الرَّعْد ނުވަތަ ގުގުރި އަކީ މަލާއިކަތެއްގެ ނަން ކަމުގައި، ޙަދީޘުން ޘާބިތުހެއްޔެވެ؟
🌩 الرَّعْد ނުވަތަ ގުގުރި އަކީ މަލާއިކަތެއްގެ ނަން ކަމުގައި، ޙަދީޘުން ޘާބިތުހެއްޔެވެ؟
⬆️«الرعد ملك من الملائكة موكل بالسحاب...»
(އައްރަޢްދު (އެބަހީ: ވާރޭ ގުގުރި) އަކީ މަލާއިކަތުންގެ ތެރެއިން، ވިލާތަކުގެ ކަންކަމާއި ހަވާލުކުރެވިފައިވާ މަލާއިކަތެވެ...)
⬆️«الرعد ملك يزجر السحاب كما يزجر الحادي الإبل..»
(އައްރަޢްދު އަކީ މަލާއިކަތެކެވެ. ޖަމަލު ހުއިހައްޕާ މީހާ އެޖަމަލުތައް ހިންގުވާހެން އެމަލާއިކަތު ވިލާތައް ހިންގުވައެވެ...)
⬆️(الرعد ملك من الملائكة اسمه الرعد، وهو الذي تسمعون صوته)
(އައްރަޢްދު އަކީ މަލާއިކަތުން ތެރެއިން މަލާއިކަތެކެވެ. ނަންފުޅަކީ الرَّعْد އެވެ. ތިޔަބައިމީހުންނަށް އިވޭ އަޑަކީ އެކަލޭގެފާނުގެ އަޑެވެ.)
📝 މިރިވާޔަތްތަކާއި މެދު ފަހުގެ ބައެއް މުޙައްދިޘުންގެ ޙުކުމް:
⬆️ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: ”އޭގެ ބަޔެއް ސަނަދުތައް އިބްނު އަބީ ޙާތިމް،. ތަފްސީރު ފޮތުގައި ގެންނެވިއެވެ. އެ ރިވާޔަތް (ޖަމަޢަކޮށް) ވަރުގަދަކުރައްވާ ބައެއް ޢިލްމުވެރިން ވެއެވެ. އަހަރެންގެ ނިސްބަތުން، އެއަކަށް ވަކި ޙުކުމެއް އަހަރެންގެ ގާތުގައި ނެތެވެ.“
އަބޫ ޢަލީ އަލްޙަސަނީ ވިދާޅުވިއެވެ: ”މަޥްޤޫފު ރިވާޔަތެއް ކަމުން އެއީ ބަލިކަށި ރިވާޔަތެކެވެ. އަދި ނަބިއްޔު ﷺ އަރިހުން އެ ޙަދީޘު ޞައްޙަވެގެން ނުވެއެވެ. އެއީ އިބްނު ޢައްބާސްގެ ބަސްފުޅެކެވެ.“
⬆️މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”މިޙަދީޘް ރަސޫލު ﷲ ﷺ އަރިހުން ޘާބިތުވެގެން ނުވެއެވެ. އަދި ރަނގަޅު ގޮތަކީ (މަޥްޤޫފު ގޮތުގައި) އިބްނު ޢައްބާސްގެ ބަސްކޮޅެއް ކަމެވެ... އަދި އެހެންކަމުން ބޮޑަށް ގާތީ މިއީ އިސްރާއިލީ ރިވާޔަތެއް ކަމެވެ. އެއީ ބަނޫ އިސްރާއީލްގެ މީސްތަކުން ގެފުށުން ޛިކުރު ކުރެވިފައިވާ ބަސްތަކެވެ. އެހެނަސް ރަސޫލު ﷲ ﷺ އަރިހުން ދަންނައެ، ”ރަޢުދު އަކީ މަލާއިކަތެކޭ ވިލާތައް ދައުރުކުރުވާ“ (މިފަދައިންވާ) ޙަދީޘެއް، ޘާބިތުވެގެން ނުވެއެވެ.“
