ދެންފަހެ، ކައިވެނި ކޮށްދިނުމަށް ވަލީވެރިޔާ (ބައްޕަ) އައްޔަނު ކުރާ ވަކީލު އާއިމެދު، އިސްލާމް ކަމީ ޝަރުޠެއް ކަމުގައި ބައެއް ޢިލްމުވެރިން…
③
ދެންފަހެ، ކައިވެނި ކޮށްދިނުމަށް ވަލީވެރިޔާ (ބައްޕަ) އައްޔަނު ކުރާ ވަކީލު އާއިމެދު، އިސްލާމް ކަމީ ޝަރުޠެއް ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަދި އަނެއްބައި ޢިލްމުވެރިން އޭނާއަށް މިކަން ޝަރުޠު ނޫން ކަމުގައި ދެކިލެއްވިއެވެ. އެއީ އޭނާ އަކީ ހަމައެކަނި ވަލީވެރިޔާ ފަރާތުން (ތަމްސީލު) ވާ ވަކީލަށް ވުމުންނެވެ. އަދި ވަލީވެރިޔަކީ ޚުދު އޭނާ ކަމަށް ނުވުމުންނެވެ.
އަލްއިމާމް އައްޝާފިޢީ (رَضِيَ اللَّهُ عَنْهُ ) އަލްއުއްމު (5/21) ގައި، ވިދާޅުވިއެވެ: ”މުސްލިމު އަންހެނާ ކައިވެނި ކޮށްދިނުމުގައި، ފިރިހެނެއް އޭނާ ފުށުން ވަކީލެއް ކަމުގައި އެހެން ފިރިހެނެއް ހަމަޖެއް ސުން ހުއްދައެވެ. އެހެނަސް އަންހެނެއް ނޫނީ ކާފަރެއް ވަކީލަކަށް ހެދުން ނުވެއެވެ. އެހެނީ މިއިން އެކަކަށްވެސް އެޙާލުގައި ވަލީ އަކަށް ނުވެވޭނެއެވެ.“—انتهى
އަދި އިބްނު ޤުދާމާ ވިދާޅުވިއެވެ:
”އަމިއްލަ ނަފުސަށް އެކަމެއް ކުރުމުގެ ބާރު ނުއޮންނަ މީހަކަށް، އެކަމެއްގައި ވަކީލެއް ގޮތުގައި އައްޔަނު ކުރުން ޞައްޙަވެގެން ނުވެއެވެ. އެއީ ކައިވެނީގައި ޢަޤުދު ކޮށްދިނުމާއި، އެ ޤަބޫލު ކުރުމަށް އަންހެނެއް ވަކީލު ކުރުން ފަދައެވެ. އަދި މުސްލިމު އަންހެނާގެ ކައިވެނި ކޮށްދިނުމަށް ކާފަރެއް ވަކީލު ކުރުން ފަދައެވެ. އަދި ހަމައެފަދައިން ކުޑަކުއްޖެއް ނޫނީ މޮޔައެއް އެއްވެސް ޙައްޤެއްގައި ވަކީލުންނަށް ހެދުމެވެ.“—انتهى.
އަދި "الموسوعة الفقهية" (7/133) ގައި، އައިސްފައި ވެއެވެ:
”ޝާފިޢީންނާއި ޙަންބަލީން ގާތު، އެމީހަކަށް ކައިވެނީގެ ޢަޤުދު ކޮށްދިނުމަށް މުސްލިމެއް ފުށުން ކާފަރެއް ހުއްދަވެގެން ނުވެއެވެ. އެހެނީ ޛިއްމީ (ޖިޒްޔަދޭ ކާފަރު) އަކީ އެމީހެއްގެ އަމިއްލަ ނަފުސަށް މިކައިވެނީގެ ޢަޤުދު މިލްކު ނުކުރެވޭ މީހެކެވެ. (އެބަހީ: މުސްލިމު އަންހެނަކާއި ކުރުން ހަލާލު ނޫން މީހެކެވެ.) ވީމާ އޭނާގެ ވަކީލު ކަން ހުއްދަ ނޫނެވެ. އަދި ޙަނަފީންނާއި މާލިކީން ވިދާޅުވަނީ: މި ވަކީލުވުން ޞައްޙަ ކަމެވެ. އެހެނީ ވަކީލު ވުން ޞަޢްޙަ ވުމުގެ ޝަރުޠަކީ: މުވައްކިލު (ވަކީލު އައްޔަން ކުރާ ވެރިފަރާތް) އަކީ އޭނާ ވަކީލަކު އެ ހަމަޖައްސާ ކަންތައް ކުރުމުގެ ބާރު އޮތް މީހަކަށް ވުމެވެ. އަދި ވަކީލު އަކީ މުސްލިމެއް ނޫނީ މުސްލިމު މޫން މީހެއް ކަމުގައި ވިޔަސް، ބުއްދި ސަލާމަތުން ހުރި މީހަކަށް ވުމެވެ.“—انتهى .
އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އާއި ސުވާލުވެވުނެވެ: އެއީ މުސްލިމު އަންހެނަކާއި ކައިވެނި ކުރުމުގައި އޭނާ ފަރާތުން ޤަބޫލު ކުރުމަށް ޛިއްމީ އެއް ވަކީލަކު ކަމުގައި ހަމަޖެއްސި މީހަކާއި މެދުގައެވެ. އެކައިވެނި ޞައްޙަތޯއެވެ؟ ޖަވާބު ދެއްވިއެވެ:
"الحمد لله رب العالمين . މިމައްސަލާގައި (ޢިލްމުވެރިންގެ ތެރޭ) ދެބަސްވުމެއް ވެއެވެ: ފަހެ ހަމަކަށަވަރުން، ކައިވެނި ޤަބޫލު ކުރުމަށް ވަކީލު ކުރެވޭ ފަރާތަކީ ޖުމްލަ ގޮތުގައި އޭނާ އަމިއްލަ ނަފުސަށްވެސް އެކައިވެނި ޤަބޫލު ކުރުން ހުއްދަ ވާނޭ ފަރާތަކަށް ވާން ޖެހެއެވެ. ވީމާ މިކަމުގައި ވަކީލެއް ގޮތުން އަންހެނެއް ނޫނީ މޮޔައެއް ނޫނީ ތަސައްވަރު ނުފުދޭ ކުޑަކުއްޖެއް ޖާއިޒު ވެގެން ނުވެއެވެ...
ދެންފަހެ ޛިއްމީ އެއް އޭނާ ފަރާތުން ކައިވެނި ޤަބޫލު ކުރުމަށް ވަކީލު ކުރުން، ފަހެ ޢިލްމުވެރިން ތެރޭ މިކަމުގައި ޚިލާފު ވެއެވެ. އަދި އެކަން ހުއްދަ ކަމަށް ވިދާޅުވި ބޭކަލުން ވިދާޅުވަނީ، ޢިލްމުވެރިންގެ އިއްތިފާޤުން ކައިވެނީގެ މިލްކުވެރިކަން ލިބެނީ ފިރިމީހާއަށްކަމެވެ. ވަކީލަކަށް ނޫން ކަމެވެ... އެހެނީ ޛިއްމީ އެއް ވަކީލު ކަމުގައި ޢައްޔަން ކުރުމީ، އަންހެން މީހާގެ ބައެއް މަޙުރަމުން އޭނާ އަށް ކައިވެނި ކޮށްދިނުމަށް ޢައްޔަން ކުރުމާއި އެއްހަމާގައިވާ ކަމެކެވެ. މިޘާލަކަށް މައިފުށު ބޮޑުބޭބެ ފަދައެވެ. އެހެނީ އޭނާ އެކައިވެނި ޤަބޫލު ކުރުމަށް މުވައްކިލު މީހާ ފަރާތުން އައްޔަންވެ ހުރުން ހުއްދައެވެ. އެއީ އެކަނބުލޭގެއާއި އޭނާ ޚުދު ކައިވެނި ކުރުން ހުއްދަ ނުވިޔަސް އެވެ. ޛިއްމީ އެއްވެސް، މުސްލިމެއް ގެ ކައިވެނީގައި ވަކީލަކަށް ޢައްޔަން ވެއްޖެ ނަމަ ވަނީ ހަމަ އެފަދައިންނެވެ. އެއީ މުސްލިމު އަންހެނަކާ އޭނާ ޚުދު ކައިވެނި ކުރުން ހުއްދަ ނުވިޔަސް އެވެ. އެހެނަސް މިކަމުގައިވާ ދެބަސްވުމަށް ބަލައި ރައްކާތެރީ މިފަދައިން ކަންތައް ނުކުރުމެވެ... އެހެނަސް މިއާއިއެކުވެސް އެޢަޤުދު ބާޠިލު ވާނޭ ކަމަށް ފާޅުވެގެން ނުވެއެވެ. އެހެނީ އޭގެ ބާޠިލު ކަމުގެ މައްޗަށް ޝަރުޢީ ދަލީލެއް ނުވެއެވެ.“—انتهى. (ޚުލާޞާކޮށް "الفتاوى الكبرى" (3/123) އިން.)
މީގެ މައްޗަށް: އަހަރެމެން ނަށް ފާޅުވަނީ ـ والله أعلم ـ ތި ކައިވެނި ޞައްޙަ ކަމެވެ. އެހެނީ ދަލީލުތައް ދަލީލު ކުރަނީ މުސްލިމު އަންހެނާގެ ކައިވެނީގައި ވަލީވެރިޔާ މުސްލިމު ވުން ޝަރުޠު ކުރުމުގެ މައްޗަށެވެ. އެހެނަސް ވަލީ ވެރިޔާގެ ވަކީލަކު ކަމުގާ ވާ ފަރާތް، އޭނާ މުސްލިމެއް ކަމުގާ ވުމުގެ މައްޗަށް ޝަރުޠުކުރާ ސާފު ދަލީލެއް ކަންޑައެޅިފައި ނެތެވެ.
والله أعلم .
މަޞްދަރު: ސުވާލާއިޖަވާބު ފަތުވާ # 103331
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.