އިތުރަށް ވިދާޅުވިއެވެ: "އަދި ޢުމަރު رضي الله عنه އަރިހުން، މާމުއި ހޯދުމަށް (ރޯނެއްގައި އެލިގެން އުސްބިމަކުން ވާދީއެއްގެ ތެރެއަށް) ފޭބި މީހާ…
އިތުރަށް ވިދާޅުވިއެވެ: "އަދި ޢުމަރު رضي الله عنه އަރިހުން، މާމުއި ހޯދުމަށް (ރޯނެއްގައި އެލިގެން އުސްބިމަކުން ވާދީއެއްގެ ތެރެއަށް) ފޭބި މީހާ އާއި ބެހޭގޮތުން ރިވާވެފައި ވެއެވެ. އޭނާގެ އަންހެނުން ރޯނުމައްޗަށް އަރައި ބުންޏެވެ: "ތިން ވަރިން އަހަރެން ވަރި ކުރާށެވެ. ނޫނީ މި (ވާގަނޑު) ކަނޑާލާނަމެވެ." އެހެންކަމުން އެމީހާ ﷲ އާއި އިސްލާމް ކަން މަތިން އެކަނބުލޭގެއަށް ހަނދުމަކޮށްދިނެވެ. އެކަނބުލޭގެ ބުންޏެވެ: "އެހެންޏާ (މިބުނި ގޮތަށް) ކަން ކުރާށެވެ. ނޫނީ އަހަރެން (އިންޒާރާއި އެއްގޮތަށް) ކަންކުރާ ހުށީމެވެ." ދެން ތިންފަށު ވަރިން އޭނާ ވަރިކުރިއެވެ. (އެހެނަސް ޢުމަރު ޙުކުމް ކުރައްވައި) އޭނާ އަނބުރައި (ކައިވެންޏަށް) ރުޖޫޢަކުރެއްވިއެވެ." މިކަން ރިވާ ކުރެއްވީ ސަޢީދު އެކަލޭގެފާނާއި ހަމަޔަށް ސަނަދަކުންނެވެ. އަދި މިއީ ވަޢީދެކެވެ. (ހަމައެކަނި އިންޒާރެއް ދީގެން ހިނގިކަމެކެވެ.)."
المغني 10/352
އަދި އިމާމް މާލިކު - رحمه الله ވިދާޅުވިއެވެ: (والوعيد المخوف إكراه وإن لم يقع، إذا تحقق ظلم ذلك المعتدي وإنفاذه لما يتوعد به )
"ބިރުވެރި އިންޒާރަކީ އިކުރާހެވެ. އެކަން (ޢަމަލުން) ނުހިނގާ އޮތަސް އެވެ. އެއިންޒާރުވެރިޔާ ގެ އަނިޔާވެރިކަން އެނގިގެންވާނަމައެވެ. އަދި އޭނާ އެދޭ އިންޒާރަށް ޢަމަލުކުރާ މީހެއްނަމައެވެ." (އޭނާ އަކީ އިންޒާރުދީ އެފަދައިން އަމަލުނުކޮށްފިނަމަ އެ އިންޒާރާއި އެއްގޮތަށް ކަންކުރާ އަނިޔާވެރިއެއް ކަން އެނގުމެވެ.)
އިމާމް އަބޫ ބަކުރު ބުނު އަލްޢަރަބީ ވިދާޅުވިއެވެ: "ތަހްދީދު (އެބަހީ: އިންޒާރު) އާއި މެދު މީސްތަކުން އިޚްތިލާފުވިއެވެ. އެއީ އިކްރާހުހެއްޔެވެ؟ ނޫނީ ނޫން ހެއްޔެވެ؟ އަދި ޞައްޙައީ އެއީ އިކުރާހުކަމެވެ. އެހެނީ އެކަމަކަށް (އިންޒާރުދިން ކަންތައް ކުރުމަށް) ކުޅަދާނަކަން ހުރި އަނިޔާވެރި މީހާ، މީހަކާއި ދިމާލަށް: "މިވެނި ކަމެއް ނުކޮށްފިނަމަ، ކަލޭ މަރާލާނަމޭ، ނޫނީ ތަޅާލާނަމޭ، ނޫނީ މުދާ ނިގުޅައިގަންނާނަމޭ، ނޫނީ ޖަލަށް ލާނަމޭ" ބުނެފިނަމަ، އަދި އެކަމުން ސަލާމަތް ވުމަށް އެއްވެސް އެހީތެރިއެއް -ﷲ މެނިވީ- ނުވާނަމަ، އެހިނދުގައި އެޢަމަލާއިގެން ކުރިޔަށް ދިޔުން އޭނާއަށް (ހުއްދަ) ވެއެވެ. އަދި ޖުމްލަގޮތެއްގައި އެކަމުގެ ފާފަ އޭނާ ފުށުން އުފުލެ އެވެ. އެއީ އެހެނަސް (އެހެން މުސްލިމެއް) ޤަތުލުކުރުން މެނުވީއެވެ."
