ސުވާލު: ވިތުރި ކުރުން މޮޅު އިތުރީ، އެހެންޏާ ޖަމާޢަތާއި އެކު މިސްކިތުގަތޯ ނޫނީ ގޭގައި ތޯއެވެ؟
ސުވާލު: ވިތުރި ކުރުން މޮޅު އިތުރީ، އެހެންޏާ ޖަމާޢަތާއި އެކު މިސްކިތުގަތޯ ނޫނީ ގޭގައި ތޯއެވެ؟
”އަޞްލަކީ، ވިތުރި ވަނީ ތަރާވީޙް އާއި އެކުގައެވެ. ނަބިއްޔާ އެއަކަށް ޤިޔާމު ކަމަށް ވިދާޅުވި އެއްޗަކީ މިއެވެ. އެއީ އިމާމު މީހާ އާއި އެކުގައި ކުރުމަށެވެ. ނަބިއްޔު ﷺ މި ޙަދީޘް ފުޅުގެ މައްޗަށެވެ: «مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ»
އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި (އެބަހީ: ތަރާވީޙުގައި) ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެއެވެ.
ރިވާ ކުރެއްވީ އަބޫ ދާވޫދު ވަރުގަދަ ސަނަދަކުންނެވެ.
މިޙަދީޘް ގެ (މާނައާއިމެދު) މައްސަލަތަކެއް ވެއެވެ. ބައެއް މީހުން އުފައްދައެވެ: އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނެ ކަމަށް ޙަދީޘް ކުރެއްވި ހިނދު، ނަބިއްޔު ﷺ މުސްލިމު ތަކުންނާއި އެކު އެނަމާދެއް ނޫނީ ޤިޔާމެއް އަދައު ނުކުރައްވާ ވަނީ ކީއްވެހެއްޔެވެ؟
މިއަށް އޮތް ޖަވާބުވަނީ އަންނަނިވި ދެގޮތުން ކުރެ އެއްގޮތެއްގައެވެ:
ފުރަތަމަ ގޮތަކީ: ނަބިއްޔު ﷺ އަށް ވަނީ ޣައިބުގެ ތެރެއިން ބައެއް ކަންކަމުގެ ޚަބަރުތައް ދެއްވިފައެވެ. އަދި އެކަލޭގެފާނު އެއީ ﷲ އެކަލޭގެފާނަށް ޢިލްމުދެއްވި ތަކެތީން، މީސްތަކުން އެކަލޭގެފާނަށްފަހު މިނަމާދު ކުރާނޭ ކަން އެކަލޭގެފާނަށް އެނގިވަޑައިގެން ވުމެވެ. ވީމާ، އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނޭ ކަމެވެ.
ދެވަނަ ޤަޥްލަކީ — އަދި ބޮޑަށް ހެޔޮވެގެންވަނީ މި ޤަޥްލެވެ — އެއީ ނަބިއްޔު ﷺ އެއްރޭ މުސްލިމުތަކުންނާއި އެކު (ތަރާވީޙް) ނަމާދު ކުރެއްވި ކަމެވެ. އަދި ދެވަނަ ރެއެއްވެސް މުސްލިމުތަކުންނާއި އެކު ނަމާދު ކުރެއްވިކަމެވެ. އަދި ނިންމަވާލައްވުމުން، އިތުރަށް ކުރެއްވުމަށް (މީހަކު) ދެންނެވުމުން، ޙަދީޘް ކުރެއްވިޔޭ: އިމާމު ނިމެންދެން އޭނާއާ އެކުގައި ޤިޔާމުގައި ބައިވެރިވެއްޖެ މީހަކަށް، މުޅިރޭ ޤިޔާމުކުރިކަމަށް ލިޔެވޭނޭއޭ އެވެ.
