ބޮޑެތިބަނޑުތަކާއި ބެހޭ ރިވާޔަތްތަކެއް
🔴ބޮޑެތިބަނޑުތަކާއި ބެހޭ ރިވާޔަތްތަކެއް
#حديث_ضعيف
عن جعدة أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلا عَظِيمَ الْبَطْنِ فَقَالَ بِإِصْبَعِهِ فِي بَطْنِهِ وَقَالَ
لَوْ كَانَ هَذَا فِي غَيْرِ هَذَا لَكَانَ خَيْرًا لَكَ
(2140 المعجم الكبير للطبراني)
ޖަޢްދަތަ ބުނު ޚާލިދު އަރިހުން ރިވާވެގެން ވެއެވެ: ވަރަށް ބޮޑު ބަނޑެއް ލާފައިހުރި މީހެއް ނަބިއްޔާ އަށް ފެނިވަޑައިގެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނު އޭނާގެ ބަނޑަށް އިނގިލިދިއްކުރައްވައި ޙަދީޘް ކުރެއްވިއެވެ: "މިނޫންތަނެއްގައި މި ވީނަމަ، ތިބާޔަށް ހެޔޮވެގެންވީހެވެ."
އަލް ޣަޒާލީ ވިދާޅުވިއެވެ: "އެބަހީ ތިބާގެ އާޚިރަތަށް (އެއިތުރުކާނާ) ފަސްކޮށްލައި، އެހެންމީހަކަށް (މިދުނިޔޭގައި) އެ ދޫކޮށްލިނަމަ ހެޔޮވީހެވެ." (3/88 إحياء علوم الدين)
އަލް އިޙްޔާގެ ތަޚްރީޖު 3/109 ގައި އަލް ޢިރާޤީ ވިދާޅުވިއެވެ: މީގެ ސަނަދު ޖައްޔިދެވެ. (ވަރަށް ރަނގަޅަވެވެ.) އަދި މަޖްމަޢް އައްޒަވާއިދު ގައި އަލްހައިޘަމީ ވިދާޅުވިއެވެ: "ރަވީން ތެރޭން އަބޫއިސްރާއީލް އަލްޖުޝަމީ ފިޔަވައި އެހެން އެންމެހާ ބޭފުޅުންނަކީ އައްޞަޙީހުގެ ބޭފުޅުންނެވެ. އޭނާ (އަބޫ އިސްރާއީލް) އިތުބާރުވެވިގެންވެއެވެ. "
❗”އެހެނަސް އަލްޖުޝަމިއްޔު އިތުބާރު ކުރެއްވީ އިބްނު ޙިއްބާން އެކަންޏެވެ. އަދި އިބްނު ޙިއްބާން މިކަމުގައި ދޫދެއްވާކަމީ ބަޔާންވެގެންވާ ކަމެވެ. އަދި ރާޖިޙުއީ އޭނާ ގެ ޙާލަތް ނޭގިގެން ވާކަމެވެ. އެހެނީ އޭނާ ކުރެން ރިވާޔަތްތައް ނަޤުލުކޮށްފައިވަނީ ހަމައެކަނި ޝުޢްބާ އެވެ. އަދި އިތުބާރުވެގެންވާ ކަމުގައި ކަނޑައެޅުއްވީ އިބްނު ޙިއްބާން އެކަންޏެވެ. އަދި މިރިވާޔަތުގެ ސަނަދު ވަރުގަދަ ކުރެއްވި ބޭކަލަކު އެކަން ކުރެއްވީ މީގެ މައްޗަށެވެ. އަދި މީގައި ދެވަނަ ހީނަރުކަމެއް ވެއެވެ. އެއީ މިރިވާޔަތް ނަޤުލުކުރެއްވި ޖަޢުދަތުގެފާނު، ޞަޙާބީއެއް ކަމާއިމެދު ޚިލާފު އޮތަތީއެވެ. އަދި އަބޫ އިސްރާއީލު އަލްޖުޝަމީ އިތުބާރު ކުރެއްވި ހަމައެކަނި ފަރާތް އިބްނު ޙިއްބާން ޚުދު ދެކިލައްވާގޮތުން ޖަޢުދަތުގެފާނަކީ ތާބިޢީ ބޭކަލެކެވެ. “
(ޚުލާޞާ ކޮށް އަލްއަލްބާނީ ގެ ޤަޥްލު سلسلة الأحاديث الضعيفة والموضوعة وأثرها السيء في الأمة - ج3 ޞ. 266.)
