ހަށަން ބަނުމުގެ ޖަގަހައާއި މެދު، ޢަދުލުވެރި ބަޙުޘެއް •
➊
• ހަށަން ބަނުމުގެ ޖަގަހައާއި މެދު، ޢަދުލުވެރި ބަޙުޘެއް •
މަޞްދަރު: ޝައިޚް އަލްމުޙައްދިޘް ޑރ. މާހިރު އަލްފަޙްލު ގެ ތަޢްލީޤާއި އެކު ޝާއިޢު ކުރެވިފައިވާ ޝައިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އައްޠަރީފީ ގެ "ޞިއްފަތު ޞަލާތިއް ނަބިއްޔި ﷺ " ފޮތުގެ ޞ. 87 - 90
🔻🔻
ދެންފަހެ ދެއަތް ބާއްވަންޖެހޭ ތަނާއި މެދު؛ ފަހެ ރަސޫލު ﷲ ﷺ އަރިހުން ޖަގަހަތަކެއް ވާރިދުވެފައި ވެއެވެ.
• ފޫޅުގެ ތިރީގައި ކަމަށް އެއް ރިވާޔަތް ރަސޫލު ﷲ ﷺ އަރިހުން ވާރިދުވެފައިވެއެވެ. އަަދި އެރިވާޔަތް ޘާބިތެއް ނޫނެވެ.⁽¹⁾ އަދި ކިއެއް، މުންކަރެވެ.
• އަދި ރަސޫލު ﷲ ﷺ އަރިހުން އެކަލޭގެފާނު އަތްޕުޅު ބޭއްވެވީ މޭ މަތީގައި ކަމަށް ވާރިދުވެފައި ވެއެވެ. އެއީ ވާއިލު ބުނު ޙުޖްރު ގެ ރިވާޔަތުގައި ވާފަދައިން ނެވެ.⁽²⁾ އަދި އަބޫ ދާޥޫދުގައި ޠާޥޫސު ބުނު ކައިސާން ގެ މުރްސަލް ތަކުގެ ތެރޭގައި ވާރިދުވެފައިވެއެވެ.⁽³⁾
އަދި މޭމަތީގައި ބޭއްވެވި ކަމަށް އޮތް ޙަދީޘްގައި، މުއައްމަލް ބުނު އިސްމާއީލު ވަނީ ތަފައްރުދު ވެފައި⁽*⁾ އެވެ. (އެއީ މުއައްމަލް ބުނު އިސްމާއީލު) ސުފްޔާނު ގެ އަރިހުން، ޢާޞިމް ބުނު ކުލައިބު އަރިހުން، އެބޭފުޅާގެ ބައްޕަ އަރިހުން، ވާއިލު ބުނު ޙުޖްރު رضي الله عنه އަރިހުން: ނަބިއްޔު عليه الصلاة والسلام ، އެކަލޭގެފާނުގެ ކަނާއަތް އެކަލޭގެފާނުގެ ވާއަތް މަތީ އަޅުއްވައި، އެކަލޭގެފާނުގެ މޭމަތީ ބޭއްވެވި އޭ އެވެ.
އަދި މިލަފްޠު: (އެކަލޭގެފާނުގެ މޭމަތީގައި ބޭއްވެވި އޭ) މިއީ ސުފްޔާން އައްޘަޥްރީ އަރިހުން (މިރިވާޔަތް ގެންނެވި ބޭކަލުންގެ ތެރެއިން) މުއައްމަލް ބުނު އިސްމާއީލު މަގުން އެކަނި ވާރިދުވެފައިވާ ބަސްފުޅެކެވެ. ބައެއް ބޭކަލުން ވިދާޅުވިތެވެ: މިތާގައި ސުފްޔާން އަކީ އިބްނު ޢުޔައިނާ އެވެ. (އައްޘަޥްރީ އެއް ނޫނެވެ.) (ދެން) ޢާޞިމް ބުނު ކުލައިބު އަރިހުން، އެބޭފުޅާގެ ބައްޕަ އަރިހުން، ވާއިލު ބުނު ޙުޖްރު رضي الله عنه އަރިހުން ނެވެ.
އަދި ސުފްޔާން ގެ އަރިހުން މިރިވާޔަތް ރިވާ ކުރެއްވި އިތުބާރުވެވިގެންވާ ބައިގަނޑެއް އެކަލޭގެފާނު (އެބަހީ: މުއައްމަލް ބުނު އިސްމާއީލު) އާއި ޚިލާފުވެލެއްވިއެވެ. އަދި (އެކަލޭގެފާނުގެ މޭމަތީ ބޭއްވެވި އޭ) ޛިކުރު ނުކުރައްވައެވެ.
