މަޣްރިބް ނަމާދާއި ފަތިސްނަމާދަށް ފަހު «اللهم أجرني من النار» މި ދުޢާ ކިޔުމަށް ނަންގެނެވުނު ޙަދީޘުގެ ދަރަޖަ
❌❌ މަޣްރިބް ނަމާދާއި ފަތިސްނަމާދަށް ފަހު «اللهم أجرني من النار» މި ދުޢާ ކިޔުމަށް ނަންގެނެވުނު ޙަދީޘުގެ ދަރަޖަ
އަލްޙާރިޘް ބުނު މުސްލިމް އައްތަމީމިގެ ޙަދީޘު، ރަސޫލު ﷲ ﷺ ތިމަންނާ ގާތުގައި ސިއްރުކުރައްވައި ޙަދީޘު ކުރެއްވިޔޭ:
«إذا انصرفت من صلاة المغرب فقل : اللهم أجرني من النار، سبع مرات، فإنك إذا قلت ذلك ثم مت في ليلتك كتب لك جوار منها، وإذا صليت الصبح فقل كذلك…»
މަޣްރިބު ނަމާދުން ތިބާ އަވަދިވާ ހިނދު ހަތް ފަހަރު ”اللهم أجرني من النار“ ކިޔާށެވެ. ފަހެ ތިބާ މިގޮތަށް ކިޔައި އެރޭ މަރުވެއްޖެނަމަ، އެއިން (އެބަހީ ނަރަކައިން) ތިބާ ރައްކާތެރިވާނޭކަމަށް ލިޔުއްވޭނެއެވެ. އަދި ފަތިސް ނަމާދުން އަވަނދިވާ ހިނދު ހަމަ އެފަދައިން ކިޔާށެވެ...”
— މިޙަދީޘު.
ޢަބްދުލް މަލިކް އަލްޢަލްވާން ވިދާޅުވިއެވެ: މަޣްރިބު ނަމާދާއި ފަތިސް ނަމާދުން އަވަދިވެގެން «اللهم أجرني من النار» މިދުޢާ ކިޔުމާއި މެދު އޮތް ޙަދީޘުގެ ޞައްޙަ ކަމާއި މެދު، އަހަރެންގެ ބައްޕަ (އަލްޢަލްވާން) އަރިހު، އަހަރެން ސުވާލުކުރީމެވެ.
އެހެންކަމުން ޖަވާބުގައި ވިދާޅުވިއެވެ:
❞ މި ޙަދީޘު ރިވާކުރެއްވީ އަބޫ ދާޥޫދު އެކަލޭގެފާނުގެ ”ސުނަން“ ގައި، ޢަބްދުއްރަޙްމާނު ބުނު ޙައްސާން ގެ ސަނަދުން އަލްޙާރިޘް ގެ އަރިހުން ނަބިއްޔު ﷺ އަރިހުންނެވެ. އަދި ޢަބްދުއްރަޙްމާނު ބުނު ޙައްސާނާއި މެދު ޢިލްމުވެރިން ވަނީ ޚިލާފުވެލައްވާފައެވެ. އަދި އަލްޙާރިޘު ބުނު މުސްލިމް އަކީ މަޖްހޫލެކެވެ. (އެބަހީ: އިތުބާރު ހުރިކަން އެނގޭނޭވަރަށް ކާކުކަން އެނގޭން ނެތުމެވެ.) އޭގެ އިތުރުން އޭނާ ވަނީ އެރިވާޔަތުގައި ތަފައްރުދު ވެގެންނެވެ. (އެބަހީ: އެޙަދީޘު އެނޫން މަގަކުން ވާރިދުނުވެ ހައްތަހާވެސް ރިވާވެފައިވަނީ އޭނާ މެދުވެރިކޮށް އެކަންޏޭއެވެ.)
ދެންފަހެ ⌝ޢިލްމުވެރިންގެ⌜ ބައިގަނޑެއް މިޙަދީޘުގެ މައްޗަށް ޢަމަލު ކުރަނީ: މިއީ އަލްފަޟާއިލު ތެރޭ ހިމެނޭ ކަމެއް ގޮތުގައި ކަނޑައަޅުއްވައެވެ. (އެބަހީ: ހެޔޮކަންކަމަށް ހިތްވަރު ދިނުމުގެ ބާބުގެ ދަށުން އޮންނަ ޙަދީޘުތައް ބަލައިގަތުމުގައި ލުޔެއް އޮންނަ އަސާސެވެ.)
