ފަތިސް ނަމާދުގައި ޤުނޫތު ކިޔުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
📌 ފަތިސް ނަމާދުގައި ޤުނޫތު ކިޔުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: މީގައި ދެ ޙާލަތެއް ވެއެވެ.
ފުރަތަމައީ: ދާއިމީ ޤުނޫތެވެ: ފަހެ އެއީ ބިދުޢަ އެކެވެ. ސަޢްދު ބުނު ޠާރިޤުލް އަޝްޖަޢީ އަރިހުން އަޙްމަދު އާއި އައްތިރުމިޛީ އާއި އައްނަސާއީ އާއި އިބްނު މާޖާ ރިވާކުރައްވާފައި ވެއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންގެ ބައްޕައަށް ތިމަން ދެންނެވީމެވެ.” އޭ! ބައްޕާއެވެ! ރަސޫލު ﷲ ﷺ ގެ ފަހަތްޕުޅުގައި ބައްޕަ ނަމާދު ކުރެއްވީމު ނޫންހެއްޔެވެ؟ އަދި އަބޫބަކުރާއި ޢުމަރާއި ޢުޘްމާން އަދި ޢަލީގެ ފަހަތްޕުޅުގައިވެސް ނޫންތޯއެވެ؟ އެބޭކަލުން ފަތިސްނަމާދުގައި ޤުނޫތު ކިޔުއްވިތޯއެވެ؟ ވިދާޅުވިއެވެ: (أَىْ بُنَىَّ مُحْدَثٌ) ”އޭ ދަރިފުޅާއެވެ! އަލަށް ހަދާފައިވާ ކަމެވެ.“ (ބިދުޢައެކެވެ.). އަދި ސަޢީދު ބުނު ޖުބައިރު އަރިހުން އައްދާރަޤުޠުނީ ރިވާކުރެއްވިއެވެ: ”އިބްނު ޢައްބާސް ވިދާޅުވީތީ އަހަރެން އަޑު އެހިކަމަށް ހެކިވަމެވެ: (إن القنوت في صلاة الفجر بدعة) ”ހަމަކަށަވަރުން ފަތިސް ނަމާދުގެ ޤުނޫތަކީ ބިދުޢަ އެކެވެ.“ އަދި މީގައި ބަލިކަށި ކަން ވެއެވެ. (ޟަޢީފެވެ.). އެހެނަސް ފުރަތަމަ ބުނެވުނު ޙަދީޘް ޞައްޙަ އެވެ. އަދި އައްތިރުމިޛީ އާއި އެނޫން ބޭކަލުން އެ ޞައްޙަ ކުރެއްވިއެވެ. އަދި މިކަމަކީ ބިދުޢައެއް ކަން އެއިން ޞަރީޙަ އެވެ. އަދި މި ގޮތުގައި ދާއިމީ ކޮށް ކިޔޭ ޤުނޫތު، ޞައްޙަ ޞަރީޙަ މަރްފޫޢު ގޮތެއްގައި ޘާބިތުވެފައި ނުވެއެވެ.
އަދި އައްޞަޙީޙު ގައި (ރިވާވެފައި) ވެއެވެ: (من أحدث في أمرنا هذا ماليس منه فهو رد) ”އަހަރެމެންގެ މި ދީނުގައި ނުހިމެނޭ ކަމެއް ދީނުގެ ތެރެއަށް ވައްދައި އިތުރުކޮށްފިއްޔާ، ފަހެ އެއީ ޤަބޫލުނުކުރެވި ރައްދުވެގެންވާ ކަމެކެވެ.“
ދެވަނައީ: ޤުނޫތު ނާޒިލާ އެވެ. އެއީ މުސްލިމުންގެ މައްޗަށް (نازلة) — މުޞީބާތެއް — އައިސް ފި ހިނދުގައެވެ. އެހެންކަމުން ދުވަސް ތަކެއް ވަންދެން އެއިން މިންޖުކޮށްދޭން ޤުނޫތު ކިޔުމެވެ. މިކަން ސުންނަތުން ޘާބިތެވެ. އެހެނަސް މިކަން އޮބެހެއްޓިފައިވަނީ ދާއިމީ ނޫންކޮށްވާ ސަބަބުތަކަށެވެ. އަދި ފަތިސް ނަމާދާއި އެނޫން ނަމާދުތަކުގައި ދުޢާ ކުރުމެވެ. އެއީ އަނަސް އައި އަލްބަރާއު އާއި އިބްނު ޢައްބާސް އާއި އަބޫ ހުރައިރާ އަރިހުން ވާރިދުވެފައިވާ ޙަދީޘް ތަކުގެ ދަލީލުގައެވެ. އަދި މިއެންމެހާ ތަކެތި ޞައްޙަ އެވެ.
— އައްޝައިޚު، އަލްމުޙައްދިޘު، ނާޞިރު ބްނު ޙަމަދިލް ފަހްދު —ثَبَّتَهُ اللهُ (މަޞްދަރު)
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.