ހުއްދަ މިންވަރު ކަނޑައެޅުންވަނީ ޟަރޫރަތުގެ މިންވަރުންނެވެ.“
”ހުއްދަ މިންވަރު ކަނޑައެޅުންވަނީ ޟަރޫރަތުގެ މިންވަރުންނެވެ.“
___________
(الضرورة تقدر بقدرها) މި ޤަވަޢިދަކީ، ޟަރޫރަތެއް ކުރިމަތިވެއްޖެ ޙާލަތުގައި، ޙަރާމެއް ހުއްދަވާ މިންވަރަކީ ހަމައެކަނި އެ ޟަރޫރަތް ފުދޭ މިންވަރަށް އެކަނިކަން ކަނޑައަޅައިދޭ ފިޤުހުގެ ޤަވަޢިދެވެ.
މީގެ މާނައަކީ މިޘާލަކަށް ޑޮކްޓަރެއް ކައިރިޔަށް، ދާ މީހާގެ އައުރަ އޭނާ ކަޝްފުކުރަން ޟަރޫރުވެއްޖެ ނަމަ، އެ މިންވަރަށް އެކަނި އެ ޙަރާމް ހުއްދަވުމެވެ. އެއަށްވުރެ އިތުރު މިންވަރު ޙަރާމްގެ ޙުކުމް ކެނޑި ނުގޮސް ދެމިއޮވެއެވެ.
އަދި ކަމެއް ޟަރޫރަތް ނުވަތަ މަޖުބޫރުވެގެންވާ ކަމެއް ގޮތުގައި ކަނޑައެޅުމަށްވެސް ޝަރުޠުތަކެއް ވެއެވެ. އެހެނަސް މިވަޤުތުގެ ނުކުތާއަކީ މިއެއް ނޫނެވެ.
އިސްލާމްވެބު ފަތުވާ މަޖިލިހުގައި، ނިޤާބުގެ ވާޖިބު ކަން ދެކޭ މީހެއް ޙާއްޖަތަކަށްޓަކައި އެ ނޭޅުމާއިމެދު ސުވާލުވެވުނެވެ. ދެން މިގެ ޖަވާބުދެއްވައި، އެސުވާލުވެވުނު މިޘާލު މަޖުބޫރެއް ގޮތުގައި ނުފެނޭ ކަމަށް ވިދާޅުވުމަށްފަހު ޖަވާބުގައި އިތުރަށް ބަޔާން ވެވުނެވެ:
”ކޮންމެ ގޮތެއްވިޔަސް، އަހަރެމެން — ބަހުޘް އަށްޓަކައި — ތިބާގެ ތި ޙާލަތަކީ ހަމަ ޙަޤީޤަތުގައިވެސް ޟަރޫރީ ޙާލަތެއް ކަމަށް ބުނަމާ ހިނގާށެވެ... (އެހެންވެއްޖެ ނަމަ) އެފަދަ ޙާލަތުގައި އެކަމުގައި ފާފައެއް ނުވެއެވެ. އެއީ "ޟަރޫރަތްތައް މަނައުވެގެންވާ ކަންކަން ހުއްދަކުރެއެވެ" (أن الضرورات تبيح المحظورات) މިޝަރުޢީ ޤަވައިދުގެ ދަށުންނެވެ.
އަދި ﷲ تعالىވަޙީ ކުރެއްވިއެވެ:
﴿...فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَآ إِثْمَ عَلَيْهِۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ﴾
”...ފަހެ، މަޖުބޫރު ވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއްނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.“ {البقرة:173}
އަދިވެސް އެއިލާހު تَعَالَى ވަޙީކުރެއްވިއެވެ:
﴿فَٱتَّقُوا۟ ٱللَّهَ مَا ٱسْتَطَعْتُمْ﴾
ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް ތަޤްވާ ވެރިވާށެވެ!
އެހެނަސް (الضرورة تقدر بقدرها) ހުއްދަ މިންވަރު ކަނޑައެޅުންވަނީ ޟަރޫރަތުގެ މިންވަރުންނެވެ. އެހެންކަމުން އެ (މަޖުބޫރުވެވޭ) ވަޤުތު ފާއިތުވުމާއިއެކު، މިކަންތައް (އެކަމުގެ އަޞްލު ޙުކުމް) ޙަރާމަށް އެނބުރި ރުޖޫޢަވާނެތެވެ.“ (އެބަހީ: މަޖުބޫރު ޙާލަތު ނެއްޓުމާއިއެކު، ނިޤާބު އަޅައި ނިވާވާން ޖެހޭނެއެވެ.).“ —އިސްލާމްވެބުގެ ފަތުވާ މިހިސާބަށް.
އަހަރެން ބުނަމެވެ: އެތަކެއް ބައެއްވަނީ މިފަދަ ފިޤުހީ ޤަވަޢިދުތައް ނަގައި އޭގެން ހުއްދަކުރެވޭ ޙަރާމް، ހައްދެއްނެތް މިންވަރަށް ފުޅާކޮށްފައެވެ.
އަދި މިކަމުގެ ނަތީޖާއަށް މިމައްސަލައިގެ އަސްލަކީ ޙަރާމް ކަމަާއިމެދު ފަރުވާކުޑަވެ ލުއިކޮށްލެވިފައެވެ. އެއީ، މިހެންގޮސް މިކަމުގެ ނަތީޖާއަކަށް، ނިޤާބުގެ އަޞްލު ޙުކުމާއިމެދު ތުހުމަތުތަކާއި ނުރުހުން މިސުންނަތުގައި ހިފައިގެންތިބި އަދި އެޔަށްޓަކައި އެތައް ގުރުބާނީއެއްވި ޢަހުލުންތެރޭ ފެތުރުމާއި ހަމައަށެވެ — والله المستعان.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.