އަޅުކަންކުރުމާއި ހެޔޮ ޢަމަލުތަކުގައި ބަރުހެލިކަން އިހުސާސްވާ މީހާއަށް އޮތް ކުރު ނަޞޭޙަތަކީ ކޮބައިތޯ؟
🎁🎁 އަޅުކަންކުރުމާއި ހެޔޮ ޢަމަލުތަކުގައި ބަރުހެލިކަން އިހުސާސްވާ މީހާއަށް އޮތް ކުރު ނަޞޭޙަތަކީ ކޮބައިތޯ؟
ޙަދީޘް:
«إِنَّ لِكُلِّ عَمَلٍ شِرَّةً، وَلِكُلِّ شِرَّةٍ فَتْرَةٌ، فَمَنْ كَانَتْ فَتْرَتُهُ إِلَى سُنَّتِي فَقَدِ اهْتَدَى، وَمَنْ كَانَتْ فَتْرَتُهُ إِلَى غَيْرِ ذَلِكَ فَقَدْ هَلَكَ»
”ހަމަކަށަވަރުން ކޮންމެ ޢަމަލަކަށް ޖޯޝެއް (އެބަހީ: ހީވާގިކަމާއި ފޯރިއެއް) ވެއެވެ. އަދި ކޮންމެ ޖޯޝަކަށްފަހު ބުރަހެލިކަން ވެއެވެ. ފަހެ އެމީހެއްގެ ބުރަހެލިކަމުގެެ ދަނޑިވަޅު ތިމަންކަލޭގެފާނުގެ ސުންނަތުގެ މަތީގައި ހުރެއްޖެ މީހާ، ތެދުމަގު ހޯދައިފިއެވެ. އަދި އެމީހެއްގެ ބުރަހެލިކަމުގެެ ވަޤުތު އެނޫންއެއްޗެއްގެ މަތީ ވެއްޖެމީހާ، ހަލާކުވެއްޖެއެވެ.“ ⁽¹⁾
މިރްޤާތުލް މަފާތީޙް ގައި މުއްލާ ޢަލީ ޤާރީ ވިދާޅުވިއެވެ:
⬆️«إن لكل شيء شرة» (ހަމަކަށަވަރުން ކޮންމެ ކަމަކަށް ޖޯޝެއްވެއޭ)؛ شِرَّة: އެއީ ކަމަކަށް އޮންނަ ދަހިވެތިކަމާއި، އެކަމެއްގައި ހުންނަ ހީވާގިކަމާއި ޝައުގުވެރިކަމެވެ.
⬆️«ولكل شرة فترة» (އަދި ކޮންމެ ޖޯޝަކަށްފަހު ބުރަހެލިކަމެއް ވެއެވެ.)؛ فَتْرَة: އެބަހީ، ބަލިކަށިކަމާއި ހީނަރުކަމެވެ.
⚪️އައްޝެއިޚް ޢަބްދުއް ސަލާމް އައްޝުވައިޢިރު ވިދާޅުވިއެވެ:
❞ ކޮންމެ މީހަކަށް ވެސް ބަރުހެލިކަމެއް އަންނާނެއެވެ. ނަބިއްޔު ﷺ ހަދީޘްކުރައްވާފައިވެއެވެ: "ކޮންމެ އަމަލަކަށް ޖޯޝެއް (މުރާލިކަމެއް) ވެއެވެ. އަދި ކޮންމެ ފޯރިއަކަށް ފަހު ބަރުހެލިކަން (ނުވަތަ ބަލިކަށިކަން) ވެއެވެ."
ތިބާ ކުރާ ކޮންމެ އަމަލަކަށްމެ ފޯރިއެއް އެކުލެވެއެވެ. އިލްމު އުނގެނުމުގައްޔާއި، ނަމާދުކުރުމުގައްޔާއި، ރޯދަހިފުމުގައްޔާއި، ޤުރުއާން ހިތުދަސްކުރުމުގައްޔާއި، ދަމުނަމާދުކުރުމުގައްޔާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައްޔާއި، ރަޙިމުގެ ގުޅުން ބޭއްވުމުގައި ތިބާ ފޯރި ހުރެއެވެ. ދެން އެ ފޯރިއާއި ވަރުގަދަކަމަށްފަހު، ބަލިކަށިކަމުގެ ވަޤުތެއް އާދެއެވެ.