އިބްނު ތައިމިއްޔާ - رحمه الله - ވިދާޅުވިއެވެ: "މަޛުހަބު ތަކުގެ މައްޗަށް އަހަރެން ބެލީމެވެ. އެހެންކަމުން އިކުރާހު ކުރެވޭ އެކިކަންތަކަށް، އިކުރާ ތަފާތުވާތުވާކަން ފެނުނެވެ. އެހެންކަމުން ކުފުރުގެ ބަސް ބުނުމަށް މުޢުތަބަރުވާ އިކުރާހު، (މުދާ) ހިބަކުރުމަށް ނޫނީ މިފަދަ ކަމެއް ކުރުމަށް މުޢުތަބަރުވާ އިކުރާހާއި އެއްފަދަ އެއްނޫނެވެ. އަދި ހަމަކަށަވަރުން އެއްފަހަރަށްވުރެ ގިނައިން އަޙްމަދު އަރިހުން އައިސްފައިވާގޮތުން، ކުފުރު ކުރުމަށް ވާ އިކުރާހު، އެހެންޏާ ތަޅައިގެން ނޫނީ އަތްފައިބަނދެ ދެވޭ އަނިޔަލުން (ތަޢުޛީބު އިން) މެނުވީ ނުވެއެވެ. އަދި އަނގައިން ބުނާ ބަހަކުން އެކަންޏެއް އެކަމުގައި އިކުރާހަށް ނުވެއެވެ. އަދި (އަޙްމަދު އަރިހުން) އައިސްފައިވާ ގޮތުން، އަންހެނަކު އޭނާގެ ފިރިމީހާގެ ގޭގައި، އޭނާގެ ރަން ފިރިމީހާއަށް ހަދިޔާކޮށްފިނަމަ، އެ އަނބުރާ ހޯދުމަށް އެކަނބުލޭގެއަށް (ހުއްދަ) ވާކަމަށެވެ. އެއީ އެކަނބުލޭގެ އޭނާ އެހެންޏާ ވަރިކޮށްފާނެތީ ބިރުން ނޫނީ ނުބައިކޮށްހިތާފާނެތީ ބިރުން ނޫނީ އެ ނުދޭނެތީއެވެ. އެހެންކަމުން ވަރި ކޮށްފާނެ ކަމަށް ނޫނީ ނުބައިކޮށްހިތާފާނޭކަމަށް ގަންނަ ބިރަކީ، (ނުހައްޤު މުދަލެއް ދިނުން ފަދަ ކަންކަމުގައި) އިކުރާހެއް ގޮތުގައި ކަނޑައެޅުއްވިއެވެ. އަދި އެނޫން ރިވާޔަތެއްގައި ވަނީ (ސާފުކޮށް) "އެކަނބުލޭގެއަށް އޭނާ އިކުރާހު ކުރުވީތީ" އޭ އެވެ. އަދި މިފަދަ ކަމަކީ ކުފުރު ކުރުމަށް ފުދޭވަރު އިކުރާހެއް ނޫނެވެ. އެހެނީ އަސީރުވެފައިވާ މީހެއް، ކާފަރުން އޭނާ ކައިވެނި ކުރުމުން ހުރަސް އަޅާފާނެކަމަށް ބިރުގަނެ ނޫނީ އޭނާ އާއި އޭނާގެ އަނބިމީހާ ވަކިކޮށްފާނެތީ ގަންނަބިރު، ކުފުރުގެ ބަސް ބުނުމަށް އޭނާގެ މައްޗަށް ހުއްދައެއް ނުވާނެއެވެ."
(الفتاوى الكبرى 569-4/568)
(މިސާލަކަށް ހައްޔަރު ކުރެވިފައިވާ މީހާ "ޢާއިލީ ބައްދަލުވުން" ދޭނަމޭ ނުވަތަ "އެކަހެރި ބައްދަލުވުން" ކަނޑާލާނަމޭ، ނޫނީ އާއިލީ ފޯންކޯލް، އެހެންނޫނީ މިވެނި ކުފުރުގެ ބަހެއް ބުނާށޭ ނޫނީ ކުފުރުގެ ވޯޓެއް ދޭށޭ، މިފަދަ ކަމަކީ އިކުރާހެއް ނޫނެވެ.)
(ނުނިމޭ)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.