❌“ޖާމިޢުލް.ޢުލޫމް“ ގެ ތަޢްލީޤުގައި އަލްމުޙައްދިޘް އައްޝެއިޚް ޑ. މާހިރް އަލްފަޙްލު މިރިވާޔަތާއި މެދު ވިދާޅުވިއެވެ: “ރިވާކުރެއްވީ އިމާމް އަޙްމަދު މުސްނަދުގައި 3/471 އަދި 4/339 ގައެވެ. އަދި އަބޫ އިސްރާއީލް އަލްޖުޝަމީ އަކީ ވާނުވާނޭނގޭ މީހެއް ކަމުން އޭގެ ސަނަދު ޟަޢީފެވެ. އަދި އޭނާގެ ރިވާޔަތައް ވާރިދުވެފައިވަނީ ޝުޢުބާގެ އަރިހުން އެކަންޏެވެ.“ (ޖާމިޢުލް ޢުލޫމި ވަލްޙިކަމި ގެ ތަޢުލީޤު ޖ. 3 ޞ. 26)
❌އަހަރެން ބުނަމެވެ: އަދި މިރިވާޔަތާއި ގުޅުން ހުރި އެހެން ޙާދިޘާއެއް ޢުމަރުގެފާނާއި މެދު ރިވާވެފައިވެއެވެ. އެއީ ބޮޑު ބަނޑެއް ލާފައި ހުރި މީހެއް ގާތުން މިއީ ކޯޗެއްތޯ އެއްސެވުމުން، އެއީ ބަރަކާތޭ އޭނާ ޖަވާބުގައި ބުނުމުން، އެހެންނަކުންނެއް ނޫނޭ ތިއީ ޢަޒާބެކޭ ވިދާޅުވިކަމުގައެވެ. އަދި މިއީ މީސްތަކުން ތެރޭ މަޝްހޫރު ވާހަކައެވެ. އެހެނަސް މީގެ ސަނަދު ޟަޢީފެވެ. އެހެނީ މިޙާދިޘާ ޢުމަރުގެފާނު އަރިހުން ނަޤުލު ކުރެއްވީ އަލްޙަސަނުލް ބަޞްރީއެވެ. އަދި އަލްޙަސަނުލް ބަޞްރީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ޢުމަރުގެފާނު ޝަހީދުވެވަޑައިގަތުމުގެ އެންމެ ދެއަހަރު ކުރިންނެވެ. ވީމާ މީގެ ސަނަދުގައި މެދުކެނޑުން ވެއެވެ. ⁽¹⁾ ﷲ أعلم.
☝️މިއާއި އެކުވެސް، ދުޅަހެޔޮ ކަމަކީ އެއަކަށް އިސްލާމްދީން ހިއްވަރުދޭ ކަމެކެވެ. އަދި މިކަމުގެ މައްޗަށް ޞައްޙަ އެތައް ރިވާޔަތެއް ނަޤުލުވެފައިވެއެވެ. އަދި މިނުކުތާއަށް ފަހުން ލިޔުމެއް އެކުލެވޭތޯ ބަލާލާނަމެވެ. إن شاء الله.
~ ގަލަންދާނު
ــــــــــــــ
[1] މިތަޚްރީޖު ނެގިފައިވަނީ ޢަބްދުއްސަލާމް ބުނު މުޙްސިން އާލް ޢީސާ ގެ ”ޢުމަރު رضي الله عنه ގެ ސިޔާސަތާއި އިދާރިއްޔަތާއިމެދު ނަޤުލުވެވިފައިވާ ރިވާޔަތް ތަކާއިމެދު ފާޑުކިޔުމުގެ ނަޒަރަކުން ހެދިފައިވާ ދިރާސާ“ (2/1035) އިންނެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.