ޤަބޫލުވެވޭނޭ އިކުރާހުގެ ޝަރުޠު ތަކަކީ ކޮބާ؟
📌 ޤަބޫލުވެވޭނޭ އިކުރާހުގެ ޝަރުޠު ތަކަކީ ކޮބާ؟
އައްސަރްޚާސީ ވިދާޅުވިއެވެ:
"އިކުރާހު ކަމަށްބެލޭ (ޙަބަސް) ހައްޔަރުވުމުގެ ހައްދަކީ އޭގައި ސާފު ހިތްދަތިކަން ފޯރާ ހައްޔަރެވެ. އަދި އިކުރާހަށްވާ ތެޅުމަކީ، އޭގެ ސަބަބުން ބޮޑުވެގެންވާ ތަދެއް ކުރިމަތިކުރުވާ މިންވަރެވެ. އަދި މީގައި މިވެނިވަރަކަށް ވުރެ ބޮޑު ނޫނީ ކުޑަ އޭބުނެ ހައްދެއް ކަނޑަނޭޅޭނެއެވެ. އެހެނީ ރައުޔަށް (ހިޔާލަށް) ބިނާކޮށް އެޔަށް މިންވަރެއް ކަނޑައެޅުމީ ކުޅަދާނަކަމެއްނޫނެވެ. އެހެނަސް ޙާކިމަށް އެމައްސަލަ ހުށަހެޅިއްޖެނަމަ، އޭނާ ދެކޭ ގޮތުގެ މައްޗަށް އެކަން ކަނޑައެޅިދާނެއެވެ. އެހެންކަމުން އޭނާ އެކަމުގައި އިކުރާހުކަމަށް ދެކޭ މިންވަރުން، އެ (އިކްރާހުގައި ނިންމި) ނިންމުމެއް ބާޠިލުކުރެވޭނެއެވެ. (އެބަހީ މިސާލަކަށް އިކުރާހުގައި ހުރެ ކުރި ވަރިޔެއް، ޤާޟީ އެކަން ބަލައި އެއީ އިކުރާހުނަމަ، އެވަރި ބާޠިލުކިރެވިދާނެއެވެ.) އެހެނީ މިމިންވަރު އެކިއެކި މީހުންގެ ޙާލަތަށް ތަފާތުވާތީއެވެ. އެހެންކަމުން އެމީހެއްގެ ހައްޔަރުގެ ސަބަބުން ޤަދަރަށް ބުރޫއަރާފާނެ ބޭފުޅުވަންތަ މީހަކަށް، އެންމެ ދުވަހެއްގެ ހައްޔަރުވުމުން އަދި އަތް-ބަނދެވުމުގެ ސަބަބުން ކުރާ އަޘަރު، އެނޫން މީހަކަށް އެއްމަސް ދުވަހުގެ ހައްޔަރުން ކުރާ އަޘަރަށްވުރެ ބޮޑުވެދާނެއެވެ. އެހެންކަމުން މިކަމުގައި އަހަރެމެންނަށް ވަކިމިންވަރެއް ކަނޑައެޅުމަށް ކުޅަދާނަވެގެންނެއް ނުވެވެ. ވީމާ އިމްތިހާނު ކުރެވުނު މީހާގެ ޙާލުގެ މައްޗަށް ބަލައި، ޤާޟީ ގެ ރައުޔަށް އެނިންމުން ނިންމުމަށް އަހަރެމެން ދޫކޮށްލަމެވެ."
(އަލްސަރްޚާސީގެ المبسوط 7/119)
އިބްނު ޙަޖަރު ވިދާޅުވިއެވެ: "އިކުރާހުގެ ޝަރުޠުތައް ހަތަރެކެވެ:
ފުރަތަމައީ: އެދިން އިންޒާރެއް ޢަމަލުން ކުރުމުގެ ކުޅަދާނަކަން އިންޒާރުދިން މީހާއަށް ލިބިގެންވުމެވެ. އަދި އިންޒާރު ލިބޭމީހާ އެއިން ދިފާޢުވުމަށް - ފިލައިގެންވެސް - ނުކުޅެދުންތެރިވުމެވެ.
ދެވަނައީ: (އަމުރުވެވުނު) ކަންތައް ނުކޮށްފިނަމަ، އޭނާގެ މައްޗަށް (ދެވުނު އިންޒާރު) ތަންފީޒުކުރެވޭނެކަމުގެ ހީ ބޮޑުވުން.
