ނަމާދު ކޮށް އަވަދިވެ އޭގެ މުވާލާތް ކެނޑުނު ފަހުން، އެއާވިދިގެންވާ ނަމާދު އިސްކޮށް (ޖަމްޢު ގެ ގޮތުގައި) ކުރަން އެދިއްޖެމީހާ އަށް، މިކަމުގައި…
📌 ނަމާދު ކޮށް އަވަދިވެ އޭގެ މުވާލާތް ކެނޑުނު ފަހުން، އެއާވިދިގެންވާ ނަމާދު އިސްކޮށް (ޖަމްޢު ގެ ގޮތުގައި) ކުރަން އެދިއްޖެމީހާ އަށް، މިކަމުގައި ވަނީ ކޮން ގޮތެއްތޯއެވެ؟
ޖުމްހޫރު ޢިލްމުވެރިންގެ ޤަޥްލަކީ، ދެނަމާދު ޖަމްޢު ކުރުމުގައި، މުވާލާތް ކުރުން (އެދެމެދުގައި ދިގު މެދުކެނޑުމެއް ނުއޮތުން) އެއީ ޝަރުޠެކެވެ. އެހެންކަމުން އެނޫން ގޮތެއް ބާޠިލުވެގެން ވެއެވެ.
އިސްލާމް — ސުވާލުޖަވާބު ގެ ފަތުވާ 223414 ގައި ވެއެވެ:
”މިކަމުގައިވާ ދެވަނަ ޤަޥްލަކީ: މުވާލަތް ކުރުމަކީ ޝަރުޠެއް ނޫން ކަމެވެ. އެހެންކަމުން އެދެނަމާދު ދެމެދު ދިގު މެދުކެނޑުމެއް ވިޔަސް ޖާއިޒުކަމެވެ. އަދި މިއީ އިމާމު އަޙުމަދު އަރިހުން ވާރިދުވެފައިވާ ޤަޥްލެކެވެ. އަދި އެގޮތް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރު ކުރެއްވިއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ:
”އަދި ޞަޢްޙައީ، އެއިން އެއްވެސް ޙާލެއްގައި މުވާލާތް ކުރުން ޝަރުޠަކަށް ނުވުމެވެ. ފުރަތަމަ ވަޤުތުގައި (ކުރެވޭ ޖަމްޢު) ވިޔަސް ނޫނީ ދެވަނަ ވަޤުތުގައި ވިޔަސް އެވެ. އެހެނީ ހަމަކަށަވަރުން މިއަކަށް ޝަރުޢުގައި ވަކި ހައްދެއް ކަނޑައެޅިފައި ނެތެވެ. އަދި (ޝަރުޠެއްގޮތުގައި ބަލައި) އޭގައި ލާޒިމުވެ ހުރުމީ، (ޖަމްޢު ކުރުމުގެ ލުއިފަސޭހަކަމުގެ) ރުޚްޞަތުގެ ލަނޑުދަނޑިތައް ގެއްލިދާ ކަމެކެވެ.“— انتهى " مجموع الفتاوى " (24/54) އިން.
އަދިވެސް އެކަލޭގެފާނު رحمه الله ވިދާޅުވިއެވެ:
”އަލްއިމާމު އަޙްމަދުގެ ބަސްފުޅުން ދަލީލުވަނީ އެކަލޭގެފާނުގެ އަރިހުގައި ޖަމްޢު އަކީ އެވަޤުތުގެ ތެރޭ ޖަމްޢު ކުރުން ކަމެވެ. އެއީ އޭގެން އެކަތި (އެބަހީ އެއްނަމާދު) އަނެކެއްޗާއި ވިދިފައި ނުވިޔަސް އެވެ. އަދި އެމީހެއް މަޣްރިބު އޭގެ އެންމެ ފުރަތަ ވަޤުތުގައި ކޮށް، ދެން މަޣްރިބުގެ އެންމެ ފަހު ވަޤުތުގައި ޢިޝާ ކުރިޔަސް، އެގޮތުގައި އޭނާ ޖަމްޢު ކުރުން ޖާއިޒުކަމުގައެވެ.“— انتهى. " مجموع الفتاوى " (24/52) އިން.
އައްޝައިޚު އިބްނު ޢުޘައިމީން رحمه الله ވިދާޅުވިއެވެ:
”އަދި އިމާމު އަޙުމަދުގެ އަރިހުން މިއަށް ދަލީލުވާ ނައްޞުތަކެއް، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ޛިކުރު ކުރައްވާފައި ވެއެވެ. އެއީ އިސްކޮށް ޖަމްޢު ކުރުމުގައި ދެނަމާދު މުވާލާތް ކުރުން ޝަރުޠުވެގެން ނުވާ ކަމުގައެވެ. ހަމައެފަދައިން އެދޭތި ފަސްކޮށް ޖަމްޢު ކުރާނަމަވެސް މުވާލާތް ކުރުން ޝަރުޠުނޫން ކަމުގައެވެ. ކޮންްމެއަކަސް، އެންމެ ރައްކައުތެރިކަން ބޮޑީ އެދޭތި އެކައްޗަށްފަހު އަނެކެތި ނުކުރެވޭނާމަ، ޖަމްޢު ނުކުރުމެވެ. އެހެނަސް، ޝައިޚުލް އިސްލާމް ގެ ރައުޔުފުޅުގައި (ދަލީލުގެ މައްޗަށް ބުރަވާ) ބާރު ވެއެވެ.“ —انتهى " الشرح الممتع " (4/400) އިން.
— ސުވާލާއިޖަވާބުގެ ފަތުވާއިން މިހިސާބަށް.
އަދި އައްޠަރީފީގެ ބުނުމަކީ ވެސް މިއެވެ. އެއީ ރާޖިޙު ޤަޥްލަކީ، ޖަމްޢު ކުރުމުގައި މުވާލަތްކުރުން ޝަރުތުވެގެން ނުވާކަމެވެ. الله أعلم.
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.