ބައިގަނޑަކަށް ސަލާމް ގޮވިއްޖެނަމަ، އެއަށް ރައްދު ދިނުމުގެ ޙުކުމް
💭 ބައިގަނޑަކަށް ސަލާމް ގޮވިއްޖެނަމަ، އެއަށް ރައްދު ދިނުމުގެ ޙުކުމް
ސަލާމް ގޮވުމަކީ އިޖުމާޢު އިން ސުންނަތެކެވެ. އަދި އެއަށް ރައްދު ދިނުމަކީ - ނަވަވީއިމާމު ގެންނަވާފައިވާ ގޮތުން - އިޖުމާޢުގެ މަތިން ވާޖިބެކެވެ. އެހެނަސް ސުވާލަކީ ބޮޑު ޖަމާޢަތެއްގެ ތެރޭގައި މީގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަމާޢަތަކަށް ސަލާމް ގޮވިއްޖެ ނަމަ އެއަށް ރައްދު ދިނުން ކޮންމެ ފަރުދަކަށް ވާޖިބުތޯ (ފަރުޟު ޢައިނެއްތޯ) ނޫނީ އެކަކު ނުވަތަ އެއިން ބަޔަކު ރައްދު ދިނުމުން އެހެންމީހުންގެ މައްޗަށް އޭގެ ވާޖިބު ކެނޑިގެންދާނެތޯ (ފަރުޟު ކިފާޔަތެއްތޯ) އާއި މެދު ޚިލާފުވެއެވެ.
އިމާމް މާލިކް އާއި ޝާފިޢީ އަދި ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ މިއީ ފަރުޟު ކިފާޔަތެއްކަމެވެ. އަދި ޙަނަފީންގެ ރައުޔަކީ ފަރުޟު ޢައިނެއް ކަމެވެ.
އަދި ޖުމްހޫރުންގެ ރައުޔަށް ބާރުދޭ ރިވާޔަތެއް ވެއެވެ:
އެއީ ސަޢީދު ބުނު ޚާލިދުލް ޚުޒާޢީގެ މަގުން ޢަލީ رضي الله عنه އަރިހުންނެވެ. ވިދާޅުވިއޭ: الله ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ:
يُجْزِئُ عن الْجَماعَةِ إِذَا مَرُّوا أَنْ يُسَلِّمَ أَحَدُهُمْ، وَيُجْزِئُ عن الْجُلُوسِ أَنْ يَرُدَّ أَحَدُهُمْ . (البيهقي:17946, أبوداود:5210).
"ބައިގަނޑަކު ހިނގާފައި ދާނަމަ އޭގެން އެކަކު ސަލާމް ދިނުން ފުދެއެވެ. އަދި އިށީނދެ ތިބިބަޔަކު ތެރެއިން އެކަކު (ސަލާމަށް) ރައްދު ދިނުމުން ފުދެއެވެ."
އަލްއަލްބާނީ މިރިވާޔަތް ޞައްޙަ ކަމަށް ދެ ނިންމެވުމުގެ ތެރެއިން ފަހުގެ ނިންމެވުމުގައި ބަޔާން ކުރެއްވިއެވެ. އެހެނަސް މީގެ ޞައްޙަކަމާއި މެދު ދެބަސްވުމެއް ވެއެވެ. (މިނުކުތާއަކީ މިވަޤުތުގެ މަޥްޟޫޢު ނޫންކަމުގައިވާތީ ކުރުކޮށްލަމެވެ.)
މިޙަދީޘް ބަލިކަށިވިޔަސް މީގެ މާނަ ޞައްޙައެވެ. މިއީ ޖުމްހޫރުންގެ ރައުޔެވެ.
އެހެނަސް، މޮޅުއިތުރީ އެންމެން ސަލާމް ބަލައިގަތުމެވެ. މިކަމުގައި ޚިލާފެއްނެތެވެ. އަދި މިއީ އެންމެހާ ފަރުޟު ކިފާޔަތެއްގައިވެސް ވާފަދައިންެނެވެ.
ــــــــــــــــــــ
ތަފްޞީލް: ސަޢްދުލް ޚަޘްލާން (ފަތުވާ) ، އަލްއަލްބާނީގެ ތަރާޖިޢާތު (ނ. 200)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.