އެހެނަސް މިކަމުގައި މިޙާލަތުގައި ޒުވާބު އެބައޮތެވެ. އެހެނީ ހެވަށް ހިއްވަރު ދިނުމުގެ ބާބުން ދަށުން ބަލާއިރު މިޙަދީޘުގައި ވަކި ވަޤުތަކާއި އަދަދެއް ކަނޑައެޅިފައި އޮތުމެވެ. ވީމާ މިކަން ހިމެނެނީ އަޅުކަމުގެ ތެރެއިންނެވެ. އެއީ އެއަށް ޞައްޙަ ދަލީލެއް ނެތި ޘަވާބު ހޯދާން އަދި އޭގެ ފަޟުލަށް އެދި އެކަން ކުރާން ހުއްދަ ނުވާނޭ އެއްޗެކެވެ. އަދި މިފަދަ މިޒާތުގެ ކަންކަމުގައި (އެބަހީ: ވަޤުތާއި މިންވަރު ކަނޑައެޅިފައިވާ އަޅުކަން ތަކުގައި) ޟަޢީފު ޙަދީޘުތަކަށް ޢަމަލުކޮށް ފަސޭހަކޮށްލުން ޞައްޙަ ވެގެން ނުވެއެވެ.❝ (ފަޟާއިލުގެ ބާބުގައި ޟަޢީފު ޙަދީޘް ބޭނުން ކުރުމުގެ މައްސަލާގައި އިތުރު ތަފްޞީލު)
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (ބަސްކޮޅު)
~ ގަލަންދާނު 🖋 | #حديث_ضعيف
ــــــــــــــــــــ
އިތުރު މަޢުލޫމާތު:
⬆️ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ: މިޙަދީޘު ރިވާކުރެއްވީ އަބޫ ދާޥޫދާއި އަޙްމަދާއި އައްނަސާއީ ”السنن الكبرى“ ގައި އެވެ. އަދި މި ޙަދީޘު ޞައްޙަ ވެފައި ނުވެއެވެ.“
⬆️އަލްޢުޞައިމީ ވިދާޅުވިއެވެ: ”މިޙަދީޘު ޘާބިތުވެފައި ނުވެއެވެ.“
⬆️އައްޠަރީފީ ވިދާޅުވިއެވެ: ”މިއީ ޟަޢީފު ޙަދީޘެކެވެ. މީގެ ސަނަދުގައި އަލްޙާރިޘު ބުނު މުސްލިމް ހިމެނެއެވެ. އެއީ މަޖުހޫލު ބޭފުޅެކެވެ.“
📝 ފައިދާއެއް:
އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔު صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ سَأَلَ اللَّهَ الجَنَّةَ ثَلاَثَ مَرَّاتٍ قَالَتِ الجَنَّةُ: اللَّهُمَّ أَدْخِلْهُ الجَنَّةَ، وَمَنْ اسْتَجَارَ مِنَ النَّارِ ثَلاَثَ مَرَّاتٍ قَالَتِ النَّارُ: اللَّهُمَّ أَجِرْهُ مِنَ النَّارِ»
(ސުވަރުގެއަށް އެދި ﷲ ގެ ޙަޟްރަތުގައި ތިން ފަހަރު ދަންނަވައިފިމީހާ ދަންނާށެވެ. ސުވަރުގެ ދަންނަވައެވެ. ”ޔާ ﷲ! އޭނާ ސުވަރުގެ ވައްދަވައިދެއްވާނދޭވެ!“ އަދި ނަރަކައިން ރައްކާތެރިކޮށްދެއްވުން އެދި (ﷲ ގެ ޙަޟްރަތުގައި) ތިން ފަހަރު ދަންނަވައިފިމީހާ ދަންނާށެވެ. ނަރަކަ ދަންނަވައެވެ. ”ޔާ ﷲ! އޭނާ ނަރަކައިން ރައްކާތެރިކުރައްވާނދޭވެ!“)
މިއީ ޙަސަން ޙަދީޘެކެވެ. إن شاء ﷲ، އަހަރެމެންވާނީ މިޙަދީޘުގެ ދަރަޖައާއިމެދު ކުރިން ތަފްޞީލެއް ގެނެސްދީފައެވެ. (ކިޔައިލުމަށް)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.