އަދި ޝަރުޠެއްވެސް ނެތި އިސްތިޘްނާއެއްވެސް ނެތި އަންހެނާ ބާޒާރުތަކަށް ނިކުމެ އުޅުން ޞައްޙަވެގެން ނުވެއެވެ. އަދި މިއާއި އެކު އޭނާ…
②
އަދި ޝަރުޠެއްވެސް ނެތި އިސްތިޘްނާއެއްވެސް ނެތި އަންހެނާ ބާޒާރުތަކަށް ނިކުމެ އުޅުން ޞައްޙަވެގެން ނުވެއެވެ. އަދި މިއާއި އެކު އޭނާ ހުވަނދުލައިގެން ނިކުމެ އުޅޭނަމަ އޭނާ ފާފަވެރިވެގެން ވެއެވެ. އަދި އޭނާގެ ވަލީ ވެރިޔާގެ މައްޗަށް އެކަން ހުއްޓުވުން ވާޖިބެވެ. ދެންފަހެ [މިއިން އެއްވެސް ކަމަކަށް ނުބަލައި] ފިތުނަވެރިކަމަށް ޤަޞްދުކޮށްގެން ނިކުމެއްޖެނަމަ، މިއީ ޖަރީމާތަކުން އެންމެ ބޮޑު އެއް ޖުރުމެވެ. ބޮޑެތިފާފަތަކުން އެންމެ ބޮޑު އެއް ފާފައެވެ.
[ޝެއިޚު އިތުރަށް ތަފްޞީލެއް ގެންނަވަމުން ވިދާޅުވިއެވެ]
މީހަކު އޭނާގެ ކާރު ގޭގެ ތެރެއަށް ވައްދައި، ދެން އޭނާގެ އަންހެނުން ހުވަނދުލައިގެން ހުރެ އެކާރަށް އަރައި، ގާތްތިމާގެ މީހެއް ގެޔަށް ގޮސްފިނަމަ ، މީގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
އާއެކެވެ. ފިރިހެން މީހާ ކާރު ގޭގެ ތެރެއަށް ވައްދައި، އަންހެން މީހާ ހުނވަދުލައިގެން ދެން ކާރަށް އަރައި ދެން އޭނާ އެއްގެއިން އަނެއް ގެއަށް، އޭނާގެ ގާތްތިމާގެ މީހެއްގެ ގެ އަށް ، އަދި އެއިންބަޔަކު އެކާރަށް އެރުވުން ފަދަ ކަންކަން، ފަހެ މީގެ މާނައީ: އޭނާ މަގުމަތިން [އެހުވަނދުގެ ވަސް ދުވާނޭ] ހިލޭ ފިރިހެނެއް ހުރަސް ނުކަނޑާ ކަމުގައެވެ. ފަހެ މިހިނދުގައި އެކަން ހުއްދަހެއްޔެވެ؟
އާއެކެވެ. އޭނާއަށް އެކަން ހުއްދަ ވެދާނެއެވެ. ނުވަތަ އެކަން މަނަޢުވުން ވެސް އައިސްދާނެއެވެ. އެހެނީ މިކަމުގައި [ޙުކުމަކަށް ވާޞިލުވާއިރު] އެކަން ތަރުތީބުވުން ވަނީ މަގުމަތިން ކުރިމަތިވެދާނޭ ގޯހަކާއި އަދި އެނޫން ތަފާތު ކަންތައް ތަކެއްގެ މައްޗަށް ބަލައެވެ. ❝
— ⚙️ އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރް އަލްޢަލްވާން (އޯޑިއޯ)
🖋 އަހަރެން ބުނަމެވެ:
އަދި މިބާބުގައިވާ އަނެއް ޙަދީޘަކީ: އަބޫ މޫސާ އަރިހުން އައްތިރުމިޛީ ރިވާކުރެއްވި ޙަދީޘެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
((كُلُّ عَيْنٍ زَانِيَةٌ وَالْمَرْأَةُ إِذَا اسْتَعْطَرَتْ فَمَرَّتْ بِالْمَجْلِسِ فَهِيَ كَذَا وَكَذَا يَعْنِي زَانِيَةً))
(”ކޮންމެ ލޮލަކީވެސް ޒިނޭ ކުރާ އެއްޗެކެވެ. އަދި އަންހެނަކު ހުވަނދުލައިގެން ބަޔަކުމީހުން ގާތުން ހުރަސް ކުރާނަމަ އެކަނބުލޭގެއަކީ މިވެނި އެވެނިފަދަ މީހެކެވެ. — އެބަހީ ޒިނޭކުރާ މީހެކޭއެވެ.“ — އައްތިރުމިޛީ ވިދާޅުވިއެވެ: މިޙަދީޘު حَسَنٌ صَحِيحٌ އެވެ. ⁽¹⁾
އަދިވެސް މިބާބާއި ގުޅިފައިވާ އެހެން ޙަދީޘަކީ:
(( المَرْأَةُ عَوْرَة فَإِذَا خَرَجَتْ اِسْتَشْرَفَهَا الشَّيْطَان )) .
