43- ޖުމްހޫރު ޢިލްމުވެރިންގެ ނަޒަރުގައި އަމިއްލަ ބާރުން މަނި ބޭރުކުރުމުން ރޯދަ ގެއްލޭނެއެވެ. އަދި ވިދާޅުވަނީ، އެއީ ނަބިއްޔު ﷺ މިޙަދީޘް ގެ…
43- ޖުމްހޫރު ޢިލްމުވެރިންގެ ނަޒަރުގައި އަމިއްލަ ބާރުން މަނި ބޭރުކުރުމުން ރޯދަ ގެއްލޭނެއެވެ. އަދި ވިދާޅުވަނީ، އެއީ ނަބިއްޔު ﷺ މިޙަދީޘް ގެ ސަބަބުން ކަމެވެ: «قال الله تعالى: "يدع طعامه وشرابه وشهوته من أجلي"» (ﷲ تعالى ވަޙީ ކުރައްވައެވެ: ތިމަން ﷲ އަށްޓަކައި އޭނާގެ ކެއުމާއި އޭނާގެ ބުއިމާއި އޭނާގެ ޝަހުވަތު އޭނާ ވަނީ ދޫކޮށްފައެވެ.) އަދި ޝަހުވަތަކީ ޖިމާޢުވެ އަދި އެއިން މަނި ބޭރުވުމެވެ. އަދި ޖަމާޢަތެއް ވަނީ އެކަމުގެ ސަބަބުން (އެބަހީ: އަމިއްލަޔަށް މަނި ބޭރުކުރުމުގެ ސަބަބުން) ރޯދަ ނުގެއްލޭނޭ ކަމަށް ދެކިލައްވާފައެވެ. އެއީ އެކަމަކަށް ދަލީލު ނުވެއްޖެ ނަމަ އޭގެ އަޞްލު ބަރީޢަވެއޮތުމުގެ މައްޗަށް ބިނާކޮށެވެ. އަދި އަބޫ ހުރައިރާ އާއި އިބްނު ޢައްބާސް ގެ ބަސްފުޅަށް ވެސް މެއެވެ: އެއީ ރޯދަ ގެއްލުން ވަނީ އެތެރެވާ އެއްޗެއްގެ ސަބަބުންކަމާއި ނިކުންނަ އެއްޗެއްގެ ސަބަބުން ނޫންކަމެވެ. އަދި (އިހު ބަޔާންވެވުނު) ޙަދީޘް ގައިވާ "ޝަހުވަތު" ގެ މާނައަކީ ޖިމާޢުވުން (އެކަނި) ކަމުގައެވެ. އެހެނީ އެވެރިން އެޛިކުރު ކުރާ ގޮތަށް އޭގެން މާނަ ކުރަނީ ނަމަ، އޭގެ ތެރެއަށް އެންމެހާ ޝަހުވަތް ތަކެއް ވަންނާނެކަމެވެ. ޙަރާމް ނަޒަރެއް ހިންގުން އަދި މިބާވަތުގެ ކަންކަންވެސް މެއެވެ. މިއާއިއެކު ޖުމްހޫރުންގެ ބަސްފުޅު ބޮޑަށް ރައްކައުތެރި އެވެ. އެހެންކަމުން މިކަމުގައި ސުވާލުވެއްޖެ މީހާގެ މައްޗަށްވަނީ، ޤަޟާއު ކުރުމަށް އަމުރު ކުރުމެވެ. އެހެނަސް އޭނާ އަކަށް ކައްފާރާ އެއް ނުވެއެވެ. މިއާއި ޚިލާފަށް މަޛިޔު ބޭރުވުން (އެއީ، ޝަހުވަތުގެ ސަބަބުން މަނީގެ ކުރިން އަންނަ ކުލައެއް ނުހުންނަ ލޮންޖެއް) ، އަޙްމަދު ގެއަރިހުން މިއަށް ދެ ބަސްފުޅެއް ވެއެވެ: ރޯދަ ގެއްލޭނެކަމާއި ނޫން ކަމެވެ. އަދި ރަނގަޅު ބުނުމަކީ، ރޯދަ ނުގެއްލޭނޭ ކަމެވެ. އެހެނީ މިކަމުގެ މައްޗަށް އެއްވެސް ދަލީލެއް ނުވެއެވެ.
