އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވުން
🌿 އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސެވުން
އަބޫ ހުރައިރާ رضي الله عنه އަރިހުން ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިޔޭ: «من قام رمضان إيماناً واحتساباً غفر له ماتقدم من ذنبه» (އީމާން ކަމާއި (ދަރުމަޔަށް) އެދުމާއި އެކު ރަމަޟާންމަހު ރޭއަޅުކަމުގައި⁽¹⁾ ހުރެއްޖެމީހާ، އިސްވެ ގޮސްފައިވާ އޭނާގެ ފާފަތައް އޭނާއަށް ފުއްސެވެއެވެ.) މިއީ އިއްތިފާޤު ވެވިފައިވާ ޙަދީޘެކެވެ.
އިތުރުއެކަލޭގެފާނުގެ ބަސްފުޅު: «إيماناً» (އީމާންކަން) އެބަހީ: ﷲ ގެ ވަޢުދު ތެދުކުޅައުމެވެ. އަދި އެއިލާހުގެ ޘަވާބު ތެދުކުޅައުމެވެ.
ބަސްފުޅު: «احتساباً» (އެދުން) އެބަހީ: އަޖުރާއި ޘަވާބު ލިބުމަށްއެދި އަދި ﷲ ގެ ރުއްސެވުން ލިބުމަށްއެެދި އެވެ. އެހެންކަމުން މީސްތަކުން ފަރާތުން މަދަޙައެއްވިޔަސާ ޘަނާއެއްވިޔަސް ޖަޒާއެއް ވިޔަސް އަދި ޝުކުރެއް ވިޔަސް ނުއެދެއެވެ. އެއިލާހު تعالى ވަޙީ ކުރެއްވިއެވެ: { وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا} [النساء 114] (އަދި، اللَّه ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ.)
ބަސްފުޅު: «غفر له ماتقدم من ذنبه» (އިސްވެ ގޮސްފައިވާ އޭނާގެ ފާފަތައް، އޭނާއަށް ފުއްސެވެއެވެ.)
ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ މިތާގައި ފާފަ ފުއްސެވޭނެ ކަމުގެ މުރާދަކީ ކުދި ފާފަތަކުގެ ފުއްސެވުމެވެ. އެއީ ބޮޑު ފާފަ ނުހިމެނިއެވެ. އެހެނީ އެބޭކަލުން ދެކިލައްވާ ގޮތުން އަލްކަބާއިރު (ބޮޑު ފާފަ) ތަޥްބާ އާއި ނުލައެއް ނުފުއްސެވެއެވެ. (އެބަހީ އެކަން ފުއްސެވުމަށް އެދި ވަކިވަކިން ތަޥްބާ ވުމެވެ.)
އަދި އަލްއިމާމް އަބުލް ޢައްބާސް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ - قدس الله روحه - ކަނޑައެޅުއްވީ މިޙަދީޘް ކުދި އަދި ބޮޑެތި ފާފައަށް ފުޅާވެގެންވާ ކަމެވެ. އަދި އެކަލޭގެފާނު رحمه الله ރާޖިޙު ކުރައްވާފައިވަނީ، ބައެއް ޞާލިޙު ޢަމަލުތަކަކީ ހަމައެކަނި ކުދި ފާފަތައް ފުއްސެވުމަށް ހަނިވެފައިވާ އެއްޗެއް ނޫން ކަމުގައެވެ. އަދި ކިއެއްތަ؟ ކަބާއިރަށް ދާންދެން ފުއްސެވެއެވެ. އަދި "ކިތާބުލް އީމާން" ގައި އެކަލޭގެފާނު رحمه الله ގެ ޤަޥްލަށް ބާރުދޭ ދިހަ ވަޖުހެއް ގެންނަވާފައެވެ.
— އައް-ޝައިޚް އަލްމުޙައްދިޘް، ސުލައިމާން ބުނު ނާޞިރް ، އަލްޢަލްވާން (މަޞްދަރު)
~ ގަލަންދާން
_____________
(1) އަދި އެހެން ރިވާޔަތެއްގައި ”ރަމާޟާންމަހު ރޯދަޔަށް ހުރެއްޖެ މީހާ..“ އަދި ”ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަމުގައި ހުރެއްޖެ މިހާ...“ (އަލްބުޚާރީ)
...ވީމާ ދީލަތި އިލާހެއްގެ މިފަދަ ފުޅާވެގެންވާ ދީލަތި ފުއްސެވުމަކުން މަޙުރޫމް ވަނީ ހާދަ ބަދުނަސީބު މީހެކެވެ!
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.