އަދި މިއިން ކޮންމެ ކޮޅަކަށް ވެސް (އެބަހީ: ޖަމާޢަތުގައި ކުރެއްވިކަމާއި ވަކިން ކުރެއްވިކަމަށް ވެސް) ޘާބިތެވެ. އަދި މޮޅު އިތުރީ އިމާމު މީހާ އާއި އެކު (ޖަމާޢަތުގައި) ކުރުމެވެ. އަދި އިމާމު މީހާ ސަލާމް ދޭނަމަ އޭނާ އާއި އެކު ސަލާމް ދިނުން މޮޅު އިތުރެވެ. އެއީ ސަލާމް ދިނުމުން (އަމިއްލަޔަށް) އިތުރު ރަކުޢަތެއް ކޮށް، ދެއަދަދުގެ ނަމާދަކަށް ހަދައި އެއަށްފަހު ދަންވަރު ވިތުރިކުރުމަށްވުރެ މޮޅު އިތުރުކަމެވެ. އަދި (އިމާމް އާއި އެކު ވިތުރި ނިންމުމަށްފަހު) ދަންވަރު ތެދުވެ ނަމާދު ކުރާނަމަ، ދެއަދަދުން ދެއަދަދުން ވާ ގޮތަށް ކުރާނީއެވެ. އަދި ބައެއް މީހުން މިހަދާހެން، އިމާމް މީހާ ސަލާމް ދީފިނަމަ ވަކިން ތެދުވެ އެއް ރަކުޢަތް ކުރުން، އެއީ އޭނާ ދަންވަރު ވިތުރި ކުރުމަށްޓަކައި، ފަހެ މިއީ އިމާމު މީހާ އާއި ޚިލާފު ވުމުގެ ސިފައެއް އެކުލެވޭ ކަމެކެވެ. ވީމާ މޮޅު އިތުރީ އިމާމް މީހާ އާއި އެކު ސަލާމްދީ އަދި (ދަންވަރު) ތެދުވާނަމަ ދެއަދަދުން ދެއަދަދަށް ވާ ގޮތަށް ނަމާދު ކުރުމެވެ. އެހެނަސް އިމާމް މީހާ އާއި އެކު ނަމާދުކޮށް ވިތުރީގެ (ފަހުރަކުޢަތް އެކައްޗަށް ނުހަދައި އިތުރު ރަކުޢަތެއް ހަމަކުރާ މީހާ) ، ފަހެ އޭނާގެ ނަމާދު ވެސް ޞައްޙަ އެވެ. މިއީ ޞަޙާބީން ކުރެ އަދި ތާބިޢީންނާއި އިމާމުން ކުރެ ބައިގަނޑެއްގެ ބަސްފުޅެވެ. އެހެނަސް ފުރަތަމަ ބުނެވުނު ޞިފަ (އެބަހީ: އިމާމު އާއި އެކު ވިތުރިކޮށް ނިންމައި، ދެން ފަހުން ކުރާނަނަމަ ވިތުރިއެއް ނުކޮށް ދެރަކުޢަތުން ނަމާދު ކުރުން) މިއީ މޮޅުއިތުރު ގޮތެވެ. (އަދި އަބޫ ބަކްރުއް ޞިއްދީޤު އަރިހުން މިގޮތަށް ޢަމަލުކުރައްވާ ކަން ވާރިދުވެފައިވެއެވެ. އެއީ އަވަހާރަލެއްޕެވުމުގެ ކުރިން ވިތުރި ކުރައްވާކަމެވެ. ދެން ދަންވަރު ތެދުވެވަޑައިގަންނަވައިފި ހިނދު، ދެރަކުޢަތުން ދެރަކުޢަތުން ނަމާދު ކުރައްވައެވެ. އަދި މިއީ އިމާމް އަޙްމަދު ޢަމަލު ކުރެއްވި ގޮތެވެ. އެކަލޭގެފާނު އިމާމު މީހާ ނިމުމާއި ހަމަ އަށް ޖަމާޢަތުގައި ހުންނަވައި ވިތުރި ކުރައްވައެވެ. ދެން ދަންވަރު ދެރަކުޢަތުން ނަމާދު ކުރައްވައެވެ. އަލްމުޣްނީގައި މިވާހަކަ ޛިކުރުކުރެވިފައިވެއެވެ.)
މީހަކު ބުނެފާނެއެވެ: ވިތުރިއަށްފަހު ދެރަކުޢަތުން ނަމާދު ކުރުން ހުއްދަ ހެއްޔެވެ؟ ޖަވާބަކީ، އާއެކެވެ. އެއީ އިމާމް މުސްލިމް ގެ ޞަޙީޙު ގައި އައިސްފައިވާ ރިވާޔަތުގެ މައްޗަށެވެ. އެއީ ނަބިއްޔު ﷺ ނުވަ ރަކުޢަތް ކުރައްވައި ވިތުރިއަށްފަހު، ދެން ދެރަކުޢަތް (ނަމާދެއް) ކުރެއްވި ކަމެވެ. އެހެންކަމުން މިއީ ވިތުރިއަށްފަހު ދެއަދަދުން ނަމާދު ކުރުމުގެ މައްޗަށް ހުއްދައެކެވެ. ދެންފަހެ ނަބިއްޔު ﷺ ގެ ޙަދީޘް «اجعَلُوا آخر صلاتكم بالليل وترًا» (ތިޔަބައިމީހުންގެ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހަދާށެވެ.) މިޙަދީޘް އައުންވަނީ މުސްތަޙައްބު ވެގެންވާ ގޮތުގެ ބާބުގެ ދަށުންނެވެ. އަދި ވާޖިބު ވުމުގެ ދަށުންނެއް ނޫނެވެ.“
—ޝައިޚް ސުލައިމާން އަލްޢަލްވާން (މަޞްދަރު)
~ ގަލަންދާން
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.