އަލްއިރުޖާއު މަޛުހަބު އަދި ދީނުގެ މައްޗަށް އެއިން އޮތް ނުރައްކާ
🔴އަލްއިރުޖާއު މަޛުހަބު އަދި ދީނުގެ މައްޗަށް އެއިން އޮތް ނުރައްކާ
①
☪☪☪☪☪
❞ އަލްއިރުޖާއު: އަކީ ޒިންދީޤު ކަމާއި ކުފުރަށް ދޮރާށި ހުޅުވައިދޭ މަޛުހަބެކެވެ. އޭގެ ބިދުޢަ ޚަވާރިޖުންގެ ބިދުޢަތަށްވުރެ ˺ގޯސްކަން˹ ބޮޑެވެ. މިސަބަބަށްޓަކައި ސަލަފުންގެ ތެރެއިން އެއްބޭކަލަކަށްވުރެ ގިނަ ބޭކަލެއް، المرجئة ގެ ބިދުޢަ ޚަވާރިޖުންގެ ބިދުޢަތަކަށްވުރެ ބޮޑުވެފައި ˺ނުރައްކާކަން˹ ވަރުގަދަ ކަމުގައި ކަނޑައެޅުއްވިއެވެ. (މިފަދައިން ކަނޑައެޅުއްވި ސަލަފުން ތެރޭ) އައްނަޚަޢީ އާއި އެނޫން އެފަދަ ބޭކަލުން ހިމެނިލައްވައެވެ. އެއީ އެތައް ސަބަބަކާއި ހުރެއެވެ:
⬆️އޭގެ ތެރޭގައި: ޚަވާރިޖުންގެ ބިދުޢަ ހިފެހެއްޓިފައިވަނީ އެމަގުފުރެދުމުގެ ތެރޭގައި ކަމެވެ. އެހެނަސް އިރުޖާއު، އެވެރިންގެ ˺ފިކުރުގެ އަސާސީ ބާބު˹ ތެރެއިން އެކަނި ނިމުމަކަށް ނާދެއެވެ. އަދި ދީނުގެ ގޮތްޕަކަށް ފަހު ގޮތްޕެއް އެއިން ކައި ހުސްކުރެއެވެ. އެއީ އޭގެ އެއްވެސް ގޮތްޕެއް ބާކީ ނުއޮވެ ނެތި ދިޔުމާއި ހަމައަށެވެ. އަދި ދީން ކައި ހުސްވުމުން، ފިތުރަތުގައި ވަކިހިއްޕައެވެ. އެހެންކަމުން ސަލާމަތް ފިތުރަތްވެސް ބާކީ ނުއޮވެއެވެ. ނުވީތާކު އެފިކުރު އަމިއްލަޔަށް މިތަޣައްޔަރުތައް ނުކުރެވޭނަމަ، އެނޫން ތަކެއްޗަށް (ބިދުޢަތަކަށް) އެއިން ދޮރާށި ހުޅުވައެވެ.
⬆️އޭގެ ތެރޭގައި: السلطان (ވެރިމީހާ) ޚަވާރިޖުންނާއި ޢަދާވާތްތެރިވެ ހުރެއެވެ. އަދި އެވެރިންނާއި ހަނގުރާމަ ކުރެއެވެ. އެއީ އޭނާގެ ދުނިޔެވީ ˺މަޞްލަޙަތު˹ ރައްކައުތެރި ކުރުމަށްޓަކައެވެ. (އެބަހީ: ދީނަށްޓަކައި ނޫން ނަމަ ވެރިކަމަށްޓަކައިވެސް އެވެރިންނާއި ކުރިމަތިލައޭ އެވެ.) މުރުޖިޢާއިންނާއި މެދު ކަން އޮތީ މިއާ ޚިލާފަށެވެ: އެހެނީ ސުލްޠާނު އެވެރިންނާއި ހަނގުރާމައެއް ނުކުރެއެވެ. އަދި ފަހަރެއްގައި އޭނާގެ ދުނިޔެ (އެބަހީ: ވެރިކަން) ރައްކައުތެރި ކުރުމަށް އެވެރިން އަރިސްވެސް ކޮށްފާނެއެވެ. އަދި އެވެރިންގެ ފުށުން މީސްތަކުންގެ ދީން ފަސާދަކުރެއެވެ. މިގޮތުން ބުނެވެއެވެ: ‹إنَّ الإرجاء دينُ الملوكِ› (މާނައީ: އިރުޖާއު އަކީ ރަސްރަސްކަލުންގެ ދީނެވެ.) އަދި ޢިލްމުވެރިޔާ އާއި ވެރިމީހާ ވެސް ބުނެފައިވާނީ މިގޮތަށެވެ. ⁽*⁾