ފަހެ، ނަބިއްޔު ﷺ މީގެ ޙައްލު ދައްކަވައި ހަދީޘްކުރެއްވިއެވެ: "އެމީހެއްގެ ބުރަހެލިކަމުގެެ ވަޤުތު ތިމަންކަލޭގެފާނުގެ ސުންނަތުގެ މަތީގައި ހުރެއްޖެ މީހާ، ތެދުމަގު ހޯދައިފިއެވެ." މީގެ މާނައަކީ ކޮބައިތޯއެވެ؟ ބަލިކަށިކަމުގެ ވަޤުތުގައި، ތިބާ ދުވަހަކުވެސް އޭގެ ތިރިއަށް ނުދާނެ "މިންގަނޑެއް" (ރަތްރޮނގެއް) ކަނޑައަޅާށެވެ. އަދި ހީވާގިކަމާއި ވަރުގަދަކަމުގެ ވަޤުތުގައި، އެ މިންގަނޑަށްވުރެ އިތުރުކުރާށެވެ.
ހީވާގިކަމުގެ ވަޤުތުގައި ބޭނުންވަރަކަށް އަޅުކަންތަކާއި ނަމާދުތައް ކުރާށެވެ. އަދި މަޝްޣޫލުވާ ވަގުތާއި ބަލިކަށިވާ ވަޤުތުގައި، ފަރުޟުތައް ދޫވިޔަ ނުދޭށެވެ. އަދި އެންމެ ދަށު ދަރަޖައަކަށް ވެސް ރަވާތިބު ސުންނަތް ތަކުގައި ހިފަހައްޓާށެވެ. ސަބަބަކީ، ޖޯޝާއި ވަރުގަދަކަމުގެ ވަޤުތުގައި ހަމައެކަނި ފަރުޟުތަކަށް ފުއްދާލައިގެން ހުންނަ މީހާ، ބަލިކަށިކަމުގެ ވަޤުތު އައުމުން ފަރުޟުތައް ދޫކޮށްލަފާނެތީއެވެ.
އެހެންކަމުން، ތިބާގެ ހީވާގިކަމުގެ ވަޤުތުގައި ސުންނަތް އަމަލުތަކުން ﷲ އަށް ކުއްތަންވާށެވެ. އަދި ބަލިކަށިކަމާއި ބުރަހެލިކަމުގެ ވަޤުތުގައި، (އަމިއްލަ ނަފްސަށް) ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑުގައި ހިފަހައްޓާށެވެ. ❝ — އައްޝުވައިޢިރުގެ ބަސްކޮޅު، ނިމުނީ.
📝 އަހަރެން ބުނަމެވެ: ފިތުނައިގެ މިޒަމާނުގައި ޙައްޤުގެ މަގުގައި ޖިހާދާއި ސުންނަތުގެ މަތީގައި ޘާބިތުވެ ފައިހިފަހައްޓާފައިވާ ކަމަށް ދެކި، އެހެނަސް އޭނާގެ ”ރަތްރޮނގު“ ކަމުގައި މަދުވެގެން: 1) ރަވާތިބު ސުންނަތްތަކާއި 2) ވިތުރިއާއި 3) މަހެއްގެ މައްޗަށް ތިން ރޯދަ ނުހިފެހެއްޓިއްޖެ މީހަކަށް އަހަރެން ހިތާމަކުރަމެވެ.
~ ގަލަންދާނު 🖋
ــــــــــــــــــــ
[1] އަލްޢަދަވީ ވިދާޅުވިއެވެ: "މިޙަދީޘު ޙަސަން އެވެ.“ އަލްޙަސަނީ ވިދާޅުވިއެވެ: ”މިޙަދީޘު ޞަޢްޙައެވެ.“
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.