ށ. މުރްސަލް ގޮތުގައި: އައްޠަބަރާނީ "އައްދުޢާއު" 2/1281 ނަންބަރު 1038 ގައި، ޔޫނުސް ބިން މައިސަރާ އަރިހުން، ދެން، ނަބިއްޔާ ﷺ ހަދީޘް…
ށ. މުރްސަލް ގޮތުގައި: އައްޠަބަރާނީ "އައްދުޢާއު" 2/1281 ނަންބަރު 1038 ގައި، ޔޫނުސް ބިން މައިސަރާ އަރިހުން، ދެން، ނަބިއްޔާ ﷺ ހަދީޘް ކުރެއްވިކަމަށް ރިވާވެފައިވެއެވެ.
އަދި އޭގައި ވަކި ހެނދުނާއި އިރުއޮއްސުމުގައި ކިޔުމަށް އަދި ހަތް ފަހަރު ކިޔުމުގެ މައްޗަށްވެސް ޛިކުރު ކުރެވިފައި ނުވެއެވެ. އެހެނަސް މިރިވާޔަތުގައި ވަނީ، މިޛިކުރު ކުރާ މީހަކަށް
"...ﷲ ވަހީކުރައްވައެވެ: "ތިމަން ﷲ ގެ އަޅާއަށް ތިމަން ﷲ ފުދިވޮޑިގެންވާހުއްޓެވެ. އޭގައި (އެބަހީ އެކިޔުމުގައި) އޭނާ ތެދުވެރިވިޔަސް ނޫނީ ދޮގުވެރިވިޔަސް އެވެ."
މިރިވާޔަތުގެ ސަނަދުގައިވާ ހިޝާމް ބިން ޢައްމާރު، މިއީ ތެދުވެރިޔެކެވެ. އެހެނަސް މުސްކުޅިއުމުރުގައި ހަނދާނުގެ މައްސަލަވެއެވެ.އަދި މަޥްޤޫފު ކޮށް އައިސްފައިވާ ރިވާޔަތާއި ޚިލާފެވެ. އެއީ ޢަބްދުއްރައްޒާޤް ބިން ޢުމަރު ބުނު މުސްލިމުއް ދަމަޝްޤީގެ ރިވާޔަތާއިއެވެ. މީގެ އުތުރުން، ހިޝާމްގެ މިރިވާޔަތް މުރްސަލް ވެސް މެއެވެ. (ޙަދީޘް ރިވާކުރީ ކޮން ޞަޙާބީއެއްކަން ނެތެވެ.) އެހެނީ ޔޫނުސް ބިން މައިސަރާ، ﷲ ގެ ރަސޫލު ﷺ އާއި ބައްދަލެއް ނުވެއެވެ. އަދި ހިޝާމްގެ ރިވާޔަތަށްވުރެ ރާޖިހުވެގެންވަނީ ޢަބްދުއްރައްޒާޤުގެ ރިވާޔަތެވެ. އަދި މިއާއި މިސަނަދުގައިވާ އިތުރު ލޮޅުންތައް އަލްއަލްބާނީ "އައްޟަޢީފާ" 11/451 ނަންބަރު 5286 ގައި ބަޔާންކޮށްފައިވެއެވެ. ވީމާ މިރިވާޔަތް ވަރަށް ބަލިކައްޓެވެ.
4.
މުރްސަލް ރިވާޔަތުގައިވާ އިތުރުބައިގެ މައްޗަށްވާ ޚިލާފު
[އެއަށް އޭނާ ތެދުވެރިވިޔަސް ނޫނީ ދޮގުވެރިވިޔަސް އެވެ.]
އަލްޙާފިޡު އިބްނު ކަޘީރު ވިދާޅުވިއެވެ:
"...(ކުރީގެ ރިވާޔަތުގެ މައްޗަށް) މި އިތުރުވެފައިވާ އިބާރާތް ޣަރީބު އެވެ. (އެބަހީ: ޞައްޙަ އެހެން ރިވާޔަތްތަކާ ޚިލާފުވެ، ބީރައްޓެއްސެވެ.)..."
