ރޯދަޔަށް ނިޔަތް ގަތުމުގެ ޙުކުމް
ރޯދަޔަށް ނިޔަތް ގަތުމުގެ ޙުކުމް
ރޯދަބެހެނީ: ފަރުޟު އަދި ނަފްލު (ސުންނަތް) ރޯދަތަކަށެވެ.
ފަރުޟަށް ބަލާއިރު: ޝައްކެތްނެތް ގޮތުގައި ފަޖުރު ލުމުގެ ކުރިން ނިޔަތް ގަންނާންޖެހެއެވެ.
މިކަމުގެ މައްޗަށްވާ ދަލީލަކީ، "ސުނަން" ގެ ބޭފުޅުން ރިވާކުރައްވާފައިވާ ޙަދީޘެވެ. އެއީ ﷲ ގެ ނަބިއްޔާ ﷺ ގެ އަނބިކަނބަލުން، ޙަފްޞާ އަރިހުން، ﷲ ރަސޫލާ ޙަދީޘް ކުރެއްވިއޭ:
«من لم يجمع الصيام قبل الفجر ، فلا صيام له»
"ފަޖުރުގެ ކުރިން ރޯދަ ޖަމަޢަ ނުކޮށްފި މީހާ، ފަހެ އޭނާ އަކަށް ރޯދައެއް ނެތެވެ."
މިޙަދީޘް ޞައްޙައެވެ. އަދި އަލްޙާކިމް އާއި އަލްޚައްޠާބީ ރަފަޢު ގެ ދަރަޖަ ދެއްވިއެވެ. އެހެނަސް ޙަދީޘް ޢިލްމުވެރިން ތެރެއިން އަރައިތިއްބެވި ބޭކަލުން، އެއީ ޢަޙްމަދު އާއި އެނޫން ބޭފުޅުން، އެއީ މަޥްޤޫފު ރިވާޔަތެއްގޮތުގައި ކަނޑައެޅުއްވިއެވެ. އަދި ހެޔޮވެގެންވަނީ މިގޮތެވެ. އަދި އެހެސް މިރިވާޔަތް، ޙަފްޞާ އަދި އިބްނު ޢުމަރު އަރިހުން (މަޥްޤޫފުކޮށް) އައިސްފައިވާ ހިނދު، އެދެބޭފުޅުންނާއި އެއްވެސް ޞަޙާބީއެއް މިކަމުގައި ޚިލާފުވެފައިވާކަމެއް އެނގޭންނެތެވެ.
ދެންފަހެ ނަފްލު ރޯދައަށް ބަލާއިރު: ހެނދުނުވާހިނދުވެސް އޭގެ ނިޔަތް ގަތުން ހުއްދައެވެ. އަދިމިކަމަށްވާ ދަލީލަކީ: އުއްމުލް މުއުމިނީން ޢާއިޝާ އަރިހުން ޞަޙީޙް މުސްލިމް ގައި ވާރިދުވެފައިވާ ޙަދީޘެވެ:
ވިދާޅުވިއެވެ: ﷲގެ ނަބިއްޔާ ﷺ ތިމަން ކަމަނާ ގާތަށް އެއްދުވަހު ވަޑައިގެންނެވިއެވެ. ޙަދީޘް ކުރެއްވިއެވެ: "ކަމަނާ އަތުގައި (ކާނެ) އެއްޗެއް އެބަހުރިހެއްޔެވެ؟" ވިދާޅުވީމެވެ: ނޫނެކެވެ. ޙަދީޘް ކުރެއްވިއެވެ: «فإني إذن صائم» "އެހެންވެއްޖެއްޔާ ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ." ދެން އެނޫންދުވަހަކު ތިމަންކަމަނާމެންގެ ގާތަށް ވަޑައިގެންނެވިއެވެ. ވިދާޅުވީމުއެވެ: އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަމަނާމެންމަށް ހަދިޔާއަކަށް ޙައިސް (ކަދުރާއި ޗީޒް އާއި ގިތެޔޮ އެއްކޮށްގެން ހަދާ ފޮނިކާއެއްޗެއް) ލިބިވަޑައިގެންފިއެވެ. ޙަދީޘް ކުރެއްވިއެވެ: «أرينيه، فلقد أصبحت صائما» "އެދެއްވަބަލާށެވެ. އެހެނީ ފަހެ ހެނދުނުއްސުރެ ތިމަންކަލޭގެފާނު މިހުންނެވީ ރޯދައަށެވެ." ދެން ކެއިންބެއްލެވިއެވެ.
އަދި ބޭނުންނަމަ ފަޖުރުގެ ފަހުން ނާފިލު ރޯދަ ހިފުން، ޞަޙާބީންގެ ތެރެއިން ޖަމާޢަތެއްގެ އަރިހުން ވާރިދުވެފައިވެއެވެ.
~އައްޝެއިޚް ޢަބްދުﷲ އައްސަޢްދު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.