ސަމާލުކަމަށް: ނަމާދުގެ ސުތުރާ އާއިބެހޭގޮތުން އައިސްފައިވާ ބަލިކަށި ރިވާޔަތެއް
ސަމާލުކަމަށް: ނަމާދުގެ ސުތުރާ އާއިބެހޭގޮތުން އައިސްފައިވާ ބަލިކަށި ރިވާޔަތެއް
އަބޫ ޢުބައިދަތަލް ވަލީދު ބުނު ކާމިލް ގެ މަގުން މިޤްދާދި ބުނުލް އަސްވަދް އަރިހުން އަބޫ ދާވޫދު ރިވާކުރެއްވި ޙަދީޘް އެއްގައި ވެއެވެ:
”ރަސޫލު ﷲ ﷺ ނަމާދު ކުރައްވާން ކުރިމަތިލައްވާ ހިނދު ދަނޑިގަނޑަކަށް ވިޔަސް، ތަނބަކަށް ވިޔަސް ނުވަތަ ގަހަކަށްވިޔަސް، އެކަލޭގެފާނުގެ ކަނާތު ނޫނީ ވާތު ބުމަޔަށް ހުރަސްވާގޮތަށް މެނުވީ ބަހައްޓަވާތަން އަހަރެންނެއް ނުދެކެމެވެ. އަދި އެއަށް ސީދަލަށް ކުރިމަތި ނުލައްވައެވެ.“
”އަލްމަޖްމޫޢު“ (3 / 249) ގައި އައްނަވަވީ ވިދާޅުވި އެވެ:
”(މިޙަދީޘް) ރިވާކުރެއްވީ ޢަބޫ ދާވޫދެވެ. އަދި އެކަލޭގެފާނު އެބަލިކައްޓެއް ނުކުރައްވައެވެ. (އެއާއިމެދު އެއްޗެއްވިދާޅުނުވެއެވެ.) އެހެނަސް މީގެ ސަނަދުގައި އަލްވަލީދު ބުނު ކާމިލް ހިމެނެއެވެ. އަދި (ޙަދީޘް ޢިލްމުވެރިންކުރެ) ޖަމާޢަތެއް އޭނާ ޟަޢީފު (ބަލިކަށި) ކަމަށް ކަނޑައެޅުއްވިއެވެ. އަލްބައިހަޤީ ވިދާޅުވިއެވެ: މިރިވާޔަތު ގައި އަލްވަލީދު ވަނީ ތަފައްރުދު ވެފައެވެ. (އެބަހީ: މިސަނަދުން މިޙަދީޘް އައިސްފައިވަނީ ހަމައެކަނި މީނާގެ މަގުންނެވެ. މިއީ ޙަދީޘް މަހިރުން ގާތު ނުސީދާ ބަލިކަށިކަމެކެވެ.) އަދި އަލްބުޚާރީ ވިދާޅުވެފައިވާ ގޮތުން އޭނާގެ ފުށުން ޢަޖާއިބުވަނިވި (ނުޞައްޙަ) ތަކެތިވެއެވެ.“
ޝައިޚް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވެސް މިޙަދީޘް ބަލިކަށިކުރައްވައި މިކަންތައް ފާހަގަކުރެއްވިއެވެ. އަދި އަލްއަލްބާނީވެސް ވަނީ މިޙަދީޘް ޟަޢީފުކަމަށް ޢަބޫ ދާވޫދުގެ ތަޚްރީޖުގައި ވިދާޅުވެފައެވެ.
(ޞައްޙަ ޙަދީޘްތަކުން ޘާބިތުވަނީ ސުތުރާ އާއި ދިމާލަށް ނަމާދު ކުރާމީހާ ހުރުމެވެ.)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.