(އަދި މިފަދައިން) އެރިވާޔަތް ރިވާކުރެއްވީ، މުޙައްމަދު ބުނު އިދްރީސް އައްޝާފިޢީ އާއި ޤުތައިބަތު ބުނު ސައީދު އާއި ޔަޙްޔާ ބުނު އާދަމް އާއި ޢަބޫ ނުޢިމުލް ފަޟުލު ބުނު ދުކައިން އާއި ވަކީޢު ބުނުލް ޖައްރާޙް އާއި މުޙައްމަދު ބުނު ޔޫސުފުލް ފަރިޔާބީ އާއި ޢަބްދުއް ރައްޒާޤު ބުނު ހުމާމު އާއި އަލްޙުމައިދީ އާއި ސަޢީދު ބުނު ޢަބްދުއް ރަޙްމާނުލް މަޚްޒޫމީ އާއި މިނޫންވެސް އައްޘިޤާތު ގެ ތެރެއިން ހިމެނިވަޑައިގަންނަވާ، ފަންސާހާއި ގާތްކުރާ (އަދަދެއްގެ) އިމާމުންގެ ފުށުންނެވެ.
އަދި އިތުރުވި ބައިގައި އެކަހެރިވެފާއިވަނީ މުއައްމަލް ބުނު އިސްމާއީލު އެކަންޏެވެ. އަދި އެބޭފުޅާ ސުފްޔާން އަރިހުން ރިވާކުރެއްވި ރިވާޔަތުގައި ނުކިއްސަރުކަން ވެއެވެ. ދެން ފަހެ (ރިވާޔަތުގެ ސަނަދުން ސުފްޔާން ގެ މަގު ދޫކޮށް) ޢާޞިމު އަރިހުން ވިއްސަށް ވުރެ ގިނަ ބޭކަލުން މިރިވާޔަތް ރިވާ ކުރައްވާފައިވާ ހިނދު، މި އިތުރުވެފައިވާ ތަންކޮޅު ޛިކުރު ނުކުރައްވަތެވެ. އޭގެ ތެރޭގައި: (ޢާޞިމް އާއި ހިސާބުން ރިވާކުރެއްވި ބޭކަލުން ތެރޭ) ދެ ސުފްޔާނުން ނާއި، ޝުޢްބާ އާއި ޢަބޫ ޢަވާނަތަލް ޔަޝްކުރީ އާއި ޒުހައިރު ބުނު މުޢާވިޔަތާއި ސައްލާމް ބުނު ސުލައިމް އާއި ޢަންބަސަތު ބުނު ސަޢީދު އާއި ޢަބްދުލް ވާޙިދު ބުނު ޒިޔާދު އާއި ޚާލިދު ބުނު ޢަބްދު ﷲ އަލްވާސިޠީ އާއި ބިޝްރު ބުނުލް މުފައްޟަލް އާއި ޒާއިދަތު ބުނު ޤަދާމާ އާއި އިސްޙާޤު ބުނު އިބްރާހީމުލް ފަޒާރީ ހިމެނެއެވެ.
އަދި ޢަލްޤަމަތު ބުނު ވާއިލު އަރިހުން — އަދި އެކަލޭގެފާނުގެ އަރިހުން ބޮޑު ޖަމާޢަތެއް — އެކަލޭގެފާނު ގެ ބައްޕާފުޅު (ވާއިލު ބުނު ޙުޖްރު) އަރިހުން މިރިވާޔަތް ރިވާކުރައްވައި އެއިތުރުވީ ބައި ޛިކުރު ނުކުރައްވަތެވެ. މިއިންވެސް އޭގެ ޝާޛުކަން ހާމަވެއެވެ.
ـــــــــــــــــــ
[*] ތަފައްރުދު: އެބަހީ، އެކަހެރިވުން. އެ ޙަދީޘެއްގެ ރާވީންތެރެއިން މި އިތުރު ވެފައިވާ ބައި އައިސްފައިވަނީ އޭނާ ހިމެނޭ ސަނަދުން އެކަންޏެވެ. އެހެންކަމުން އޭނާ އޭގައި "އެކަހެރި" ވިއެވެ.
[1] ރިވާކުރެއްވީ: ޢަބޫ ދާޥޫދު 756 ، އަދި ޢަބްދު ﷲ ބުނު އަޙްމަދު، އެކަލޭގެފާނުގެ "ޒަޥާއިދު" (1/111) ގައި ޢަލީ ބުނު އަބީ ޠާލިބް ގެ ޙަދީޘް ތަކުގެ ތެރޭން
[2] ރިވާކުރެއްވީ އިބްނު ޚުޒައިމާާ 479
[3] އެކަލޭގެފާނުގެ "ސުނަނު" 759 ގައި
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.