ތިންވަނައީ: އެދެވުނު އިންޒާރަކީ ވަޤުތުން ވަޤުތަށް ދެވިފައިވާ އިންޒާރެއް ކަމަށް ވުމެވެ. "ތިބާ މިވެނި ކަމެއް ނުކޮށްފިނަމަ، މާދަމާ ތަޅައިލާނަމެވެ." މީގެ ސަބަބުންނެއް މުކްރިހަކަށް ނުވާނެއެވެ. (ސަމާލުވޭ) މީގައި އިސްތިޘްނާ ވެއެވެ: (ހ) އެމީހެއް ދިން ވަޤުތަކީ ވަރަށް ގާތް ވަޤުތެއް ކަމަށްވުމެވެ. ނޫނީ (ށ) (އިންޒާރު ދިން ފަރާތުގެ) އާދަކާދައަކީ، އެކަން (އެބަހީ، އެ އިންޒާރު) ތަންފީޒުނުކޮށް ދޫކޮށް ނުލުންކަމުގައި ވުމެވެ.
ހަތަރުވަނައީ: އަމުރުވެވުނު ފަރާތުގެފުށުން (އެބަހީ: އިކުރާހުގައި ހުންނަމީހާ ފުށުން) އެކަމުގައި އެއްވެސް އިޚްތިޔާރެއް ވާކަން ފާޅުނުވުމެވެ."
ދެން އިންޒާރު އަކީ ކޮބައިކަމާއި މެދު (އިބްނު ޙަޖަރު) ބަޔާންކުރެއްވިއެވެ. އަދި ވިދާޅުވިއެވެ: "އަދި އޭނާއަށް އިންޒާރު ދެވޭ ކަންތައްތަކާއިމެދު (އެބަހީ އިކުރާހުގައި ޤަބޫލުކުރެވޭނީ އެއިން ކޮންކަހަލަ އިންޒާރުތަކެއްތޯ އާއި މެދު) (ޢިލްމްވެރިން) ޚިލާފުވެލެއްވިއެވެ. ޤަތުލާއި ގުނަވަންތައް ބުރި ކުރުމާއި ގަދަޔަށް ތެޅުމާއި އަދި ދިގު މުއްދަތަށް (ޙަބަސް) ހައްޔަރު ކުރެވުމާމެދު އެބޭފުޅުން އެއްބަސްވެލެއްވިއެވެ. އަދި ލުއިކޮށް ޖެހުން އަދި އެއްދުވަސް ނޫނީ ދެދުވަހަށް ހައްޔަރު ކުރެވުމާއި މެދު ޚިލާފުވެލެއްވިއެވެ."
އަދިވެސް ވިދާޅުވިއެވެ: "އަދި އިކުރާހުގެ ހައްދަކީ (އެބަހީ: މިންވަރަކީ) ކޮބައިތޯ އާއި މެދު އިޚްތިލާފު ވެއެވެ. ޢަބްދު ބުނު ޙުމައިދު އަރިހުން ޞައްޙަ ސަނަދަކުން ޢުމަރުގެފާނު އަރިހުން ރިވާވެގެންވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ليس الرجل بأمين على نفسه إذا سجن أو أوثق أو عذب "މީހެއް ޖަލަށް ލެވިއްޖެތަ، ނޫނީ އަތްބަނދެވިއްޖެތަ، ނޫނީ އަދަބު އަނިޔާ ދެވިއްޖެތަ - އޭނާއަކީ އެހިނދު އޭނާގެ ނަފުސުގެ މައްޗަށް އަމާންކަމެއް ލިބިފައި ނުވާ މީހެކެވެ." އަދި ޝުރައިޙް ގެ މަގުން އެއާއި އެއްގޮތް (ރިވާޔަތެއް) ވެއެވެ. އަދި އޭގައި އިތުރު ބަޔެއްވެއެވެ. އެއީ: أربع كلهن كره السجن والضرب والوعيد والقيد "ހަތަރު ކަމެއްވެއެވެ. އެއެންމެ ކަމަކީ އިކުރާހެވެ: ޖަލާއި، ޖެހުމާއި، އިންޒާރާއި އަތްފައި ބަނދެވުމެވެ." އަދި އިބްނު މަސްޢޫދު އަރިހުން، އެކަލޭގެފާނު (އިބްނު މަސްޢޫދު) ވިދާޅުވިއެވެ: ما كلام يدرأ عني سوطين إلا كنت متكلما به "ހަންމުށީގެ ދެއެތިފަހަރު ޖެހުމުން، ތިމަން ކަލޭގެފާނު ދުރުހެލިކޮށްދޭނަމަ، އެބަހެއް ތިމަންކަލޭގެފާނު ވިދާޅުނުވާނޭ އެއްވެސް ބަހެއް ނުއޮންނާނެއެވެ." އަދި މިއީ ޖުމްހޫރުންގެ ރައުޔެވެ."
فتح الباري لابن حجر -393 -12/390
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.