1) އަލް ކައިސާނިއްޔާ (الْكَيْسَانِيَّة)
(1) އަލް ކައިސާނިއްޔާ (الْكَيْسَانِيَّة)
ތަޢްރީފު:
މިއީ އުވިފައިވާ ޝީޢާ ފިރުޤާ އެކެވެ. ނަން ނިޞްބަތް ކުރެވިފައި ވަނީ، ޢަލީ ބުނު އަބީ ޠާލިބު ގެ މަޥްލާ (މިނިވަން ކުރެވުނު އަޅު) ، ކައިސާން އަށެވެ.
އެވެރިން ދެކޭ ގޮތުން ކައިސާން ވަނީ ޢަލީ އާއި އެކަލޭގެފާނުގެ ދަރިކަލުން މުޙައްމަދު އަރިހުން، އެންމެހާ ސިއްރު ތަކެއްގެ ޢިލްމު އުނގެނިފައެވެ. އޭގެ ތެރޭގައި، ޤުރުއާނުގެ ތައުވީލު (ފާޅުގައި ނުވާ މާނަ) ތަކާއި، އެތެރެފުށާއި، އުދަރެހާއި ނަފުސުގެ އެންމެހާ ސިއްރު ޢިލްމުތަކެކެވެ.
މިބައިމީހުން ޤަބޫލު ކުރާ ގޮތުގައި، ޙުސައިންގެފާނު މަރުވުމަށްފަހު އިމާމު ވަންތަކަން ވަނީ ކޮއްކޮ، މުޙައްމަދު ބުނު ޢަލީ ބިން އަބީ ޠާލިބް އަށް (އެނޫން ނަމަކުން ނަމަ، އިބްނުލް ޙަނަފިއްޔާ އަށް) ދެވިފައެވެ. އަދި އަލްމަހްދީ އަކީ މިއީ ކަމަށް ދައުވާ ކުރެއެވެ.
ކައިސާނީން ގެ ޢަޤީދާ ތެރޭގައި:
ހ. ޢަލީ އަށް ފަހު، ޚަލީފާ ކަމަށް އެންމެ އައުލާކަން ބޮޑީ މުޙައްމަދު ބުނުލް ޙަނަފިއްޔާ ކަމަށާއި، މިކަލޭގެފާނު އާއި ދެކޮޅު ހަދާ މީހުންނީ ކާފަރުން ކަމުގައި.
ށ. އެވެރިން ”ބަދާއު“ އަށް އީމާން ވުން، އެބަހީ ކުރިން ލިބިފައި ނުވާ ޢިލްމެއް ފަހުން އެނގިވޮޑިގެން، އޭގެ މައްޗަށް ﷲ އެއިލާހުގެ ޤަދަރު ބަދަލުކުރައްވާ ކަމަށެވެ.
ނ. މަހްދީ އަކީ މުޙައްމަދު ބުނުލް ޙަނަފިއްޔާ ކަމަށާއި، މިކަލޭގެފާނު(މަދީނާ ގާތުގައިވާ) ރަދުވާ ފަރުބަދާގައި ދިރި ހުންނެވި ކަމަށެވެ. އަދި ދެސިންގާ މިކަލޭގެފާނު ރައްކައުގައި ވާ ކަމަށާއި، އެކަލޭގެފާނުންގެ 40 އަޞްޙާބުންވެސް ކައިރީގައި ތިއްބެވިކަމަށެވެ. އަދި ދިގު މުއްދަތަށް ޣައިބުގައި ހުންނެވުނަށް ފަހު، ފާޅުވެވަޑައިގެން ދުނިޔޭގައި ޢަދުލު ޤާއިމު ކުރައްވާނޭ ކަމާށެވެ.
ރ. އެވެރިން ދެކޭ ގޮތުން ދީނަކީ ވަކި ފަރުދަކަށް ކިޔަމަން ގަތުމެވެ.
ބ. އިސްލާމް ކަމުގެ ރުކުންތަކަށް މިވެރިން އިންކާރު ކުރެއެވެ. އަދި އަލުން ދިރުއްވާނޭ ކަމާއިމެދު ޝައްކު ކުރެއެވެ. އަދި އެހެނަސް މަރުވުމަށްފަހު އަލުން ދުނިޔެއަށް އާދެވޭނޭ ކަމާއި އެހެން ހަށިގަނޑަކަށް ރޫހު އިޔާދަކުރެވޭ (އިންކާނޭޝަން) ޢަޤީދާއަށްވެސް އީމާން ވެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.