އިކުރާހުގައި: ކުފުރުގެ ބަހާއި ކުފުރުގެ ޢަމަލު
📌 އިކުރާހުގައި: ކުފުރުގެ ބަހާއި ކުފުރުގެ ޢަމަލު
މިގޮތުން ކުފުރެއް ނޫނީ ޙަރާމެއް ކުރުމަށް ވިޔަސް، އިކުރާހު ކުރެވިއްޖެ މީހާއަށް އެކަން ހުއްދަވެގެންވަނީ ހަމައެކަނި ދުލުންތޯ ނޫނީ ޢަމަލުންތޯ އާއި މެދު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ.
އިބްނު ރަޖަބު މިވާހަކަ ބަޔާންކުރައްވައި ވިދާޅުވިއެވެ: "އަދި އެމީހާއަށް ރާ ބުއިމަށް ނޫނީ އެނޫންވެސް ޙަރާމް ޢަމަލެއް ކުރުމަށް އިކުރާހު ކުރެވިއްޖެ ނަމަ، ދެންފަހެ އެކަމުގެ ހުއްދައާއިމެދު ދެ ރައުޔެއްވެއެވެ. މިދެރައުޔުތެރެއިން ފުރަތަމަ ރައުޔަކީ، އެކަން އޭނާގެ މައްޗަށް ހުއްދަވެގެން ވާކަމެވެ. އެއީ އެއިލާހު تعالى ގެ މިބަސްވަޙީ ދަލީލެއްކަމަށް ބޭނުންކޮށެވެ:
وَلَا تُكْرِهُوا۟ فَتَيَٰتِكُمْ عَلَى ٱلْبِغَآءِ إِنْ أَرَدْنَ تَحَصُّنًا لِّتَبْتَغُوا۟ عَرَضَ ٱلْحَيَوٰةِ ٱلدُّنْيَاۚ وَمَن يُكْرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعْدِ إِكْرَٰهِهِنَّ غَفُورٌ رَّحِيمٌ
'އަދި އެކަނބަލުން ޢިއްފަތް ތެރިވެ ރައްކާތެރިވެ ތިބުމަށް ޤަޞްދު ކޮށްގެން ތިބޭނަމަ، ދުނިޔޭގެ ދިރިއުޅުމަށް ހޯދާ މުދަލެއް އެދިގަތުމުގެގޮތުން ތިޔަބައިމީހުންގެ ޒުވާން އަންހެން އަޅުން، ޒިނޭކުރުމުގެ މައްޗަށް "އިކުރާހު" ނުކުރާށެވެ! އެކަނބަލުންނަށް، އެކަމަށް "އިކުރާހު ކުރާ" މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަނބަލުން އިކުރާހު ވެވުމަށްފަހު، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ އިލާހެވެ." (އައްނޫރު 24:33)
އަދި މިއާޔަތް ބާއްވައި ލެއްވިފައިވަނީ ޢަބްދުﷲ ބުނު ޢުބައްޔު ބުނު ސަލޫލު އާއި ބެހޭގޮތުންނެވެ. އޭނާއަށް ދެ އަޅު އަންހެން ކުދިން ވިއެވެ. އަދި އެވެރިން ޒިނޭކުރުމަށް އޭނާ މަޖުބޫރުކުރުވައެވެ. އަދި އެދެވެރިން އެކަމަށް ދެކޮޅުހަދަތެވެ.
އަދި މިއީ ޖުމްހޫރު ޢިލްމިވެރިންގެ ރައުޔެވެ. އެއީ އައްޝާފިޢީ އާއި އަބޫ ޙަނީފާ ފަަދަ، އަދި އަޙްމަދު ގެ އަރިހުންވެސް މަޝްޙޫރު ޤައުލެވެ. އަދި މިއާއި އެއްގޮތް ކޮށް އަލްޙަސަން އާއި މަކްހޫލް އާއި މަސްރޫޤު އަރިހުން ރިވާވެފައިވެއެވެ. އަދި ޢުމަރު ބުނު ޚައްޠާބު رضي الله عنه އަރިހުން، މިކަން (ދަލީލުކޮށްދޭ ބަސްފުޅު) އައިސްފައިވެއެވެ.
