ބައްޠާ ގެ "އައްޝަރަޙު ވަލްއިބާނަތު ޢަލާ އުޞޫލިއް ސުއްނަތި ވައްދިޔާނަތި" ގައި ގެންނަވާފައި ވެއެވެ:
”އަދި އޭނާ އަރުވާލުމަށް ޢުމަރު ކަނޑައެޅުއްވުމުގައި، ﷲ އޭނާ އަށް މަންފާ ލެއްވެވިއެވެ.
އެހެނީ ޢުމަރު އޭނާ އަރުވައިލެއްވީ އަލްބަޞްރާ އަށެވެ. އަދި އެންގެވިއެވެ: ”މިއީ ޞަބީޣު އެވެ! އޭ ބަޞްރާގެ މީސްތަކުންނޭވެ! މީނާ އަކީ ތިޔަބައިމީހުން ތެރޭ ޚަޠީބަކަށް ކޮންމެހެންވެސް ވާންޖެހޭ މީހެކެވެ.“ ދެން އޭނާ މީސްތަކުން ތެރެއަށް ތެދުވެ އަމިއްލަ ނަފްސު ފަޟީޙަތް ކުރެއެވެ: ”އަހަރެންގެ ބޮލުގައި މިވެނި އެވެނި އެއްޗެއް (ފިކުރެއް) ވިއެވެ. އެއީ އަމީރުލް މުއުމިނީން އަހަރެންނަށް އަދަބު ދެއްވުމާއިހަމައަށެވެ. އަދި އެކަލޭގެފާނު އަހަރެންނާއިމެދު މިވެނި އެވެނިހެން ހެއްދެވިއެވެ.“ އަދި ޞަބީޣު އެގޮތުގައި (ޙައްޤުގައި) ދެމިހުރުން ދޫކޮށެއް ނުލައެވެ. އެއީ ޝަރަފުވެރިޔެއް ގޮތުގައި ހުރެ މަރުވުމާއި ހަމައަށެވެ.
ދެންފަހެ އަލްޙަރޫރިއްޔާ (ޚަވާރިޖުން) ފާޅުވި ހިނދު، ޞަބީޣު އަށް ބުނެވުނެވެ: ”މިވެނި އެވެނި ފިކުރުތަކެއްގެ ބަޔަކު ފާޅުވެއްޖެއެވެ.“
އެބަހީ: ނުބައިކަމުގެ އެކުވެރީން، ޞަބީޣު ގާތަށް ގޮސް، ޙަރޫރިއްޔާ އޭ ކިޔޭ ބަޔަކު ފާޅުވެއްޖެޔޭ، ތިބާ އެވެރިންނާއި ގުޅި، ކުރިންވެސް ބޮޑަކަށް އުޅުނު ފަދައިން އެވެރިންގެ ބޮޑެއް ކަމުގައި ވާންވީ ނޫންހެއްޔޭ އެވެ. އެހެންކަމުން މިއަށް ޞަބީޣު ދިން ރައްދަށް ނިކަން ބަލާށެވެ:
އޭނާ ބުންޏެވެ: ”ތިކަމުގެ ބޮޑުކަމާއެވެ. ފަހެ ޞާލިޙު މީހެއްގެ ދަރުސަކުން، އަހަރެންނަށް މިވަނީ، ﷲ މަންފާ ކުރައްވާފައެވެ.“
އެބަހީ އަމީރުލް މުއުމިނީން އަހަރެންނަށް ދެއްވި އަދަބުގެ ސަބަބުން ﷲ تعالى މިވަނީ އަހަރެންނަށް މަންފާޢު ކުރައްވާފައެވެ. (ނުބައި ފިކުރުތަކުން ދުރުހެލިވެ ހުރުމުގެ ޘާބިތުކަމެވެ.)
— މިހިސާބަށް، އަލްއިބާނާ ، ޙަސަން ޢަޝްބާލްގެ ތަޢްލީޤާއި އެެކު.
އިބްނު ބައްޠާ ވިދާޅުވިއެވެ: ”އޭނާގެ މޫނުމައްޗަށް ނޫނީ ފަޔަށް ނޫނީ ފުންނާބަށް ލޭ ފޭބުމާއި ހަމަޔަށް ޢުމަރު އޭނާ ގައިގާ ތެޅުއްވިއެވެ. އަދި ޞަބީޣު އަކީ އޭގެފަހުން އެފަދަ މީހުންގެ މައްޗަށްވާ މިޘާލެއް ގޮތުގައި ވެއްޖެއެވެ. ޢަދި ތަކުރާރުކޮށް ސުވާލުކޮށް އެކަމުގައި ގޮތްދޫނުކޮށް ހުންނަ މީހުންނަށް އޮތް ހުއްޓުވުމަކަށް ވިއެވެ.“
މާލިކު އަލްމުޥައްޠައު ގައި އަލްޤާސިމު ބުނު މުޙައްމަދު އަރިހުން (ޞައްޙަ ސަނަދަކުން) ގެންނެވި ރިވާޔުގައި ވެއެވެ: އިބްނު ޢައްބާސް (އާއި ތަކުރާރުކޮށް އެއްމައްސަލައެއްގައި ސުވާލު އެކިގޮތްތަށް މީހަކު ކުރާން ފެށުމުން ނުރުއްސަވައި) ވިދާޅުވިއެވެ: ”މީނާ ވައްތަރީ ކާކާއިކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ ޢުމަރު ބުނު ޚައްޠާބު އެމީހެއް ގައިގާ ތެޅުއްވި ޞަބީޣު އާއި އެވެ.“
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.