ފުދޭވަރަށް ލިބިގެންހުރި ޙާލު މީހުންގެ ގާތުން ސަލާމްޖެހުމުގެ ނުރައްކާ
⚠️ފުދޭވަރަށް ލިބިގެންހުރި ޙާލު މީހުންގެ ގާތުން ސަލާމްޖެހުމުގެ ނުރައްކާ
❞ މީހެއްގެ އަތުގައި (ޟަރޫރީ ބޭނުންތައް) ފުދޭވަރަށް ތަކެތި ހުރެމެ، މީހުންގެ ގާތުން މުދަލަށް އެދި ސަލާންޖެހުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި އެއީ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. މިކަން ކުރާ މީހާއަށް އައިސްފައިވާ އިންޒާރުތަކާއި، އެފަދަ މީހުން ކުށްވެރިކޮށް އައިސްފައިވާ ދަލީލުތައް ބައިވަރެވެ.
މީގެ ތެރެއިން އެއް ދަލީލަކީ «ޞަޙީޙު މުސްލިމް» ގައި، އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ:
«من سأل النَّاس أموالهم تكثُّرًا، فإِنَّما يسألُ جمرًا؛ فليسْتقِلَّ أو لِيسْتكْثِر»
((ތިމާގެ މުދާ އިތުރުކުރުމުގެ (ދަހިވެތިކަމުގެ) ބޭނުމުގައި މީހުންގެ ގާތުން މުދަލަށް އެދި އަހާ މީހާ، އެ އެދެނީ އަނގުރުއަލިފާންގަނޑަކަށެވެ. ފަހެ، އެމީހަކު ބޭނުންނަމަ އެ (އަނގުރުއަލިފާން) މަދުކުރާށެވެ. ނުވަތަ އެ އިތުރުކުރާށެވެ.))
❞
—އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު (ބަސްކޮޅު)
~ ގަލަންދާނު 🖋
ـــــــــــــــــــــــ
📝 އަދިވެސް ރަސޫލު ﷲ ﷺ ހަދީޘް ކުރައްވާފައިވެއެވެ:
«لا تزال المسألة بأحدكم حتى يلقى الله وليس في وجهه مزعة لحم»
((ތިޔަބައިމީހުންގެ ތެރެއިން މީހަކު (މީސްތަކުންގެ ގާތުން) އެދި ސަލާމްޖެހުން މަތީ ދެމިހުރެދާނެއެވެ. އެއީ އެމީހަކު މާތް ﷲ އާ ބައްދަލުކުރާހިނދު (ޤިޔާމަތް ދުވަހުން)، އެމީހެއްގެ މޫނުމަތީގައި އެންމެ މަސްކޮޅެއްވެސް ނުހުންނާނެ ގޮތުގައެވެ.))
ނަވަވީއިމާމު މިޙަދީޘުގެ ޝަރަޙައިގެ ދަށުން ވިދާޅުވިއެވެ:
”(މީގެ މާނައިގައި) އަލްޤާޟީ (ޢިޔާޟް) ވިދާޅުވިއެވެ: ”މިކަމާ ބެހޭގޮތުން ބުނެވިފައިވެއެވެ: މީގެ މާނައަކީ ޤިޔާމަތް ދުވަހުން އެމީހަކު އަންނާނީ މާތް ﷲ ގެ ހަޟްރަތުގައި އެއްވެސް އިއްޒަތެއް ނެތް، އިހާނެތިވެގެންވާ ހާލުގައެވެ. އަދި ބުނެވިފައިވެއެވެ: މިއީ އޭގެ ސީދާ ލަފްޒީ މާނައިގައެވެ. އެގޮތުން އެމީހަކު މަޙްޝަރު ކުރެވޭހިނދު، އޭނާ ކުރި ފާފައަށް ދެވޭ އުޤޫބާތެއްގެ ގޮތުންނާއި، އޭނާ ފާހަގަވާނެ ނިޝާނެއްގެ ގޮތުން، މޫނުމަތީގައި މަހެއް ނެތި ހަމައެކަނި ކަށިގަނޑެއްގެ ގޮތުގައި ވުމެވެ. އެއީ އޭނާގެ މޫނު ބޭނުންކޮށްގެން (މީސްތަކުންގެ ކުރިމަތީގައި) ސަލާންޖަހައި އެދި އުޅުނު ކަމަށްޓަކައެވެ. މިއީ ފާފަކުރި ގުނަވަންތަކަށް އުޤޫބާތް ދެވޭނެކަމަށް އެހެނިހެން ހަދީޘްތަކުގައި އައިސްފައިވާ ފަދައިންނެވެ. މިއީ އެއްވެސް ޟަރޫރަތެއް ނުވެ (އެބަހީ އަސާސީ ބޭނުންތައް ފިޔަވައި ކަންކަމުގައި)، މަނާކުރެވިގެންވާ ގޮތަށް ގިނަގިނައިން ސަލާންޖަހައި އުޅޭ މީހުންނާ ބެހޭގޮތުން އައިސްފައިވާ އިންޒާރެކެވެ. އެހެން ރިވާޔަތެއްގައިވާ ފަދައިން، އެއީ (ތިމާގެ މުދާވެރިކަން) "އިތުރުކުރުމުގެ ގޮތުން" ސަލާންޖަހާ މީހުންނެވެ. (މިއީ މިލިޔުމުގައި ފުރަތަމަ ބަޔާން ވެވުނު ޙަދީޘަށް ނިސްބަތް ކުރައްވައެވެ.) އަދި ﷲ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ.“ — (މަޞްދަރު)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.