ބުދަ ދުވަހުގެ މެންދުރާއި ޢަޞްރާއި ދެމެދު ކުރެވޭ ދުޢާ ޢިޖާބަ ވުމުގެ ޙަދީޘުގެ ދަރަޖަ
⚠️ ބުދަ ދުވަހުގެ މެންދުރާއި ޢަޞްރާއި ދެމެދު ކުރެވޭ ދުޢާ ޢިޖާބަ ވުމުގެ ޙަދީޘުގެ ދަރަޖަ
☪☪☪☪☪️
❞ މިޙަދީޘް ރިވާކުރެއްވީ އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައެވެ. އަދި އެޙަދީޘު މައްސަލަ ބިނާ ވަނީ (އޭގެ ރާވިން ތެރެއިން) ކަޘީރު ބުނު ޒައިދަށެވެ. ކަޘީރު ބުނު ޒައިދަކީ صدوق އެކެވެ. އަދި ހަނދުމައިގައި ކުށް ޖެހޭ މީހެކެވެ.
(ނޯޓް: صدوق ނޫނީ ތެދުވެރި އެކޭ ޙަދީޘު ޢިލްމުގައި ބުނެވެނީ الثقة (އިތުބާރުހުރި) ރާވީ އަކަށް ވުރެ ދަށު ދަރަޖައެއް ގޮތުގައެވެ. މާނައީ އޭނާއަކީ ޢާންމުކޮށް ޙަދީޘް ބަލައިގަނެވޭ މީހެއް ކަމެވެ. އެހެނަސް ބައެއް ތަކެތީގައި ކުށްޖެހޭ ނޫނީ އޮޅުންއަރާ މީހެއް ކަމެވެ.)
އަދި މި ރިވާޔަތުގައި އޭނާ ވަނީ މިޚަބަރު ނަޤުލު ކުރުމުގައި تفرد ކޮށެވެ. (އެބަހީ: ރާވީއެއް ކިބައިން ޙަދީޘެއް ނަޤުލު ކުރި އިރު، އެ ރާވީން ކިބައިން ޙަދީޘް ނަޤުލު ކުރާ އެނޫން އެއްވެސް މީހެއް ރިވާ ނުކޮށް، އެންމެ މީހެއް އެކަނި އެރާވީ ފަރާތުން އެ ޙަދީޘެއް ގެނައުމުވެެ. ވީމާ އޭނާ تفرد ވީއެވެ. ޙަދީޘު ރިވާ ކުރުމުގައި ވަނީ އެކަހެރި ކޮށެވެ.)
ވީމާ ބުދަދުވަހުގެ އަދި މެންދުރާއި ޢަޞްރު ދެމެދުގައި، އަދި ޢިޖާބަވަނިވި ދުޢާއެއް ކަމުގައި ބުނެވޭ، ވަކި ވަޤުތަކަށް ކަނޑައެޅޭ އަޅުކަމެއް ގައި، މިފަދަ (ސަނަދެއް) ބޭނުން ކުރެވުން ނުވެއެވެ. އަދި މިނޫން ސަނަދަކުން (އޭނާ ނޫން މަގަކުން) މިކަން އެނގޭން ނެތެވެ. ވީމާ މިޚަބަރު ބަލައިގަނެވުން ނުވެއެވެ. ❝
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ـــــــــــــــــ
📝 އިތުރު ތަފްޞީލު:
1️⃣ޢަބްދު ﷲ އައްސަޢްދު ވިދާޅުވިއެވެ:
”މިޙަދީޘުގެ ސަނަދަށް ބަލާއިރު އެއީ (ދަރަޖައިގެ ގޮތުން) صالح ސަނަދެކެވެ. އެކީ އެއްކޮށް ވަރުގަދައެއްނޫނެވެ. އަދި އެއީ (ސީދާ) ޟަޢީފު ސަނަދެކޭ ބުނެވުން ނުވެއެވެ. [[ނޯޓް: صالح ކަމަށް ޙަދީޘް ޢިލްމުވެރިން ވިދާޅުވާ ދަރަޖައަކީ، ޞައްޙަ ކަމުގައި ޙަސަން ދަރަޖައާއި ގާތް ކުރާ އަދި އެއަށްވުރެ ކުޑަކޮށް ބަލިކަށި ރަދީޘެވެ. ނުވަތަ ޤަރީނާއެއް ގޮތުގައި ނެގެވޭ އެހެނަސް އޭގެ ޒާތުގައި ޙުއްޖަތެއް ގޮތުގައި ނުބެލެވޭ މިންވަރެކެވެ.]] ދެންފަހެ (މިޙަދީޘު ގެ ބަސްކޮޅަށް) ބަލާއިރު، މި ދަނޑިވަޅާއި ވަޤުތުގައި އިންސާނާ ދުޢާ ކުރުމުގައި ދަންނައެ، މިއިން އެއީ (ސުންނަތެއް