[ * މިތާނގައި އިޝާރާތްކުރައްވަނީ އައްނަޟްރު ބުނު ޝުމައިލު ގެ ބަސްފުޅަށެވެ. ވިދާޅުވިއެވެ: ”މައުމޫނު ˺ޚަލީފާ˹ ގާތަށް އިރެއްގައި އަހަރެން ދިޔައީމެވެ... އެހިނދު އައްސަވައިފިއެވެ: ”އަލްއިރްޖާއު އަކީ ކޮބައިތޯއެވެ؟“ އަހަރެން ދެންނެވީމެވެ: ”އެއީ ރަސްރަސްކަލުންނަށް އެއްބަސްވާ ދީނެކެވެ.. އޭގެން އެވެރިން ދުނިޔެ އިތުރުކުރެއެވެ... އަދި ދީން މަދުކުރެއެވެ.“ ˺މައުމޫނު˹ ވިދާޅުވިއެވެ: ”ތިބާ ތެދުބުނެއްޖެއެވެ!!“ ]
⬆️އޭގެ ތެރޭގައި: މުރުޖިއާއިން އެނޫން ބިދުޢަވެރިންނަށް ބިދުޢަތާއި މަގުފުރެދުމުގެ ދޮރާށި ހުޅުވުން ހިމެނެއެވެ. އެއީ އެވެރިން އަމިއްލަޔަށް އެބިދުޢަތަށް ނުފެތުރިއެއް ކަމަކުއެވެ. އެހެންކަމުން، ޖަހުމީންނަށް އެންމެ ފުރަތަމަ ˺މިއުއްމަތުގެ މައްޗަށް˹ ދޮރާށި ހުޅުވައިދިން ބަޔަކީ މުރުޖިއާއިންނެވެ. މިއީ ވަކީޢު ވިދާޅުވި ފަދައިންނެވެ. އަދި ހަމަކަށަވަރުން މިޔަދު، ލިބެރަލިސްޓުންނަށް ދޮރާށި ހުޅުވައިދިން ބަޔަކީވެސް މިއީއެވެ.
⬆️އޭގެ ތެރޭގައި: ނައްޞުތައް (އޭގެ ޙަޤީޤީ މާނަތަކުން) އަނބުރައި އޮޅުވުމުގައި މުރުޖިޢާއިންގެ ފުޅާކަން މާބޮޑުވުން ވެއެވެ. އަދި ނައްޞު (އޮޅުވައިލުމަކުން) އެކަންޏެއް ފުއްދައި ނުލައެވެ. އަދި މަގުފުރެދުމުގެ ޙައްދުގައި އެކަންޏެއް ނުހުއްޓެއެވެ. ނުވީތާކު އެވެރިންގެ ޤަޥްލުން ދީނުގެ ބޭރުފުށް ނަފީކުރުމަށް ނިޔާކަނޑައަޅައެވެ. ދެން އޭގެ އެތެރެފުށްވެސް މެއެވެ. މިސަބަބަށްޓަކައި ސަލަފުންގެ ތެރެއިން ބައެއް ބޭކަލުން އެވެރިންނަށް ނަންދެއްވީ: ‹يهودَ القِبلة› (ޤިބުލައިގެ ޔަހޫދީންނޭ) އެވެ. މިހެން ވިދާޅުވި ބޭކަލުންތެރޭގައި ސަޢީދު ބުނު ޖުބައިރު ފަދަ ބޭކަލުން ހިމެނިލައްވައެވެ. އެހެނީ އެވެރިން ކޮންމެ އަނިޔާވެރި ފާސިޤަކަށް ނަރަކައިން ސަލާމަތް ވުމާއި ޖަންނަތަށް ވެއްދެވުމުގެ ވަޢުދުދެއެވެ. އެގޮތުން ވަޢީދުތައް ލުއިކޮށްލައެވެ. ވީމާ އެވެރިން ވައްތަރުވެގެންވަނީ ﷲ ގެ ޢަޛާބު ލުއިއެއްޗަކަށް ހަދައިލި ޔަހޫދީންނާއި އެވެ. އެއީ (ޤުރުއާނުގައި ވާ ފަދައިން) އެވެރިން މިހެން ބުނިހިނދެވެ: ﴿ لَن تَمَسَّنَا ٱلنَّارُ إِلَّآ أَيَّامًا مَّعۡدُودَةًۚ ﴾ (البقرة 80) [މާނައީ: عدد ކުރެވިގެންވާ (އެބަހީ: މަދު) ދުވަސްކޮޅެއްގައި މެނުވީ، ނަރަކައިގެ އަލިފާން ތިމަންމެން ގަޔަކު ނުބީހޭނެތެވެ.]
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.