”އަންހެނާއަކީ އަޢުރައެކެވެ. އެކަނބުލޭގެ ގެއިން ބޭރަށް ނިކުމެއްޖެނަމަ ޝައިޠާނާ ކަޅިއަޅައި ބަލައެވެ.“
އަލްޢަލްވާން (فتاوى هامة ގައި) ވިދާޅުވިއެވެ: ”މިޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އެއީ ޢަބްދު ﷲ ބުނު މަސްޢޫދު ގެ ރިވާޔަތް ތަކުން ޞައްޙަ ސަނަދަކުންނެވެ.“
ــــــــــــــــــــ
[1] މިޙަދީޘާއިމެދު އައްޝެއިޙް ޢަބްދު ﷲ އައްސަޢްދު އާއި ސުވާލުވެވުމުން ވިދާޅުވިއެވެ: ”އައްތިރުމިޛީ އެހެން ވިދާޅުވެއްޖެ ޙަދީޘެއް ގެ އަޞްލަކީ ޞައްޙައެވެ.“ —اهـ. އަދި މުޤްބިލް (الصحيح المسند مما ليس في الصحيحين ނަންބަރު 819 ގައި) ވިދާޅުވިއެވެ: ”މިއީ ޙަސަން ޙަދީޘެކެވެ.“—اهـ. އަދި އަލްޢަދަވީ ވިދާޅުވިއެވެ: ”އޭގެ ސަނަދު ޙަސަން އެވެ. އަދި ޒިނޭގެ މުރާދަކީ ފަރުޖުގެ ޒިނޭ އެއް ނޫނެވެ. އެހެނަސް ލޮލުގެ ޒިނޭ ފަދައެވެ. އަދި ކަންފަތުގެ ޒިނޭ ފަދައެވެ...“—اهـ. އަދި އައްޝެއިޚް އަލްމުޙައްދިޘް އަޙްމަދް ޝިޙާތަތުލް ސިކަންދަރީ (تخريجات رمح السنة ގައި) ވިދާޅުވިއެވެ:
މިއީ ޘާބިތު މެދުކެނޑުމެއްނެތި ގުޅިފައިވާ މަރްފޫޢު ޙަދީޘެކެވެ. އޭގެ ރާވީންނަކީ މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ހިމެނުއްވި ޝަރުޠުމަތީގައިވާ ޘިޤާތު ބޭކަލުންނެވެ. އެހެނަސް ޘާބިތު ބުނު ޢުމާރަތަލް ޙަނަފިއްޔު ފިޔަވެއެވެ. އިމާމުން ކުރެ ބައިގަނޑެއް ވަނީ އޭނާ އިތުބާރު ހުރި ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ޝުޢްބާ އޭނާއަށް ޘަނާ ވިދާޅުވިއެވެ. އަދި (ރާވީންގެ މައްޗަށް) ފާޑުވިދާޅުވުމުގެ އިމާމު، ޔަޙްޔާ ބުނު ސަޢީދުލް ޤައްޠާން އޭނާއަށް ރުއްސަވައި، އޭނާގެ މިޙަދީޘު ރިވާކުރެއްވިއެވެ. އަދި ޤަބޫލު ގެ ދަރަޖައިގައިވާ (ޙަސަން) އެއްޗެއް ގޮތުގައި ބަލައިގެންނެވިއެވެ. އަދި މިޙަދީޘު އައްތިރުމިޛީ ޞައްޙަ ކުރެއްވިއެވެ. އަދި އިބްނު ޚުޒައިމާ އާއި އަލްޙާކިމް ވެސް އެވެ. އަބޫ ޢަބްދު ﷲ އަލްޙާކިމް ވިދާޅުވިއެވެ: ”މިޙަދީޘު ރިވާކުރެއްވީ މުޙައްމަދު ބުނު އިސްޙާޤުއް ޞަޣާނީ ، ﷲ تَعَالَى ގެ މިވަޙީ ބަސްފުޅުގެ ތަފްސީރުގައެވެ: ▶️قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ◀️ [النُّورُ: ٣٠] އަދި މިޙަދީޘަކީ އެދެބޭކަލުން (އެބަހީ: އަލްބުޚާރީއާއި މުސްލިމް ރިވާ ކުރައްވާފައި ނުވާ) ސަނަދު ޞައްޙަ ޙަދީޘެކެވެ.“ —اهـ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.