ފަތުވާ: ނިފާސް ކަމުގެ އެންމެ ދިގު އަދި ކުރު މުއްދަތު
⚙️ ފަތުވާ: ނިފާސް ކަމުގެ އެންމެ ދިގު އަދި ކުރު މުއްދަތު
—①—
ސުވާލު: ނިފާސްކަމުގެ (ވިހެއުމަށްފަހު އަންނަ ލޭގެ) އެންމެ ދިގު މުއްދަތަކީ ކޮބައިހެއްޔެވެ؟
ޖަވާބު:
الحمد لله. މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ވެއެވެ.
(1) ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނިފާސްކަމުގެ އެންމެ ދިގު މުއްދަތަކީ ސާޅީސް ދުވަހެވެ. އެއަށްވުރެ ލޭ އިތުރުވެއްޖެނަމަ، އެއީ އިސްތިޙާޟާ އެވެ.⁽¹⁾ އެއީ އޭނާގެ އާދަވެގެން އަންނަ ޙައިޟުގެ ދުވަސްވަރާ ދިމާނުވާނަމައެވެ. މިއީ އަބޫ ޙަނީފާ އާއި އަޙްމަދުގެ (ޤަޥްލުތަކުން) އެއް ރިވާޔަތެއްގައިވާ މަޛްހަބެވެ. އަދި އެއީ އެކަލޭގެފާނުގެ މަޛްހަބުގެ މަޝްހޫރު ޤަޥްލެވެ. އަދި އައްތިރްމިޛީ އެކަލޭގެފާނުގެ ޖާމިޢުގައި ގެންނަވާފައިވާ ގޮތުން ސުފްޔާނާއި، އިބްނުލް މުބާރަކާއި، އިސްޙާޤާއި އަދި ޢިލްމުވެރިންގެ ގިނަ ބޭކަލުން އަރިހުން ވަނީ މިގޮތް ނަޤުލުވެފައެވެ.
(2) މާލިކާއި، ޝާފިޢީ އަދި އަޙްމަދުގެ (ޤަޥްލުތަކުން) އެހެން ރިވާޔަތެއްގައި ވިދާޅުވީ އޭގެ އެންމެ ދިގު މުއްދަތަކީ ފަސްދޮޅަސް ދުވަސް ކަމަށެވެ.
(3) ޙަސަނުލް ބަޞްރީ ވިދާޅުވީ އެކަނބުލޭގެ ސާޅީސް ދުވަހުން ފެށިގެން ފަންސާސް ދުވަހާ ހަމައަށް (ނަމާދުނުކޮށް) މަޑުކުރާނީ ކަމުގައެވެ. އެއަށްވުރެ އިތުރުވެއްޖެނަމަ އެއީ އިސްތިޙާޟާ ކަމަށެވެ.
(4) މީގެ އިތުރުންވެސް އެހެން ޤަޥްލުތައްވެސް ބުނެވިފައި ވެއެވެ. އެއީ ހައްތަހާވެސް އިޖުތިހާދުތަކެކެވެ. ފުރަތަމަ ޤަޥްލަށް ފިޔަވައި އޭގެ ތެރެއިން އެއްވެސް ބަހަކަށް ސައްޙަ ދަލީލެއް ނެތެވެ.
✅ އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ޘާބިތުވެގެންވާ ގޮތުގައި އެކަލޭގެފާނު ވިދާޅުވިއެވެ: «النفساء تنتظر نحواً من أربعين يوماً» ((ނިފާސްވެރިޔާ ސާޅީސް ދުވަހާ ގާތްކުރާ މުއްދަތަކަށް މަޑުކުރުން ވެއެވެ.)) މިއީ އިބްނުލް ޖާރޫދު "އަލްމުންތަޤާ" ގައި ރިވާކުރައްވާފައިވާ ބަސްފުޅެކެވެ.
⚠️އަދި އަޙްމަދާއި، އަބޫ ދާވޫދާއި، އައްތިރްމިޛީ އަދި އިބްނު މާޖާ: މުއްސަތަލް އަޒްދިއްޔާގެ މަގުން އުއްމު ސަލަމާގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ: "ރަސޫލު ﷲ ﷺ ގެ ޒަމާނުގައި ނިފާސްވެރިޔާ ސާޅީސް ދުވަސް ވަންދެން (ނަމާދުނުކޮށް) މަޑުކުރެއެވެ. އަދި މޫނުގައި ޖަހާ މުށި ލަށްތަކުގެެ ސަބަބުން އަހަރެމެންގެ މޫނުތަކުގައި 'ވަރްސް' (ރީނދުލާ ވައްތަރު ގަހެއްގެ ފަތް) އުނގުޅަމެވެ."
