ކައިވެނީގެ ފިޤުހު 4 : ކަށަވަރުކަން ނެތި ”ފޯނުން ކުރެވޭ ކައިވެނި ބާޠިލެވެ.“
❶
#KaiveneegeFiguhu (4)
🔻 ކައިވެނީގެ ފިޤުހު 4 : ކަށަވަރުކަން ނެތި ”ފޯނުން ކުރެވޭ ކައިވެނި ބާޠިލެވެ.“
ޖިއްދާގައި 17 އިން 23 ޝަޢުބާން 1410 ހ އަށް (14 އިން 20 މާރިޗް 1990 ކ. އަށް) މަޖިލިސްވި ”އިސްލާމީ ފިޤުހު އެކެޑަމީ" ގެ ހަތަރުވަނަ ބައްދަލުވުމުގައި، ”ޒަމާނީ މުވާޞަލާތުގެ އާލާތްތަކުން ޢަޤުދުތައް ހެދުމުގެ ޙުކުމް“ އާއި މެދު އެ މަޖިލިހަށް ހުށަހެޅުނު ރިސަރޗްއަށް ބަލައި ތަފާތު ޢަޤުތުތައް ހެދުމުގެ ޙުކުމްތަކާއިމެދު ފަތުވާ އެއް ނެރުއްްވައި، ވިޔާފާރި އާއި އެނޫން ޢަޤުދުތައް ހެދުމުގެ ޝަރުޠުތަކަށް ފަހު ޚުލާސާގައި ބަޔާން ކުރެއްވިއެވެ:
ހަތަރެއް: އިހު ބަޔާން ވެވުނު (ޢަޤުދުތައް ހުއްދަވުމުގެ) ޤަވާޢިދުގައި ކައިވެނީގެ ޢަޤުދުތައް ޝާމިލު ނުވެއެވެ. އެހެނީ ދެހެކިވެރިން (ހާޒިރުވެ ތިބުން) އޭގައި، (އެކަން ޞައްޙަވުމަށް) ޝަރުޠުވެގެން ވާތީއެވެ....“
އަދި މިކަމުގެ ފިޤުހީ ޚިލާފު އަންނަ އެއް އަޞްލަކީ، ކައިވެނީގެ ޢަޤުދު އެހެން ޢަޤުދުތަކާއި ޚިލާފަށް ހެކިވެރީންނަށް ލޯއަނދިރި މީހުންނަށް ނުވެވޭނޭ ކަމަށް ޝާފިޢީން ދެކިލައްވާ ގޮތުގެ މައްޗަށެވެ. އަދި މިއީ ޖުމްހޫރުންނާއި ޚިލާފަށެވެ. އަދި އެހެނަސް ޝާފިޢީންގެ މި ޚިލާފަށް އިސްތިސްނާ ޙާލަތަކީ ލޯއަނދިރި މީހާއަށް އޭނާ އެހެކިވާ ބަޔެއްގެ އަޑު އެއްވެސް ޝައްކަކާނުލައި އެނގޭނޭ ނަމައެވެ. އަދި ބަޔެއް ޢިލްމުވެރިން މީގެ މައްޗަށް ފޯނާއި މިޒަމާނުގެ ވަޞީލަތްތައް ޤިޔާޞް ކުރައްވައި ހުއްދަ ކުރެއްވިއެވެ.
