ހޮނިހިރުދުވަހުގައި އެކަނި ރޯދަޔަށް ހުރުމުގެ ޙުކުމް
⁉️ހޮނިހިރުދުވަހުގައި އެކަނި ރޯދަޔަށް ހުރުމުގެ ޙުކުމް
❌❌
«لا تصوموا يوم السبت إلا فريضة ولو لم تجد إلا لحاء شجرة فأفطر عليه»
”ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެވިގެންވާ ރޯދައެއްގައި މެނުވީ ތިޔަބައިމީހުން ހޮނިހިރު ދުވަހު ރޯދާ ނުހިފާށެވެ! އަދި ގަހެއްގެ ދަނޑިގަނޑެއް މެނުވީ އަތުނުޖެހުނަސް، އޭގެންވިޔަސް ރޯދަ ވީއްލާށެވެ.“
❞ މިއީ މުންކަރު⁽¹⁾ ރިވާޔަތެކެވެ. އަދި ޞައްޙަކުރެއްވި ބޭކަލުން، އެކަމުގައި އެވަނީ ކުށްޖެހިވަޑައިގެނެވެ. އެހެނީ ޙުއްފާޡުން (ޙަދީޘު ޢިލްމުވެރިން) ކުރެ ބޮޑެތި އިމާމުން ވަނީ މިރިވާޔަތުގެ މުންކަރު ކަމާއި މެދު އިއްތިފާޤުވެވަޑައިގެން ނެވެ. އަދި އިމާމު މާލިކު އެއާއިމެދު މިހެންވެސް ވިދާޅުވިއެވެ: ”މިއީ ރަސޫލު ﷲ ﷺ ގެ މައްޗަށް ހަދާފައިވާ ދޮގެކެވެ!“ އަދި އެކަލޭގެފާނީ އެކަލޭގެފާނެވެ. (އެބަހީ: އިމާމް މާލިކަކީ އެންމެންނަށްވެސް އެކަލޭގެފާނުގެ މަޤާމު އެނގިގެންވާ ބޭފުޅެކެވެ.)
އަދި އިމާމް އަޙްމަދު މިޙަދީޘާއި މެދު ވިދާޅުވިއެވެ: ”މިއީ މުޟްޠަރިބު (އޭގެ ސަނަދުގައި އޮޅުންބޮޅުން އަރާފައިވާ) ޙަދީޘެކެވެ.“ (އެކަލޭގެފާނު އަރިހުން) މިވާހަކަ އަލްޚައްލާލް އާއި ޖަމާޢަތެއް ގެންނެވިއެވެ.
މީގެ މައްޗަށް، މިޙަދީޘުގެ މަތަނުގައި (އެބަހީ ބަސްކޮޅުގައި) ވެސް އިންކާރުވުން ވެއެވެ. ދެޞަޙީޙުގައި (އެބަހީ: އަލްބުޚާރީ އާއި މުސްލިމްގައި) ރިވާވެފައި ވެޔޭ، ނަބިއްޔު ﷺ ޖުވައިރިޔަތުގެފާނު އަރިހަށް ވަޑައިގެންނެވި ހިނދު، އެކަމަނާ ހުންނެވީ ހުކުރު ދުވަހު ރޯދަހިއްޕަވައިގެންނޭއެވެެ. އެހެންކަމުން ޙަދީޘު ކުރެއްވިޔޭ: ”ކަމަނާ މާދަމާވެސް ރޯދަ ހިއްޕަވާނުތޯއޭ؟“ —އެބަހީ ހޮނިހިރުގައެވެ.⁽²⁾ މީގައި ހޮނިހިރު ދުވަހުގައި ރޯދަޔަށް ހުރުން ޖާއިޒުކަމުގެ މައްޗަށް ދަލީލުވެއެވެ. އަދި އެއީ (އަލްބުޚާރީ އާއި މުސްލިމް، ދެބޭކަލުން) އެއަށް އިއްތިފާޤުވެލައްވާފައިވާ ޙަދީޘެކެވެ. އެހެންކަމުން އަބޫ ދާވޫދާއި އެނޫން ބޭކަލުން އަރިހުން އައިސްފައިވާ ޙަދީޘެއް، އޭގެ ޞައްޙަކަމަށް އިއްތިފާޤުވެވިފައިވާ ޙަދީޘަކާއި ވިއްދޭނީ ކިހިނަކުން ހެއްޔެވެ؟
އަދިވެސް އިތުރުއެކަލޭގެފާނުން ﷺ ޙަދީޘް ކުރައްވާފައި ވެއެވެ:
«أحبُّ الصيامِ إلى اللهِ صيامُ داودَ، و كانَ يصومُ يومًا، و يفطرُ يومًا» “ﷲ ގެ ޙަޟުރަތަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރޯދަ ހިފުމަކީ، ދާވޫދު عليه السلام ރޯދަހިއްޕެވި ގޮތެވެ. އެއް ދުވަހު ރޯދައަށް ހުންނަވައި ޖެހިގެން އަންނަ ދުވަހު ރޯދަ ދޫކުރައްވައެވެ.“⁽³⁾
ވީމާ، ހުކުރު ދުވަހު ރޯދަޔަށް ނުހުންނަ ނަމަ، ހޮނިހިރުދުވަހު ރޯދަޔަށް ހުރެ، ދެން އާދިއްތަ ދުވަހު ރޯދަޔަށް ނުހުރުމެވެ.
