ބަލިކަށި ޙަދީޘް: އަނގުރު އަލިފާނުގައި ހިފައިގެން ހުންނަ ޒަމާނެއް
①
📌 ބަލިކަށި ޙަދީޘް: އަނގުރު އަލިފާނުގައި ހިފައިގެން ހުންނަ ޒަމާނެއް
#حديث_ضعيف
🔻🔻
އައްތިރުމިޛީ ރިވާކުރެއްވިޔޭ، އިސްމާޢީލު ބުނު މޫސަލް ފަޒާރިއްޔު އަރިހުން، ޢުމަރު ބުނު ޝާކިރު އަހަރެމެން ގާތު ދެންނެވިއޭ، އަނަސް ބުނު މާލިކު އަރިހުން، އެކަލޭގެފާނު ވިދާޅުވިއޭ: ”ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެެވެ:
«يَأْتِي عَلَى النَّاسِ زَمَانٌ الصَّابِرُ فِيهِمْ عَلَى دِينِهِ كَالْقَابِضِ عَلَى الْجَمْرِ» — قَالَ أَبُو عِيسَى هَذَا حَدِيثٌ غَرِيبٌ مِنْ هَذَا الْوَجْهِ
”އެ ޒަމާނެއްގައި ދީން މަތީގައި ކެތްތެރިވެ ސާބިތުވުމަކީ އަނގުރު އަލިފާނުގައި ހިފައިގެން ހުންނަ މީހެކޭ އެއްފަދަވާ ޒަމާނެއް މީސްތަކުންގެ މައްޗަށް އަންނާނެއެވެ.“
އަދި އަބޫ ޢީސާ ⌝އައްތިރުމިޛީ⌜ ވިދާޅުވިއެވެ: ”މިމަގުން، މިޙަދީޘް ޣަރީބު އެވެ.“⁽¹⁾
(ހ)
އައްތިރުމިޛީ ގެ ޖާމިޢުގެ ޝަރަޙަ، "ތުޙުފަތުލް އަޙްވަޒީ" ގައި މިޙަދީޘުގެ ދަށުން އަލްމުބާރަކްފޫރީ ވިދާޅުވިއެެވެ:
”އެކަލޭގެފާނު (އައްތިރުމިޛީ) ގެ ބަސްފުޅު: ”އަހަރެމެންނަށް ޚަބަރުކުރިޔޭ ޢުމަރު ބުނު ޝާކިރު“ — ⌝އެބަހީ⌜ އަލްބަޞްރީ އެވެ. އޭނާ ޟަޢީފު އެވެ. އަލްޚާމިސާ ގެ ބޭކަލެކެވެ. (އެބަހީ ފަސްވަނަ ޖީލެވެ. އެއީ ތާބިޢީން ކުރެ ޅަ ޖީލެވެ) އެބޭފުޅާއާއި މެދު އަލްޙާފިޡު ⌝އިބްނު ޙަޖަރު⌜ އައްތަޤްރީބު ބަސް ވިދާޅުވިއެވެ. އަދި "ތަހްޛީބުއް ތަހްޛީބު" ގައި އެބޭފުޅާގެ ތަރުޖަމާ ގެ ދަށުން ވިދާޅުވިއެވެ: އަބޫ ޙާތިމް ވިދާޅުވިއެވެ: ”އޭނާ ޟަޢީފެވެ. އަނަސް އަރިހުން މުންކަރު ޙަދީޘްތައް ނަޤުލުކުޅައެވެ.“ އަދި އައްތިރުމިޛީ ވިދާޅުވިއެވެ: ”ބަޞަރީ މުސްކުޅި މީހެކެވެ. އިލްމުވެރިން ކުރެ އެކަކަށް ވުރެ ގިނަބޭކަލުން އޭނާ ފުށުން ރިވާކުރެއްވި އެވެ.“ އަދި އިބްނު ޢައްދިއްޔު ވިދާޅުވިއެވެ: ”ދެލިކޮޕީގައި އަނަސް އަރިހުން، މުޅިއަކުން އިތުބާރުކަން ފޯރާފައިނުވާ، ގާތް ގަނޑަކަށް ވިއްސަކަށް ޙަދީޘް އޭނާ ރިވާކުރިއެވެ.