އިސްލާމީ ފިޤުހުވެރިންނާއި އެވެރިންގެ ދަރަޖަ“
”އިސްލާމީ ފިޤުހުވެރިންނާއި އެވެރިންގެ ދަރަޖަ“
”ދެވަނަ ބަޔަކީ: އިސްލާމީ ފިޤުހުވެރީންނެވެ. އަދި ނިދާފައިވާ މީސްތަކުން ގެ ތެރޭ އެބައެއްގެ ބަސްތަކުން ބިނާވާ ފަތުވާއިން އިދާރާތް ކުރާ މީހުންނެވެ. އެއީ ޙުކުމްތައް ތަންފީޒުކުރުމަށް ޚާއްޞަވެފައިވާ މީހުންވެ. އަދި ޙަލާލާއި ޙަރާމްގެ އިންތައް އަޅައިދޭ (ކިޔައިދޭ) މީހުންނެވެ. ފަހެ އެއުރެންނީ، ބިންމަތީގައި، އުޑުގައިވާ ތަރިތަކުގެ ދަރަޖަފަދައެވެ. އެވެރިންގެ ފުށުން އަނދިރިކަމުގެ ތެރޭ ވާނުވާނޭގިވާ މީހާ އަށް މަގުދެއްކެއެވެ. އަދި އިންސާނާއަށް އެވެރިންނަށް ބޭނުން ޖެހިފައިވާ ވަރު، ކެއުން ބުއިމުގެ ޙާޖަތަށް ވުރެ ބޮޑެވެ. އަދި ޤުރުއާނުގެ ދެލިގަނޑުން އެނގޭން އޮތްފަދައިން އެވެރިންނަށް ކިޔަމަންތެރިވުން، މަންމައިންނާއި ބައްޕައިންނަށް ވެވޭ ކިޔަމަން ތެރިކަމުގެ ފަރުޟަށްވުރެ ބޮޑެވެ.
ﷲ تَعَالَى ވަޙީ ކުރެއްވިއެވެ: { يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إلَى اللَّهِ وَالرَّسُولِ إنْ كُنْتُمْ تُؤْمِنُونَ بِاَللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا }
”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، ރަސޫލަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް އެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، ރަސޫލު އަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެއިލާހުގެ ރަސޫލުގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، އާޚިރަތް ދުވަހަށް އީމާން ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ.“
ޢަބްދު ﷲ ބުނު ޢައްބާސް —ދެރިވާޔަތުން ކުރެ އެއް ރިވާޔަތުގައި — އާއި ޖާބިރު ބުނު ޢަބްދު اللّٰه އާއި އަލްޙަސަނުލް ބަޞްރީ އާއި އަބުލް ޢާލިޔާ އާއި ޢަޠާއު ބުނު އަބީ ރަބާޙް އަދި އައްޟައްޙާކު އާއި މުޖާހިދު —ދެރިވާޔަތުން ކުރެ އެއް ރިވާޔަތުގައި — ވިދާޅުވިއެވެ: ”أُولُو الْأَمْرِ (އަމުރު ވެރީން) އެއީ ޢިލްމުވެރިން ނެވެ.“ އަދި މިއީ އިމާމް އަޙްމަދު އަރިހުންވެސް އައިސްފައިވާ ދެބަސްފުޅުގެ ތެރެއިން އެއްބަސްފުޅެވެ.
އަދި އަބޫ ހުރައިރާ އާއި، އިބްނު ޢައްބާސް އަރިހުން ވާރިދުވެފައިވާ ދެވަނަ ބަސްފުޅާއި، ޒައިދު ބުނު އަސްލަމް އާއި އައްސުއްދީ އަދި މުޤާތިލް ވިދާޅުވިއެވެ: ”އެއީ (ވެރިކަމުގައިވާ) އަމީރުންނެވެ.“ އަދި މިއީ އަޙްމަދު އަރިހުން އައިސްފައިވާ ދެވަނަ ބަސްފުޅެވެ.
[ވެރިންނަށް ކިޔަމަން ގަތުން ވަނީ ޢިލްމިވެރިންނަށް ކިޔަމަން ގަތުމުގެ ދަށުންނެވެ.]