އަދި ޞަރީޙަކޮށް ރަސޫލު ﷲ ﷺ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ރޯދަޔަށް ހުންނެވިކަމުގައި ވެސް ވާރިދުވެފައި ވެއެވެ. އެހެނަސް މިރިވާޔަތް ތަކުގެ ޞައްޙަކަމުގައި ދެބަސްވުން ވެއެވެ. އެހެނެސް ހޮަނިހިރުގައި ނުހިފުމަށް އޮތް ރިވާޔަތަށް ވުރެ އެތަކެތި ވަރުގަދައެވެ.❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން
(ސުނަން އައްތިރުމިޛީގެ ރޯދަޔާއި ބެހޭ ބާބުގެ ޝަރަޙައިން (ލިޔުންކޮޅު))
~ ގަލަންދާނު 🖋
ــــــــــــــ
[1] މުންކަރު ޙަދީޘް: ވަރުގަދަ ރާވީންގެ މަގުތައް އޮވެމެ އެއިން ރިވާނުވެ، ހަމައެކަނި ބަލިކަށި ރާވީއެއްގެ ފުށުން އެކަނި އައިސްފައިވާ ޙަދީޘް، އަދި ޞައްޙަކަން ވަރުގަދަ ރާވީއެއްގެ ރިވާޔަތާއި މިބަލިކަށި ރާވީގެ ރިވާޔަތެއް މުޑިއަރާނަމަ، އޭގައި މުންކަރުކަން އިތުރުވެއެވެ. މުންކަރުގެ މާނައީ އިންކާރުވުމެވެ. [އިންކާރުވުން: އެބަހީ އެއްބަސްނުވުން، ނުޤަބޫލުވުން (ދިވެހި ބަހުގެ ރަދީފު)]
[2] ނޯޓް: ޖުވައިރިޔަތުގެފާނުގެ ޙަދީޘު ރިވާވެފައިވަނީ އަލްބުޚާރީގައި އެކަންޏެވެ: އެއީ އުންމުލް މުއުމިނީން، ޖުވައިރިޔާ ބިންތުލް ޙާރިޘް ހުކުރު ރޯދައަށް ހުންނަވަނިކޮށް ނަބިއްޔާ ﷺ އެކަމަނާގެ އަރިހަށް ވަދެވަޑައިގެން ޙަދީޘްކުރެއްވިއެވެ:
«أَصُمْتِ أَمْسِ؟» ”ކަމަނާ އިއްޔެ ރޯދައަށް ހުންނެވިން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” قَالَ: «تُرِيدِينَ أَنْ تَصُومِي غَدًا؟» އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މާދަމާ ރޯދައަށް ހުންނެވުމަށް ކަމަނާ ޤަޞްދުކުރައްވަން ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” قَالَ: «فَأَفْطِرِي» އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، ކަމަނާ ރޯދަ ދޫކޮށްލައްވާށެވެ.“ [އަލްބުޚާރީ 1986]
އަދި އެހެނަސް "ދެޞަޙީޙު" ގައި ވާ ޙަދީޘަކީ އަބޫ ހުރައިރާގެ ޙަދީޘެވެ. އެއީ:
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ ﷺ يَقُولُ: «لا يَصُومَنَّ أَحَدُكُمْ يَوْمَ الْجُمُعَةِ إِلا يَوْمًا قَبْلَهُ أَوْ بَعْدَه» އަބޫ ހުރައިރާ ވިދާޅުވިޔޭ: ނަބިއްޔު ﷺ ޙަދީޘް ކުރެއްވީތީ ތިމަންކަލޭގެފާނުގެ އަޑުއެއްސެވީމޭ: ”އޭގެ ކުރިޔަށް އެއްދުވަސް ނޫނީ އޭގެ ފަހަށް އެއްދުވަސް ލައިގެން ރޯދަހިފާ ގޮތުގައި މެނުވީ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ހުކުރުދުވަހު ރޯދަ ނުހިފާހުށިކަމެވެ.“
އަލްބުޚާރީ (1985) އަދި މުސްލިމް (1144) الله أعلم.
[3] އަލްބުޚާރީ 3420
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.