“ އަދި އިބްްނު ޙިއްބާން އޭނާ އައްޘިއްޤާތުގައި ގެންނެވިއެެވެ. އައްތިރުމިޛީ އޭނާ ފުށުން ރިވާކުރެއްވީ އެންމެ ޙަދީޘެކެެވެ. «يأتي على الناس زمان..» — މިއެވެ. އައްތިރުމިޛީ ވިދާޅުވިއެެވެ: މި ވަޖުހުގައި މިޙަދީޘް "ޣަރީބު" އެވެ. (މިއީ ޟަޢީފުކުރެއްވުމެވެ.) އަދި އައްތިރުމިޛީ ގެ "ޖާމިޢު" ގައި ثلاثي ޙަދީޘެއް މިނޫނީ ނުވެއެވެ. (މިއީ ފޮތް ލިޔުއްވި ބޭފުޅާއާއި ރަސޫލު ﷲ ﷺ އާއި ދެމެދު ތިން ރާވީން ވާ ޙަދީޘެވެ.) އަލްޙާފިޡު ⌝އިތުރަށް⌜ ވިދާޅުވިއެެވެ: އައްތިރުމިޛީ ވިދާޅުވިއެވެ: އޭނާ އަކީ "ޙަދީޘްގައި މުޤާރިބު" މީހެއް ކަމަށް އަލްބުޚާރީ ވިދާޅުވިއެވެ.“ انتهى ...އަދި (އައްތިރުމިޛީ ގެ) ބަސްފުޅު: ”މިޙަދީޘް ޣަރީބު އެވެ.“ : ⌝އެއީ⌜ އޭގެ ސަނަދުގައި ޢުމަރު ބުނު ޝާކިރު ހިމެނުމުންނެވެ. ކުރިން ބަޔާން ކުރި ފަދައިން އޭނާ ޟަޢީފެވެ.“
(ށ)
އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެވެ: «يأتي على الناس زمان الصابر على دينه كالقابض على جمر» — މިޙަދީޘް، ރިވާކުރެއްވީ އައްތިރުމިޛީ އެވެ. އަދި އޭގެ ސަނަދު ޟަޢީފެވެ. އޭގައި ޢުމަރު ބުނު ޝާކިރު ހިމެނެއެވެ. އަބޫ ޙާތިމް އޭނާ ޟަޢީފުކަމަށް ކަނޑައެޅުއްވިއެވެ. އަދި އަލްބުޚާރީ ވިދާޅުވިއެވެ: ”އެއީ ޙަދީޘް މުޤާރިބު⁽²⁾ ފަރާތެކެވެ.“
(ނ)
އައްޝެއިޚް އަލްމުޙައްދިޘް ޑރ. ޚާލިދުލް ޙާޔިކު ވިދާޅުވިއެވެ: ” «يأتي زمان على أمتي القابض على دينه كالقابض على جمرة» މިޙަދީޘް: ޞައްޙަ އެއް ނޫނެވެ.“ އަދި އެހެން ތަނެއްގައި ވިދާޅުވިއެެވެ: ”އެޙަދީޘް ޟަޢީފެެވެ. އައްތިރުމިޛީ އެޟަޢީފު ކުރެއްވިއެވެ.“
(ރ)
އައްޠަރީފީ ވިދާޅުވިއެވެ: «القابض على دينه كالقابض على الجمر» — އޭގެ ސަނަދު ބަލިކަށްޓެވެ. (ޟަޢީފެވެ.)
(ބ)
އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ: މިޙަދީޘް މުންކަރެވެެ.
ــــــــــــــــــ
[1] އަނަސްގެ ޙަދީޘް: އައްތިރުމިޛީ 2260
[2] މުޤާރިބު: އިމާމް އަލްބުޚާރީ ގެ މާނަކުރެއްވުމުގައި، ޙަދީޘް މުޤާރިބު މީހަކީ: ޙަދީޘް ވަރުގަދަ ކުރުމުގައި ރާވީ އެއްކަަމުގައި އޭނާ ނެގެވޭ، އަދި އޭނާއީ ޙަދީޘް ލިޔެގެން ގެންގުޅޭ، އަދި އެރިވާޔަތް ތަފައްރަދު ކޮށް (އޭނާފުށުން އެކަނި) ނުނެގޭނޭ ފަރާތެކެވެ. (ތަފްޞީލު)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.