އަދި މި ސަނަދާމެދު ޚިލާފު އުފެދިފައިވެއެވެ. އިބްނުލް ޤައްޠާން "ބަޔާނުލް ވަހްމި ވަލް އީހާމް" ގައި އަދި އިމާމް އިބްނު ޙަޒްމު ވެސް މި ޙަދީޘް ޟަޢީފު ކުރައްވާފައިވެއެވެ. މިއާއި ޚިލާފަށް ޙާކިމް މިއީ ސައްޙަ ޙަދީޘެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އައްނަވަވީ އާއި އެހެން ބައެއް ޢިލްމުވެރިން މިއީ ޙަސަން ޙަދީޘެއް ކަމަށް ވިދާޅުވެފައިވެއެވެ.
އިބްނު ޢަބްދިލްބައްރު رحمه الله "އަލްއިސްތިޛްކާރު" ގައި ވިދާޅުވެފައިވެއެވެ:
"ނިފާސްކަމުގެ އެންމެ ދިގު މުއްދަތުގެ މައްސަލައިގައި، ސާޅީސް ދުވަސް ކަމަށް ވިދާޅުވި ބޭކަލުންގެ ބަސްފުޅަށް މެނުވީ ތަބާވުމާއި ތަޤްލީދުކުރުމުގެ ޖާގައެއް ނެތެވެ. އެހެނީ އެބޭކަލުންނަކީ ރަސޫލު ﷲ ﷺ ގެ އަޞްޙާބުންނެވެ. އަދި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު އެކަމާ ޚިލާފުވެވަޑައިގެންފައެއް ނުވެއެވެ. (މިމައްސަލާގައި ވާރިދުވެފައިވާ) އެހެން ހުރިހާ ބަސްތަކެއް އައިސްފައިވަނީ އެބޭކަލުން ނޫން އެހެން މީހުންގެ ފުށުންނެވެ. އަދި އެހެން މީހުންގެ ބަހަށްޓަކައި ޞަޙާބީންގެ ބަސްފުޅާ ޚިލާފުވުން އަހަރެމެންގެ ގާތުގައި ހުއްދައެއް ނޫނެވެ. އެހެނީ ޞަޙާބީންގެ އިޖުމާޢު އަކީ އެބޭކަލުންގެ ފަހުން އަންނަ މީހުންގެ މައްޗަށް އޮތް ޙުއްޖަތެކެވެ. އަދި ހިތްތަކަށް ހަމަޖެހުންލިބެނީ އެބޭކަލުންގެ ބަސްފުޅުންނެވެ. ފަހެ، އެއްވެސް ސުންނަތެއް ނުވަތަ އަޞްލެއް ނެތް ޙާލުގައި، އެބޭކަލުންގެ ބަސްފުޅު ދޫކޮށް ދާނީ ފަހެ ކޮންތާކަށް ހެއްޔެވެ؟“
✨ (މިކަމުގައި) ރަނގަޅު ބުނުމަކީ މިއެވެ. އެއީ އަންނަނިވި ސަބަބުތަކަށްޓަކައެވެ:
➕ފުރަތަމަ ސަބަބު: އެއީ ޞަޙާބީންގެ ބަސްފުޅެވެ. އަދި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު އެކަމާ ޚިލާފުވެވަޑައިގެންފައެއް ނެތެވެ.
➕ދެވަނަ ސަބަބު: މި މައްސަލައިގައި ނިފާސްވެރިޔާ މަޑުކުރަންޖެހޭ ދުވަހެއް ކަނޑައެޅުން ކޮންމެހެން ލާޒިމުވެގެން ވެއެވެ. އަދި ޞަޙާބީންގެ ބަސްފުޅު ދޫކޮށް އެހެން މީހުންގެ ބަހަށް ދިއުން އެކަމުގައި އެކަށީގެން ނުވެއެވެ.
➕ތިންވަނަ ސަބަބު: އެއީ ޑޮކްޓަރުންގެވެސް ބަހެވެ. އެބޭފުޅުންނަކީ ލޭގެ ކަންކަން ދެނެގަތުމުގެ ޚާއްޞަ ޢިލްމުވެރިންނެވެ. ފަހެ، އެބޭފުޅުންގެ ބަސް، އިބްނު ޢައްބާސްގެ ރައުޔަށާއި ގިނަ ޢިލްމުވެރިންގެ ބަސްފުޅާ ޢިއްތިފާޤު ވެފައި ވެއެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.