ނަމާދުގެ އަޙްކާމުގައި އައު އެއްޗެއް ނުވޭ •
➊
• ނަމާދުގެ އަޙްކާމުގައި އައު އެއްޗެއް ނުވޭ •
(ފުރަތަމަ މަޥްޟޫޢު: ޞަފުތައް ހެދުމުގައި ކުޑަހުޅާއި ކުޑަހުޅު ޖެއްސުމުގެ މުރާދަކީ ޙަޤީޤަތުގައި ވެސް އެގުނަވަން ވިއްދުމެއް ނޫން)
— އައްޝައިޚް ބަކުރު އިބްނު ޒައިދު
🔻🔻
ޞަފު އެއްވަރު ކުރުމުގައި (تسوية الصف ގައި)، ތިން ސުންނަތެއް އެކުލެވެއެވެ:
1. ޞަފު ސީދާ ކުރުން (إستقامة)، އަދި އެ ތެދުކުރުން (إقامة) ، އެ އެއްހަމަކުރުން (تعديل) — މިކަން ތަންފީޒު ކުރުން ވަނީ، އެއްވެސް މީހެއްގެ މޭ އަދި އެނޫންވެސް ބަޔެއް އޭނާއާއި ޖެހިގެން ހުރި މީހާއަށް ވުރެ ކުރިޔަށް ޖެހިފައި ނުވާނޭ ފަދައިން އެތުރުމުންނެވެ. މިހެންކަމުން އޭގައި އެއްވެސް ބަނޑިކަމެއް ނުވާނޭ ހެން ވުމެވެ. އަދި މިގޮތަށް ޞަފު އެއްވަރުކުރުމަށް ބުނެވޭ ލަފުޡު ތަކުގެ ތެރޭގައި ވަނީ: އިސްތަވޫ «اسْتَوُوا»⁽¹⁾ (އެބަހީ: ޞަފުތައް ސީދާ ކުރާށޭ) އަދި އިޢްތަދިލޫ⁽²⁾ «اعْتَدِلُوا» (އެއްހަމަވާށޭ)، އަދި "އަޤީމުއް ޞައްފަ" «أَقِيمُوا الصَّفَّ»⁽³⁾ (ޞަފު ޤާއިމު ކުރާށޭ، ޤާއިމު ކުރުން، އެބަހީ: ބިނާ ކުރުން، ކޮޅަށް ޖަހައި ސީދާ ކުރުން) މިއެވެ.
އަދި މިފަދައިން ޞަފު ސީދާ ކުޅައުން އެކަތަކުރެވުންވަނީ: ކަރުތަކާއި، ކޮނޑުތަކާއި، ކަކޫތަކާއި ކުޑަހުޅުތައް ޖެއްސުމުގެ އަމުރުންނެވެ.
އަދި އިތުރުއެކަލޭގެފާނުން ގެ މަގުދެއްކެވުމުން ފާޅުވެގެންވަނީ މި ލަފުޡުތައް އެކަތި އެނެކެތީގެ ބަދަލުގައި ގެންނަވާފައިވާ ކަމެވެ.
2. ހުސްޖާގަ ފުރުން (سُدُّوا الْخَلَلَ) : އެއީ އެދެމެދުގައި ހުޅުވުމެއް ނުވާނޭ ފަދައިންނެވެ. އަދި މިކަން މިލަފުޡުތަކުން ދަނެގަނެވެއެވެ: «سُدُّوا الْخَلَلَ»⁽⁴⁾ (ހުސްޖާގަ ފުރާ) ށޭ، އަދި «لاَ تَذَرُوا فُرُجَاتٍ لِلشَّيْطَانِ»⁽⁵⁾ (ހުޅުވުންތައް ޝައިޠާނާ އަށް ތިޔަބައިމީހުން ދޫކޮށްނުލާ) ށޭ، މިއެވެ.