ދެން މި އިތުރުބަޔާއި އެކު އޮތް އިބްނު ޢަސާކިރުގެ މަރުފޫޢު ރިވާޔަތް ގެންނަވައި ވިދާޅުވިއެވެ:
"އަދި މި (ރިވާޔަތް) މުންކަރެވެ. (އެބަހީ، ވަނީ އިންކާރު ވެގެންނެވެ. ބަލަޔެއްނުގަނެވެއެވެ.) والله أعلم"
އެހެންކަމުން އިބްނު ކަޘީރު އެރިވާޔަތެއް ބަލައިނުގަނެވޭ ކަމަށް (މުންކަރުކަމަށް) މިވިދާޅުވީ، މަރުފޫޢުކޮށް އޮތް އިބްނު ޢަސާކިރުގެ ރިވާޔަތަށް އެކަންޏެވެ. އެހެނަސް މައުޤޫފު އަބޫ ދާވޫދުގެ ރިވާޔަތް ގެންނަވައި، ޣަރީބު ކަމަށް ވިދާޅުވީ، އިތުރުކުރެވިފައިވާ ތަންކޮޅަށް އެކަންޏެވެ.
އަލްއަލްބާނީގެ "އައްޟަޢީފާ" ގައިވާ ގޮތުން އިބްނު ކަޘީރު މި މަޥްޤޫފު ރިވާޔަތް (އެކީ އެއްކޮށް) "މުންކަރު" (ބަލައިނުގަނެވޭ) ކަމަށް ވިދާޅުވެފައިވެއެވެ. އެހެނަސް އިހު ބަޔާން މިކުރިފަދައިން މިއީ ކުށެކެވެ.
މީގެ އިތުރުން ޚުދު އަލްއަލްބާނީ، މި އިތުރުވެގެންވާ ބަޔާއި ނުލައި، މި ޞައްޙަވުމުގެ މައްޗަށް އިޝަރާތްކޮށްފައިވެއެވެ. އެހެނީ އަލްމުންޛިރީ މިރިވާޔަތް (ޞައްޙަ އަދި) މަރްފޫޢު ކަމަށް ވިދާޅުވި ވިދާޅުވުމުގެ މައްޗަށް އަލްއަލްބާނީ "އައްޟަޢީފާ" 11/450 ގައިވެއެވެ:
"އަހަރެން ބުނަމެވެ: މިއީ މިޙަދީޘްގެ ޢަޞްލު މިންވަރުގެ މައްޗަށް ބަލައިކަމަށް އެކަށީގެންވެއެވެ. އިތުރުވެފައިވާ ބަޔާ ޚިލާފަށެވެ. އެއީ ޣަރީބު މުންކަރު ބަޔެކެވެ. އިބްނު ކަޘީރު ވިދާޅުވިފަދައިންނެވެ. މިކަން ވަރަށް ސާފެވެ..."
ފައިދާއެއް
[އެއަށް އޭނާ ތެދުވެރިވިޔަސް ނޫނީ ދޮގުވެރިވިޔަސް އެވެ.]
ޢިލްމިވެރިންކުރެ ބަޔެއް، މި ޖުމްލަގެ މާނަ އެހެންގޮތަކަށް ގެންނަވައެވެ . އެއްގޮތަކީ މިއީ ޙަދީޘްއިން ބޭރު ރާވީއެއްގެ ބަސްކަމާއި، އޭގެ މާނައަކީ، މިރިވާޔަތް ތެދުވިޔަސް (ޞައްޙަވިޔަސް) ނޫނީ ދޮގުވިޔަސް (އެބަހީ: ބަލިކަށިވިޔަސް) ، ފަޟުލު (ހެޔޮ) ކަންކަމުގެ މައްޗަށް ޢަމަލުކުރުމުގެ މައްޗަށް ބޭނުންކުރެވިދާނޭކަމެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ތެދުވެރި ވުމަކީ، ވިސްނައިގެން ކަނުލައިހުރެ އެޛިކުރު ކުރުން ކަމުގައެވެ. އަދި ދޮގުވެރި ވުމަކީ، ޣާފިލުކަމުގައި ކިޔޭއެއްޗެއް ނޭގިހުރެ ކިޔާ ކިޔުން ކަމުގައެވެ. އަދި އޭނާ އެހެންކަމުން އެކިޔޭއެއްޗެއްގެ މައްޗަށް ނިޔަތް ނެތަސް އެކަން ފުދިގެންވާކަމެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.