⬆️މުސްނަދު އަޙްމަދުގެ ތަޢްލީޤުގައި، ޝުޢައިބް އަލްއަރްނައޫޠު އައްތިރުމިޛީގެ ރިވާޔަތުގެ މައްޗަށް ވިދާޅުވިއެވެ: ”ޙަސަން ދަރަޖައެވެ. (ބަލައިގަނެވެއެވެ.) އެހެނަސް ރަޢްދު ގެ ވާހަކަ މެނުވީއެވެ. (އެހެނީ) އޭގައި މެދުވެރިވާ ހަމައެކަނި ރާވީ އަކީ ބުކައިރު ބުނު ޝިހާބެވެ. ދެމީހެއް މެނުވީ އޭނާ ކިބައިން ރިވާޔަތްތައް ގެނެސްފައިނުވެއެވެ. އަބޫ ޙާތިމް ވިދާޅުވިއެވެ: ”މުސްކުޅިއެކެވެ.“ އަދި އައްޛަހަބީ "އަލްމީޒާން" ގައި ވިދާޅުވިއެވެ: ”ޢިރާޤީ މީހެކެވެ. ޞަދޫޤެކެވެ.“ (އައްޛަހަބީ އަރިހު صدوق (ތެދުވެރިޔެކޭ) މާނަ އަކީ: އެހާގިނަ ކުށް ނުޖެހޭ އެހެނަސް ބައެއް ފަހަރު ކުށް ޖެހޭ މީހާއެވެ.) އޭނާގެ މިޙަދީޘު ބަލައިގަނެވެއެވެ. އެހެނަސް އައްރަޢްދުގެ ވާހަކަ ފިޔަވައެވެ. އެބައި މުންކަރެވެ. (މުންކަރު: އެބަހީ އެހެން ޞައްޙަކަން ވަރުގަދަ ރާވީންގެ މަގަކުންވާ އެއްޗަކާއި ޚިލާފަށް، އެއަށްވުރެ ޞައްޙަކަމުގައި ދަށް ރާވީއެއް ގެންނަ ޙަދީޘު، ބަލައިނުގަނެވުމެވެ.) — [مسند أحمد (4/ 285 ط الرسالة)
⬆️ޑރ. ޚާލިދުލް ޙާޔިކް، އަލްއަރްނައޫޠުގެ ބަސްކޮޅާއި ހަވާލާދީ ވިދާޅުވިއެވެ: ”އަދި ކިއެއްހެއްޔެވެ؟ އައްތިރުމިޛީ ޚުދު ވިދާޅުވީ ”ޙަސަން ޣަރީބް“ އޭ އެވެ. (މިއީ ސަނަދު ބޭރުފުށަށް އެހާބޮޑު ގޯހެއް ނެތި، އެހެނަސް އެއީ ރާވީންގެ ތަރުތީބުން އާދަޔާޚިލާފު ހަމައެއް އޮތް ޙަދީޘެވެ. އެއީ އައްތިރުމިޛީ ގާތު ބަލިކަށި ޙަދީޘެވެ.) އަދި ބުކައިރުގެ މިޙަދީޘުގައި (އައްރަޢްދުއާއި މެދު އޮތްބައިގެ އިތުރުން އެނޫން) އެއްވެސް ބަޔެއްގައި ވެސް އެއްބެސްވާ އެހެން ރިވާޔަތެއް ނެތެވެ... އެމުޅިޙަދީޘު މުންކަރެވެ.“ އަދި ވިދާޅުވިއެވެ: ”އެއީ ޞައްޙަ ނޫން ޙަދީޘެކެވެ. އަދި އެއީ އިސްރާއިލިއްޔަ ރިވާޔަތްތަކުން ވާ އެއްޗެކެވެ.“ އަދި މިކަމުގެ މައްޗަށް ދިރާސާއެއް ލިޔުއްވިއެވެ. (ދިރާސާ)
⬆️އައްޞާދިޤު ޢަބްދު ﷲ އަލްހާޝިމީ އައްސޫދާނީ ވިދާޅުވިއެވެ: ”ރަޢްދު އަކީ މަލާއިކަތެއްގެ ނަންފުޅުކަމުގައި، ޘާބިތުވެގެން ނުވެއެވެ.“
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.