އެހެނަސް (ލޯފަން ވިޔަސް ނޫނީ ނޫނަސް) ހެކިވެރިން ”އެއް މަޖިލިހެއްގައި“ ޙާޟިރުވެ ތިބުމާއި ޚިލާފަށް މިޒަމާނުގެ ވަޞީލަތްތައް މެދުވެރިވެ ކުރެވޭ މަޖިލިހުގައި މިބޭނުން ކުރެވޭ އާލާަތްތަކަކީ، އަޑު އޭގެ ޒާތުގައި ބަދަލުވެފައިހުރުމާއި ނޫނީ ނުސާފުވުމާއި ނޫނީ އޮޅުވާލުން ވެސް ފަސޭހަ އެއްޗެއް ކަމަށް ވުން ހިމެނެއެވެ. އަދި އެފަދަ ނުކުޅެދުމެއް އެކުލެވިގެންވާ ހިނދެއްގައި ފަރުޖު ޙަލާލު ކުރުމީ ބޮޑު ފަސާދައަކަށް ހުޅުވިގެން ދާނޭ ކަމެކެވެ. (އިތުރު ތަފްޞީލް)
މިގޮތުން، ފަތާވާ ޢަބަރުލް އަޘީރު (149) ގައި އައްޝައިޚް އަބޫ މުޙައްމަދު އަލްމިޞްރީ އާއި ސުވާލުވެވުނެވެ:
ސުވާލު: އިސްލާމީ ބިމެއްގައި ދިރިއުޅޭ އަންހެނެކެވެ. އިންޓަރނެޓް މެދުވެރިކޮށް އެއަންހެން މީހާގެ އަހުލުވެރީންނާއި ގުޅައިގެން މީހަކާއި އެއަންހެން މީހާ ކައިވެނި ކުރުވިއެވެ. ...ފަހެ މިއީ ޖާއިޒު ހުއްދަ ކަމެއް ހެއްޔެވެ؟
ޖަވާބު: ”މީހަކާ އިނުމުގައި އެއްބަސްވުން ނުވަތަ ކައިވެނީގެ ޢަޤުދުކުރެވުމުގައި، ވަލީދޭ ފަރާތާއި (ވަލީ ވެރިޔާ) ނުވަތަ އޭނާގެ ބަދަލުގައިވާ ވަކީލު މީހާއި އަދި ކައިވެނި ކުރެވޭ ފިރިހެނާ ނުވަތަ ފިރިމީހާއާއި އަދި ހެކިވެރީން (ދެ ހެކީން) ޙާޟިރުވެ ތިބުމަކީ ވާޖިބެކެވެ. ހަމަ އެއާއެކުގައި، ޞީޣާ ނުވަތަ އީޖާބާއި ޤަބޫލު (އަނބި ޤަބޫލު ކުރުމުގެ) ލަފްޡު ބުނުން ވެސް ހިމެނެއެވެ. އަދި ޢިލްމުވެރިން ޝަރުޠު ކުރައްވަނީ މިކަންކަން އެއް މަޖިލީހެއްގައި ވުމަށެވެ.
އަދި މުޢާޞިރުން (ފަހުގެ ބޭފުޅުން) އިޚުތިލާފު ވެލައްވަނީ، ފޯނުން ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ގުޅައިގެން ވަލީ ވެރިޔާއާއި ފިރިމީހާއާއި ހެކިވެރީން ޙާޟިރުވެ ތިބުން އެއީ، އެއް މަޖިލިހެއްގެ ޙުކުމް ނެގޭނެތޯ ނުވަތަ ނޫންތޯއެވެ؟
އަދި ޞައްޙަ ރަނގަޅު ގޮތަކީ، ކައިވެނީގެ ޢަޤުދުކުރުމުގެ އިޖުރާއަތްތައް އިންޓަރނެޓް މެދުވެރިކޮށް ކުރުމެއް ޞައްޙައެއް ނުވާނެއެވެ. އެއީ އެކަމުގައި (އިންޓަރނެޓް މެދުވެރިކޮށް)، ސަކަރާތް ހަދައި ވާނުވާކޮށްލުމާއި މަކަރު ހަދައި އޮޅުވާލުމާއި އަދި ފޭކު ހަދައި ކެހިދިނުން ފަދަ ކަންތައްތައް ހިނގުން އެކަށީގެންވާތީއެވެ. އަދި މަޢުލޫމާތުތަކާއި އިތުރު ހޯދުންތަކާއި އޮޅުންފިލުވުންތަކާއި ބަޔާންތަކާއި ޘާބިތުކުރުންތަކާއި އެނޫން އެއްޗެހިތައް ވެސް ޔަޤީންކޮށް ކަށަވަރުކުރަން ދަތި އުނދަގޫވެ ކަމަކަށް ވާތީއެވެ. ވުމާއިއެކު، ކަންމިހެން ހުރުމުން، ފަހަރުގައި ބޮޑު މަކަރުވެރި އޮޅުވާލުމަކަށް މަގުފަހިވެ އަދި ކެހިދިނުމާއި ހިންތާހެދުމުގެ ދޮރު ހުޅުވިގެން ދެއެވެ. އަދި ޝަރީޢަތް އައިސްފައިވަނީ ފަރުޖުތައް ރައްކާތެރިކޮށް ޢިރުޟު (ނަފްސާއި ފުރާނައާއި ޖިސްމު ނުވަތަ އަބުރާއި ޝަރަފު ނުވަތަ ނަސަބު) ޙިމާޔަތްކޮށް ސަލާމަތްތެރި ކުރުމަށްޓަކައެވެ. ވީއިރު މިކަންކަމަށް އަޅާ ބަލާނަމަ ފަހެ އަހަރެމެންނަށް ފެނި ހާމަވެގެން ދަނީ މިފަދައިން ކުރެވޭ ޢަޤުދުގެ ބާޠިލުކަމެވެ.... — والله تعالى أعلم.“
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.