އަދި ޙަޤީޤަތަކީ ވެރިންނަށް ކިޔަމަންވުން ވަނީ ހަމަކަށަވަރުން ޢިލްމުގެ މައްޗަށް ބިނާކޮށް އެވެރިން ކުރާ އަމުރަށް ކަމެވެ. އެހެންކަމުން އެވެރިންނަށް ކިޔަމަންތެރިކަން އަންނަނީ ޢިލްމުވެރިންނަށް ކިޔަމަން ގަތުމުގެ ދަށުންނެވެ. އެހެނީ ހަމަކަށަވަރުން ކިޔަމަންގަތުން ވަނީ ހެޔޮކަން ކަމުގައެވެ. އެއީ އެއަކަށް (އެބަހީ: އެއަމުރެއް ކުރުމަށް) ޢިލްމު ލާޒިމުވާ ކަންކަމެވެ. އަދި ޢިލްމުވެރިންނަށް ތަބައުވުމީ ރަސޫލަށް ތަބައުވުމުގެ ދަށުންވާ ކަމެއް ފަދައިން، ވެރިންނަށް ތަބައުވުމީ ޢިލްމުވެރިންނަށް ތަބައުވުމުގެ ދަށުން ވާ ކަމެކެވެ. އަދި އިސްލާމްކަން ކޮޅަށްޖެހުން ވަނީ ޢިލްމުވެރިންނާއި ވެރިން —މިދެބައިގަނޑުން ކަމުގައިވާ ހިނދު، އެންމެހާ މީސްތަކުންގެ ތަބައުވުން ވަނީ އެވެރިންނަށް ކަމަށް ވުމުން، ޢިލްމުވެރިޔާގެ ޞާލިޙުވުމަކީ މި ދެބައިގަނޑުގެ (އެބަހީ: ވެރިންނާއި މީސްތަކުންގެ) އިޞްލާޙުވުމެވެ. އަދި އެވެރިން ފަސާދަވުމީ މިދެބައިގަނޑުގެ ފަސާދައެވެ.
އެއީ ޢަބްދު ﷲ ބުނު މުބާރަކު އާއި އެކަލޭގެފާނު ނޫން އެހެން ސަލަފުން ވެސް ވިދާޅުވި ފަދައިންނެވެ: ”މީސްތަކުން ތެރެއިން ދެބައިގަނޑެއް، އެވެރިން ޞާލިޙުވެއްޖެ ނަމަ މީސްތަކުން ޞާލިޙުވެއްޖެއެވެ. އަދި އެވެރިން ފަސާދަވެއްޖެތަ؟ މީސްތަކުން ފަސާދަވެއްޖެއީހެވެ.“ ބުނެވުނެވެ: ”އެއީ ކޮންބައެއް ހެއްޔެވެ؟“ ވިދާޅުވިއެވެ: ”ރަސްރަސްކަލުންނާއި ޢިލްމުވެރިންނެވެ.“
އެއީ ޢަބްދު ﷲ ބުނު މުބާރަކު ވިދާޅުވިފަދައިންނެވެ:
رَأَيْت الذُّنُوبَ تُمِيتُ الْقُلُوبَ
وَقَدْ يُورِثُ الذُّلَّ إدْمَانُهَا
އަހަންނަށް ފެނުނީ ފާފަ ހިތްމަރާ ތަން
އޭގަ ދެމިހުރުމުން، ނިކަމެތިކަން ފާކުރާތަން
وَتَرْكُ الذُّنُوبِ حَيَاةُ الْقُلُوبِ
وَخَيْرٌ لِنَفْسِك عِصْيَانُهَا
އަދި ފާފަ ދޫ ކުރުމީ، ދިރުވުމޭ އެހިތްތައް
އަދި އެއަށް އުރެދުމޭ ހެވީ، ތިބާގެ ނަފުސަށް
وَهَلْ أَفْسَدَ الدِّينَ إلَّا الْمُلُوكُ
وَأَحْبَارُ سُوءٍ وَرُهْبَانُهَا
ދީން ފަސަދަކުރީ ކޮން ބައެއްހޭ ވެރިރަސްކަލުން ފިޔަވައި
އަދި ސޫއުގެ ޢިލްމުވެރިންނާއި އަޅުވެރިން ފިޔަވައި“
—އިމާމް އިބްނުލް ޤައްޔިމް (އިޢްލާމުލް މުވައްޤިޢީން)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.