އަދި (އެހެނަސް) މިރައުޔު ނެންގެވި ބޭފުޅުން، ފިރިހެނަކު ޒިނޭ ކުރުމަށް އިކުރާހުވެވުމާއި މެދު ޚިލާފުވެލެއްވިއެވެ. އެއިން ބަޔެއްބޭފުޅުން ވިދާޅުވީ އެފަދަ މީހާގެ އިކުރާހު ޞައްޙަ ނޫން ކަމަށެވެ. އެހެނަސް އޭނާގެ މައްޗަށް އެކަމުގައި ފާފައެއް ނެތްކަމަށެވެ. އަދި މިއީ އައްޝާފިޢީ އާއި އަހަރެމެންގެ އަޞްޙާބުން ތެރެއިން އިބްނު ޢަޤީލްގެ ބަސްފުޅެވެ. އަދި އަނެއްބޭފުޅުން ވިދާޅުވަނީ އެ އިކުރާހު ޞައްޙަ ނުވާނޭ ކަމާއި އެކު އޭނާގެ މައްޗަށް އެކަމުގެ ފާފައާއި ޙައްދުވެސް ދެމިއޮންނާނޭ ކަމަށެވެ. އަދި މިއީ އަބޫ ޙަނީފާ رحمه الله تعالى ރައުޔެވެ. އަދި އަޙްމަދުގެ އަރިހުން ޞަރީޙަކޮށް އައިސްފައިވާ ގޮތެވެ. އަދި އަލްޙަސަން އަރިހުން ވެސް (ރިވާވެފައި) ވެއެވެ.
އަދި ދެވަނަ ރައުޔުއަކީ: ތަޤިއްޔާ (އެބަހީ: ބޭރުފުށުން އޮޅުވާލުމުގެ) (ރުޚްސާ) ވަނީ ބަސްތަކުން ކަމާއި ޢަމަލުން ތަޤިއްޔާ ކުރުމެއްވެސް އަދި އެއަށް އިކުރާހެއްވެސް ނުވާކަމެވެ. މިއީ އިބްނު ޢައްބާސް رضي الله عنه އާއި އަބުލް ޢާލިޔާ، އަބުއް ޝާޘާ، އައްރަބީޢު ބުނު އަނަސް އަރިހުން ރިވާވެގެންވާ ގޮތެވެ. އަދި މިއީ އަހުމަދުގެ އަރިހުންވެސް ރިވާވެގެންވާ އެއް ޤައުލުފުޅެވެ. އަދި ޝަހުނޫން އަރިހުންވެސް މިފަދައިން ރިވާވެފައިވެއެވެ. އަދި މިރައުޔުގެ މަތިން، އިކުރާހުގައި އޭނާ ރާބުޔަސް، ވައްކަން ކުރިޔަސް އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރެވޭނެއެވެ."
جامع العلوم والحكم; ابن رجب 252-2/251
އަހަރެން ބުންމެވެ:
އަދި ޖުމްހޫރުންގެ ރައުޔުގައި ދަލީލުވަރުގަދައެވެ. އަދި ޢައްމާރުގެ ހާދިޘާގައި އިކުރާހުގައި ނަބިއްޔާއަށް ބަދުބަސް ބުނުމަކީ، އޭގެ ޒާތުގައި ޢަމަލު ކުރެވޭ ބަޔެއް ކުފުރަށްވުރެ ބޮޑު ކުފުރެކެވެ. މިސާލަކަށް ނަމާދު އެޅުމުގެ ކުފުރަށްވުރެ އެކަލޭގެފާނަށް ބަދުބަސްބުނުމުގެ ކުފުރުގެ ބޮޑުވެފައި ޙައްސާސެވެ. އެހެންކަމުން މިމިސާލުގައި ދުލުގެ ކުފުރު ޢަމަލުގެ ކުފުރަކަށްވުރެ ބޮޑެވެ. އެހެންކަމަށް ވަނީނަމަ އެއަށްވުރެ ކުޑަ ކުފުރުތަކުގައި އެއަކީ ޢަމަލުން ކަމުގައިވިޔަސް މިރުޚްސާލިބެއެވެ. އަދި މިކަމުގެ މައްޗަށް އިހުބުނެވުނު އާޔަތް ބާރުދެއެވެ. އަދި ޢައްމާރުގެ މައްސަލައިގައިވެސް ޝަރުޠުވެވުނީ އޭނާގެ ހިތް ސާފުކޮށްއޮތުމުގެ މައްޗަށެވެ. އެހެންކަމުން އިސްތިސްނާ ދެވުނީ އިކްރާހުގައި ހިތުގެ ތެރެ އީމާނުގެމަތީ ބެހެއްޓުމެވެ. އަދި އެހެނަސް ޢަމަލުގެ މައްޗަށް ޝަރުޠެއް ނުލައްވައެވެ.
(ނުނިމޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.