44- ޙިޖާމާ ޖެހުމުން ރޯދަ ގެއްލޭނެތޯ އާއިމެދު ޚިލާފުވެފައި އެވެެ. ބައިގަނޑެއް ކަނޑައަޅުއްވީ ރޯދަ ގެއްލޭނޭ ކަމެވެ. އެއީ އިތުރުއެކަލޭގެފާނުން ﷺ ގެ މިބަސްފުޅުގެ މައްޗަށެވެ: «أفطر الحاجم والمحجوم» (ޙިޖާމާ ޖަހައިދޭ މީހާއާއި ޙިޖާމާ ޖެހޭ މީހާގެ ރޯދަ ގެއްލިއްޖެއެވެ.) އަދި އިސްޙާޤު ބުނު ރާހުވައިހި ދެކިލެއްވީ މިގޮތެވެ. އަދި އިބްނު ތައިމިއްޔާ އާއި އިބްނުލް ޤައްޔިމް ތާއީދުކުރެއްވީ މިގޮތުގެ މައްޗަށެވެ. އަދި އިބްނު ތައިމިއްޔާ ވިދާޅުވެފައިވާ ގޮތުން މިއީ ޙަދީޘް ޢިލްމުވެރިން ކުރެ ޖުމްހޫރުންގެ ޤަޥްލެވެ. އަދި ޖަމާޢަތެއް ވަނީ ޙިޖާމާ އިން ރޯދަ ނުގެއްލޭނޭ ކަމަށް ދެކިލައްވާފައެވެ. އަދި މިބޭފުޅުން ތައް ޙިޖާމާ ޖެހުމުން ރޯދަ ގެއްލޭނެ ކަމަށްވާ ޙަދީޘްތައް ބަލިކަށި ކުރައްވައެވެ. މީގެ ތެރޭގައި އައްޝާފިޢީ ފަދަ، އެޙަދީޘް މަންސޫޚު ވެފައިވާ ކަމަށް ވިދާޅުވާ ބޭކަލުންވެއެވެ. އަދި ވިދާޅުވާގޮތުން ނަބިއްޔު ﷺ އަރިހުން ބައިވަރު ޙަދީޘް ޙިޖާމާ އިން ރޯދަ ނުގެއްލޭނޭ ކަމަށް އައިސްފައި ވެއެވެ. އޭގެތެރޭގައި: އަބޫ ޚުޒައިމާ ގެ (ފޮތުގައި) އައިސްފައިވާ އަބޫ ސަޢީދުގެ، މަޥްޤޫފު ރިވާޔަތް: «رخص للصائم في القبلة والحجامة» (ރޯދަވެރިޔާއަށް ދޮންދިނުމާއި ޙިޖާމާ ގައި ލުއިދެއްވުނެވެ.) އަދި އެނގިބަޔާން ވާފަދައިން އެކަމަށް ލުއި ދެއްވެވިފައިވަނީ ނަބިއްޔު ﷺ އަރިހުންނެވެ. އަދި މި އަޘަރުގެ ސަނަދު ޞައްޙައެވެ. އަދި އަލްބުޚާރީ ރިވާކުރެއްވި ޙަދީޘެވެ: «أن النبي صلى الله عليه وسلم احتجم وهو محرم واحتجم وهو صائم» އެއީ (ނަބިއްޔު ﷺ އިޙްރާމުގައި ހުންނަވައި ޙިޖާމާ ޖެއްސެވިއެވެ. އަދި ރޯދަޔަށް ހުންވައި ޙިޖާމާ ޖެއްސެވިއެވެ.) އަދި އަބޫ ދާވޫދު ޞައްޙަ ސަނަދަކުން، ޢަބްދުއް ރަޙްމާން ބުނު އަބީ ލައިލާ އަރިހުން ރިވާކުރެއްވި ޙަދީޘެވެ: "أن النبي صلى الله عليه وسلم نهى عن الحجامة والمواصلة ولم يحرمهما إبقاء على أصحابه" އެއީ (ނަބިއްޔު ﷺ ރޯދާގައި ޙިޖމާާ ކުރުމާއި ރޯދަ ނުވީއްލައި ރޯދަ ހިފުމަށް ނަހީ ކުރެއްވިއެވެ. އެހެނަސް އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އޯގާތެރިވެ އެކަން ޙަރާމް އެއް ނުކުރައްވައެވެ.) އަދި އަލްބުޚާރީ ގައި، ޘބާިތު އަރިހުން، އަނަސް އަށް ދެންނެވިޔޭ: (أكنتم تكرهون الحجامة للصائم؟ فقال لا إلا من أجل الضعف) (ތިޔަބޭކަލުން ރޯދަޔަށް ހުންނަމީހާ ޙިޖާމާ ކުރުމަށް ނުރުއްސަވައި ނުއުޅުއްވަމު ހެއްޔެވެ؟ (އަނަސް) ވިދާޅުވިއެވެ: ނޫނެކެވެ. އެހެނަސް ވަރުދެރަ ވުމުގެ ސަބަބުން މެނުވީއެވެ.) އަދި މިސަބަބަށްޓަކައި އިބްނު ޢުމަރު ދުވާލު ޙިޖާމާ ޖައްސަވައި އުޅުއްވަތެވެ. އަދި ވަރުދެރަވާހިނދު ރޭގަނޑު ޙިޖާމާ ޖައްސާވަ އެވެ. އަދި މިރިވާޔަތް އެކަލޭގެފާނާއި ހަމަޔަށް ޞައްޙައެވެ. އަދި ރަނގަޅު ބުނުމަކީ މިއީއެވެ. ޙިޖާމާ ގެ ސަބަބުން ރޯދަ ނުގެއްލޭނޭ ކަމެވެ. އެހެނަސް ވަރުދެރަ މީހާ، އޭނާ ވަނީ އެކަމުން ދުރުހެލިވުމެވެ.
މީގެ މައްޗަށް ބަލައި، ތަޙުލީލާއި އެނޫން ކަންކަމުގައި ރަމަޟާން މަހު ދުވާލު ލޭ ނެގުމަކުން ރޯދަ ނުގެއްލޭނެއެވެ. ޞައްޙަ ބުނުމަކީ މިއީއެވެ. އަދި ގިނަ ޚަބަރުތަކާއި ގިނަ ޙަދީޘް ތަކުން ދަލީލުކުރާ އެއްޗަކީ މިއީއެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.