ކަން) އަހަރެންނަށް ދޭހަވާ އެއްޗެއް ނޫނެވެ. والله اعلم. އެހެނީ ރަސޫލު ﷲ ﷺ ތަފާތު ވަޤުތުތަކާއި ތަފާތު ތަންތަނުގައި ދުޢާ ކުރައްވާފައި ވެއެވެ. އަދި އެދުޢާތައް ޢިޖާބަ ކުރެއްވިފައިވެސް ވެއެވެ. ވީމާ (ހަމައެކަނި) މިކަމުގެ މައްޗަށް ބިނާކޮށް މިއީ ޢިޖާބައިގެ ވަޤުތެއް ކަމުގައި އެކަލޭގެފާނު ޤަޞްދު ކުރެއްވިއެކޭ ބުނެވުން ނުވެއެވެ. އަދި އެވަޤުތު ޚާއްޞަ ކުރެވުން ވެސް ނުވެއެވެ. އެހެނަސް އެކަލޭގެފާނު ﷺ އެވަޤުތެއްގައި ދުޢާ ކުރުމަށް ހިތްވަރު ދެއްވި ވަޤުތެއް މެނުވީއެވެ. އެއީ މިޘާލަކަށް ދަންވަރުގެ އެންމެ ފަހު ބައިގައި، ހާރުގެ ވަގުތުގައި އާއި، ނޫނީ ބަންގިޔާއި ޤަމަތާއި ދެމެދުގައި އާއި ހަމައެފަދައިން ހުކުރު ދުވަހުގައާއި .. މިފަދައެވެ. އެހެނަސް އަލްބުޚާރީ الادب المفرد ގައި ރިވާކުރެއްވި އިހު ބަޔާންވެވުނު (ބުދަ ދުވަހުގެ މެންދުރާއި ޢަޞްރު ދެމެދުގައި ދުޢާ ޢިޖާބަވާކަމުގެ އެއިން ދޭހަކުރާ) ޙަދީޘަށް ބަލާއިރު، އޭގައި އެއީ ޢިޖާބައިގެ ވަޤުތެއް ކަމަށް އެކަލޭގެފާނު ޝަރުޢު ކުރައްވަން ޤަޞްދު ކުރެއްވި ކަމަށް ބުނެވުން ނުވެއެވެ. އެހެނީ އެކަލޭގެފާނު އެކިއެކި ތަންތަނާއި ވަޤުތު ތަކުގައި ދުޢާ ދަންނަވާފައި ޢިޖާބަ ވެފައިވެސް ވެއެވެ. އެހެނަސް (އޭގެ ތެރޭއިން) އެކަލޭގެފާނު އެވަޤުތަކަށް ހިތްވަރު ދެއްވި ވަޤުތެއް މެނުވީ އެހެން ކަނޑައެޅުން ނުވެއެވެ.“ (އޯޑިއޯ)
2️⃣ޑރ. ޚާލިދުލް ޙާޔިކު ކަޘީރު ބުނު ޒައިދާއި މިޙަދީޘުގެ މައްޗަށް ތަފްޞީލެއް ގެންނަވައި ދެން ވިދާޅުވިއެވެ:
”ޚުލާޞާ އަކީ، ދެނަމާދުގެ ދެމެދުގައި ބުދަދުވަހުގައި ދުޢާ ކުރުމުގެ ޙަދީޘަކީ މުންކަރު ޙަދީޘެއް ކަމެވެ. (މުންކަރު ޙަދީޘަކީ، ޞައްޙަ ވަރުގަދަ ސަނަދުތަކާއި ޚިލާފަށް އެއަށް ވުރެ ދެރަ ސަނަދަކުން ނަޤުލުކުރެވިފައިވާ ތަކެއްޗެވެ. އެގޮތުން އެ ބަލައިނުގަނެވެއެވެ. ނޫނީ ބަލިކަށި ވުމެވެ.) މިރިވާޔަތުގައި تفرد ވެފައިވަނީ ކަޘީރު ބުނު ޒައިދު އަލްއަސްލަމީ އެވެ. އެއީ ޟަޢީފު އަދި ބަލައިނުގަނެވޭ ރިވާޔަތެކެވެ.“
3️⃣މުޞްޠަފާ އަލްޢަދަވީ ވިދާޅުވިއެވެ: ”މިޙަދީޘު ޟަޢީފެވެ. ޘާބިތެއް ނޫނެވެ.“ (ވީޑިއޯ)
4⃣ފަހްދުއް ސުނީދު ވިދާޅުވިއެވެ: ”އެޙަދީޘު ރިވާކުރެއްވީ އިމާމް އަޙްމަދެވެ. އެއީ މުންކަރު ޙަދީޘެކެވެ. ޞައްޙަ ވެފައި ނުވެއެވެ.“
5⃣ޢުމަރުލް މުޤްބިލް މިޙަދީޘުް ޘާބިތު ނޫން ކަމަށް ވިދާޅުވިއެވެ.
#حديث_ضعيف
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.