ﷲ އަށް ޓަކައި ލޯބިވާނަމަ
💭 ﷲ އަށް ޓަކައި ލޯބިވާނަމަ..
އައްތިރުމިޛީ ރިވާ ކުރެއްވިއެވެ: އަލްމިޤްދާމު ބުނި މަޢްދީކަރިބް ވިދާޅުވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ:
«إِذَا أَحَبَّ أَحَدُكُمْ أَخَاهُ فَلْيُعْلِمْهُ إِيَّاهُ»
(އެމީހެއްގެ އަޚާއަށް ލޯބިވާ މީހާ، އެކަން އެއަޚާއަށް އަންގާށެވެ.)
އަދި މި މަޥްޟޫޢު ގައި އަބޫ ޛައްރާއި އަނަސްގެފާނު އަރިހުން ވެސް ވާރިދުވެފައި ވެއެވެ. އަބޫ ޢީސާ ⌝އައްތިރުމިޛީ⌜ ވިދާޅުވިއެވެ: އަލްމިޤްދާމުގެ ޙަދީޘަކީ، ޙަސަން ޞަޙީޙު ޣަރީބު ޙަދީޘެކެވެ.“ اهـ.
އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން ވިދާޅުވިއެވެ: ޙަދީޘް: «إِذَا أَحَبَّ الرَّجُلُ أَخَاهُ فَلْيُخْبِرْهُ أَنَّهُ يُحِبُّهُ» (އެމީހެއްގެ އަޚާ ދެކެ ލޯބިވާ މީހާ، އޭނާ ދެކެ ލޯބިވާ ކަން އޭނާއަށް ޚަބަރު ކުރާށެވެ.) — މިއީ ޞައްޙަ ޙަދީޘެކެވެ. ރިވާކުރެއްވީ އަޙްމަދު އާއި އަބޫ ދާވޫދާއި އައްތިރުމިޛީ އަދި އެނޫން ބޭކަލުންނެވެ. ❝ — ނިމުނީ.
📝 އަހަރެން ބުނަމެވެ:
ޝެއިޚް އަބޫ ބަކުރު އަލްޙުސައިނީ رحمه الله އާއި ގިނަދުވަސް ތަކެއް ބައްދަލު ނުވެ ހުރުމަށްފަހު 1430 ވަނަ އަހަރުގެ ތެރޭގައި އެއްދުވަހެއްގައި އަހަރެން ގާތަށް ޒިޔާރަތް ކުރެއްވިއެވެ. ކަންދިމާވިގޮތުން ދޮރު ހުޅުވީވެސް އަހަރެންނެވެ. އެވަޤުތު އުފަލުގައި ސަލާމް ކުރައްވައި “އޭ ⌝އިބްނު ފަހްމީއޭ⌜ ﷲ ޓަކައި ވަރަށް ލޯބިވަމޭ" ވިދާޅުވެ، އަހަރެންގެ ނިއްކުރީގައި ބޮސް ދެއްވިއެވެ. އަހަރެން ވެސް ދެންނެވީމޭ: ޝޭޚޭ ﷲ ތިބާއަށް ލޯބިކުރައްވާށިއޭ އެއިލާހަށްޓަކައި ވަރަށް ލޯބިވަމޭ“ އެވެ.
💖ﷲ އަށްޓަކައިވާ ލޯތްބަކީ ދެމިއޮންނަ އެއްޗެކެވެ. އަދި ބައްދަލުނުވެވި ދިޔުން އެ އިތުރުކޮށް ތާޒާ ކުރެއެވެ.
ﷲ އަހަރެންގެ ޝެއިޚުންނަށް އަދި ހެޔޮ އެންމެހާ ކަމަކަށް މަގުދެއްކެވި އެދުރަކާއި މިތުރަކަށް ރަޙްމަތްލައްވާށިއެވެ.
~ ގަލަންދާނު 🖋
#حديث_صحيح
މަޥްޟޫޢު އާއި ގުޅުންހުރި ބައެއް ލިޔުން ތައް:
⬆️ އަލްޚުޟައިރު: ޞައްޙައީ «أَحَبَّكَ اللّه» ބުނުމެވެ. (ކިޔާލުމަށް)
⬆️ އައްޠާރީފީ: ލޯތްބަށް ހިތްވަރު ދެއްވައި އެތަކެއް ޙަދީޘެއް ވެއެވެ. (ކިޔާލުމަށް)
⬆️ އަލްޢަލްވާން: އަލްވަލާއު ވަލްބަރާއުގެ ދަރުސް އިން الحب في الله (ކިޔާލުމަށް)
⬆️ ލޯބީގައި އިސްރާފުކޮށް ދެން ހިތާމަކުރާން ނުޖެހޭށެވެ. އަދި ރުޅީގައި އިސްރާފުކޮށް ދެން ލަދުވެތިވާން ނުޖެހޭށެވެ. (ކިޔާލުމަށް)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.