ޚުލާސާ
❹
ޚުލާސާ:
މުރުތައްދެއް މަރުވެއްޖެނަމަ ނޫނީ ޤަތުލުވެއްޖެ ނަމަ، އޭނާގެ މުދަލުގެ ޙުކުމާއި މެދު ޢިލްމުވެރިން ވަނީ ތިން ގޮތަކަށް ޚިލާފުވެއެވެ:
(ހ) އޭނާގެ އެންމެހާ މުދަލެއް ވަނީ ފަޔިއު ގޮތުގައި ބައިތުލް މާލަށް ނެގިގެން ކަމެވެ. މިއީ މާލިކު އާއި އައްޝާފިޢީ އަދި އަޙްމަދުގެ ޤަޥްލު
(ށ) އޭނާގެ މުދާ ވަނީ އޭނާގެ މުސްލިމު ވާރުތަވެރިންނަށް ކަމެވެ. އެމުދައު ހޯދާފައިވަނީ އެހެންޏާ އިސްލާމް ކަމުގައި ވިޔަސް ނޫނީ މުރުތައްދު ވުމަށް ފަހުގައިކަމަށް ވިޔަސް އެވެ. މިއީ އަބޫ ޔޫސުފު އާއި މުޙައްމަދު ގެ ބަސްފުޅެވެ.
(ނ) އޭނާ އިސްލާމް ކަމުގައި ހުރެ ހޯދި ތަކެތި ވަނީ އޭނާގެ މުސްލިމު ވާރުތަވެރިންނަށް ކަމެވެ. އަދި މުރުތައްދު ކަމުގައި ހޯދާފައިވާ މުދާ ވަނީ ބައިތުލް މާލަށް ކަމެވެ. އަދިި މިއީ އަބޫ ޙަނީފާ ގެ ބަސްފުޅެވެ.
ނިމުނީ.⁽⁵⁾
އަހަރެން ބުނަމެވެ: މުރުތައްދު ކަމަށް ދެބަސް ވުމެއް ނެތި ޘާބިތުވެއްޖެ މީހާ، އެއީ އޭގެ އެންމެހާ މަވާނިޢުތަކުން ވީއްލިގެންވާކަން އެވަރުގެ ޢިލްމު ހުރި މީހެއްގެ އަމުރުގެ މައްޗަށް ކަނޑަ އެޅޭ ހިނދު، އޭނާގެ މުދައު އެހެންޏާ މުސްލިމު ވާރުތަވެރިންނަށް ނޫނީ މުސްލިމު އިމާމުގެ ދަށުން ބައިތުލް މާލަށް ދިޔުން ވަނީ، ތިން ޙާލަތެއް އައުމުން ނެވެ. އެއީ އެހެންޏާ އޭނާ އެގޮތުގައި މަރުވުމުންނެވެ. ނޫނީ ޤަތުލުވުމުންނެވެ. ނުވަތަ ދާރުލް ޙަރްބުގެ ނިވާފަތްގަނޑަށް (ކުފުރުގައި ހިމާޔަތް ހޯދުމަށް) އޭނާ ދިޔަކަން ޘާބިތުވުމުންނެވެ. އެހެން ނޫން ނަމަ އޭނާގެ މުދާ އޭނާ އިސްލާމް ވެއްޖެހިނދެއްގައި ޖުމްހޫރުންގެ ޤަޥްލުން އޭނާއަށް ރައްދުވެއެވެ. އަދި މިބުނެވުނު ތިން ޙާލަތް ކުރިމަތިވެއްޖެ ހިނދު އޭގެ ޙުކުމް ވަނީ އެހެންޏާ ވާރުތަވެރިން ނޫންނަމަ ބައިތުލްމާލާއި ދެމެދުގައެވެ. އަދި އޭގެ ޙައްޤު އެނޫން އެއްވެސް މީހަކަށް ނުވެއެވެ. އެހެނަސް ޙަންބަލީންގެ އެކަހެރި ޤަޥްލެއްގައި، ދާރުލް ޙަރުބަށްގޮސް އޭނާގެ ކުފުރުގައި ރައްކައުތެރިކަން ނަގައިފި މީހާ އަށް މެނުވީއެވެ.
މިގޮތުން ތަލައްސުސު ނޫނީ ފަޔިއުގެ ނަމުން ވިޔަސް އަދި ޣަނީމާ އޭ ކިޔައިވިޔަސް، މީސްތަކުންގެ ލޭ އެތައް ފަހަރަކު ޙައްޤަކާއި ނުލައި އަދި ޙައްޤު ގޮތުގައިވިޔަސް ހުއްދަ ކުރުމަށްފަހު، މުދާ ނިގުޅުމަކީ އޭގައި ތިމާގެ ޙައްޤެއްނެތް މުދަލެއް (ވާރުތަވެރިންނަށްވާ) ނުވަތަ އެހެން ބަޔެއްގެ ޙައްޤެއް އޭގައި ހިމެނޭ މުދަލެއް (ބައިތުލްމާލްވާ) ނޫނީ ވަކިން ޚާއްޞަކޮށް މުރުތައްދުގެ މުދަލުގެ ޙުކުމް ތަންފީޒު ނުވާ މަރުޙަލާ (މަރުނުވަނީސް ނޫނީ ޤަތުލުނުވަނީސް) ނަގާ ނުޙައްޤު، އަދި އެހެންކަމުން ކަނޑައެޅިގެން ޙަރާމް މުދަލެކެވެ.
އަހަރެންމެން މި ނުބައިން ބަރީޢަވަމެވެ. އަދި ޙަރްބީންގެ މާލުގެ މައްޗަށް އައިސްފައިވާ ޢިލްމުވެރިންވެ ބަސްތައް މުރުތައްދުން ގެ މުދަލުގެ މައްޗަށް ތަންފީޒުކޮށް މިހިންގާ ފަސާދަތަކުން ބަރީޢަވެ ﷲ ޙަޟްރަތަށް އެފަދަ ފިކުރަކުން ރުޖޫޢަވެ ތަޥްބާވަމެވެ.
މިލިޔުމަކީ މިމަޥްޟޫޢުގެ މައްޗަށް އަލިއަޅުވާލާ ޚުލާޞާއެއްކަމުން މި އެންމެހާ ނުކުތާތަކުގެ ތަފްޞީލެއް މިދަނޑިވަޅުގައި ގެނެއުމަށް ޤަޞްދު ނުކުރަމެވެ.
~ ގަލަންދާނު
___________
⁽⁵⁾ އިސްލާމް ވެބް ފަތުވާ 361966
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.