3. ފުރަތަމަ ޞަފު ފުރައިފުރިހަމަކުރުން، އެހެންކަމުން ފުރަތަމަ ފުރުން ވަނީ ފުރަތަމަ ޞަފެވެ. އެއަށްވާ ލަފުޡަކީ: «أتموا الصف الأول فالأول»⁽⁶⁾ (ފުރަތަމަ ޞަފު ފުރިހަމަ ކުރާށެވެ. ޞަފަކަށްފަހު ޞަފެވެ.) އަދި «مَنْ وَصَلَ صَفًّا وَصَلَهُ اللَّهُ وَمَنْ قَطَعَ صَفًّا قَطَعَهُ اللَّهُ»⁽⁷⁾ (ޞަފު ގުޅުވައިފި މީހެއް، ދަންނައެ، ﷲ އޭނާ (އެއިލާހުގެ ރަޙުމަތަށް) ގުޅުއްވައިދެއްވާނެތެވެ. ޞަފު ކަނޑައިފި މީހެއް، ދަންނައެ، ﷲ އޭނާ (އެއިލާހުގެ ރަޙުމަތުން) ކަނޑުއްވާލައްވާނެތެވެ.)
އަދި މި ސުންނަތް ތަކުގެ ތެރޭގައި، ދޫކުރެވިގޮސްފައިވާ ސުންނަތްތައް ވެސް ހިމެނެއެވެ: އޭގެ ތެރޭގައި އެންމެ ފުރަތަމަ ޞަފަށް ދުޢާ އާއި އިސްތިޣްފާރު ތިންފަރަށް ކޮށްދިނުމާއި، އެޔާއި ވިދިގެންވާ ޞަފަށް ދެފަހަރަށް އެކަން ކޮށްދިނުން ހިމެނެއެވެ. އަދި ޞަފު ސީދާ ކުޅައުމަށް އިމާމު މީހާ ޞަފުގެ ނިމޭތަނަށް ދިޔުމާއި، އަދި ޞަފުތައް ތެދު ކުޅައުމަށް މީހަކު ފޮނުވުމާއި، އަދި މިނޫންވެސް އެއަކުން މި ޞަފުތަކާއި ބެހޭ ތިން ސުންނަތް ތަންފީޒުކުރެއްވުމުގެ ގޮތުން އައިސްފައިވާ ނަބިއްޔާގެ ހިދާޔަތްޕުޅު ވެއެވެ.
ތެދުކުޅައުމާއި، ހުސްޖާގަ ފުރުމާއި، ޞަފަކަށްފަހު ޞަފެއް ފުރުމުގައެވެ.
އަދި މިއެންމެހާ ކަމަކުންވެސް ހާމަވެގެންދަނީ ޞަފު ސީދާ ކުޅައުމަކީ ނަމާދު ޤާއިމު ކުރުމުގައި އަދި އޭގެ ޚުޝުއްވަތްތެރިކަމުގައި، އަދި އޭގެ ފުރިހަމަކަމާއި އޭގެ ކާމިލު ކަމުގައި ނުހަނު ބޮޑުވެގެންވާ ރޯލެއް އަދާއުކުރާ ކަމެއް ކަމެވެ. މީގައި ނުހަނު ބޮޑު ފަޟުލު އަކާއި އަޖުރެއް ވެއެވެ. އަދި ހިތްތަކުގެ ގުޅުން ބަދަހިވުމާއި އެ އެއްވުންވެސް ވެއެވެ. އެއީ ނައްޞުތަކުން މިކަމަށް ހެކިދެވިފައިވާ ފަދައިންނެވެ.
އަދި މި ރަޙުމަތް ލިބިގެންވާ އުއްމަތް (އެހެން އުއްމަތްތަކާއި )ފަރަޤުވެ ޚާއްޞަވެފައިވާ އެއްކަމީ، އޭގެ ނަމާދުގެ ޞަފުތަކީ މަލާއިކަތްބޭކަލުންގެ ޞަފުތައް ފަދައިން ވުމެވެ.
އެހެންކަމުން، އެންމެހާ ޙަމްދެއްވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ.
________________
[1] ޞަޙީޙް މުސްލިމް 432
[2] އަބޫ ދާވޫދު 670
[3] ޞަޙީޙް މުސްލިމް 435
[4] އަބޫ ދާވޫދު 666
[5] މަތީގައިއެވަނީ
[6] ބައްލަވާ: މުޞައްނަފް އިބްނު އަބީ ޝައިބާ 1/351
[7] އަބޫ ދާވޫދު 666
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.