4] މުޞައްނިފު އިތުރުކޮށްފައިވާ ލަފުޡު
[4] މުޞައްނިފު އިތުރުކޮށްފައިވާ ލަފުޡު:
سَيِّدِنَا
ނަބިއްޔު ﷺ ގެ ނަން ފުޅުގެ ކުރިޔަށް ”سَيِّدِنَا“ ލުމާއި މެދު، ދަންނައެ، سَيِّدِنَا ގެ މުރާދަކީ، އަހަރެމެންގެ މާތް ވެރިޔާ އެވެ.
سيد މިލަފުޡު އައިސްފައިވަނީ ساد يسود އިންނެވެ. އަދި އޭގެ ދޭހައަކީ ވެރިވެ ގަދަވުމެވެ. އަދި އެ އެއްގޮތް ވެގެންވަނީ ދިވެހިބަހުގައިވެސް ހިމެނޭ "ސިޔާދަތު" މިލަފުޡު އާއިއެވެ. އެބަހީ ފުރިހަމަ މިނިވަންކަމާއިއެކު އޮންނަ ގަދަ ބާރެވެ.
السَّيِّد މިލަފުޡު އަޅެއް ގެންގުޅޭ އޭނާގެ ވެރިޔާއަށާއި، ރަސްކަލަށް އަދި ޝަރަފުވެރި މާތް ދީލަތި، ރުޅިމައްޗަށް ކެތްތެރި، އޭނާގެ މީސްތަކުންގެ ދުއްތުރާއަށް ކެތްކުރާ މީހުންނަށާއި، ފިރިމީހާ އާއި ރައީސުންނާއި ބޮޑުންނަށްވެސް ނިސްބަތް ކުރެވެއެވެ.
އަދި السَّيِّدُ އޭގެ މުތުލަގު ⁽*⁾ ގޮތުގައި ބޭނުން ކުރާނަމަ، އެއީ ހަމައެކަނި ﷲ އެވެ. އެހެނީ އެއިލާހީ އެންމެހާ ޚަލްޤުތަކުންގެ މާލިކެވެ. އަދި އެއުރެންނަށް އެނޫން މާލިކެއް ނުވެއެވެ.
އަދި السَّيِّدُ سُبحانَهُ އަކީ އެއިލާހަކަށް އެންމެހާ ސިޔާދަތެއް މުޠުލަޤުކޮށް ޙައްޤުވެގެންވާ ފަރާތެވެ. އެހެނީ އެންމެހާ ޚަލްޤުތަކުންނަކީ އެއިލާހުގެ އަޅުންނެވެ. އަދި އެއީ ހައްދަވައި ބޮޑުކުރައްވާ ރައްބެވެ. އެއިލާހު އެވެރިންގެ ކަނދުރާތަކު ހިއްޕަވައި އެވެރިން މައްޗަށް ވެރިވެވޮޑިގެންވެއެވެ. އެއީ ދީލަތިވަންތަ ޙަލީމްވަންތަ މާލިކެވެ. އެވެރިންގެ ހިއްޕަވައި އެވެރިންގެ ކަންތައް ރާއްވަވައި އެވެރިންގެ އިޞްލާޙަށް މަގުދައްކަވައެވެ.
އަބޫ ދާވޫދު ސުނަން (4806) ގައި މުޠައްރިފްގެ ބައްޕާފުޅު ވިދާޅުވިކަމަށް އެކަލޭގެފާނު އަރިހުން ރިވާކުރެއްވިއެވެ: ބަނޫ އާމިރުގެ ވަފްދާއިއެކު رسول الله ﷺ އަރިހަށް ތިމަން ދިޔައީމެވެ. ފަހެ ތިމަންނާމެން އެކަލޭގެފާނަށް ދެންނެވީމެވެ. ”އަހަރުމެންގެ ސައްޔިދަކީ ތީއެވެ.“ ފަހެ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ: «السَّيِّدُ اللَّهُ» ( السيد އެއީ ﷲ އެވެ!)...“
މިގޮތުން، ”މިޙަދީޘް ނިންމަވާލައްވަމުން އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީ އެކަލޭގެފާނަށް ޘަނާ ކިޔުމުގައި ހައްދު ފަހަނަ އަޅާ ނުދިޔުމަށެވެ. އަދި ޙަޤީޤީ މާނާގައި السيد ބޭނުންކުރެވެނީ ހަމައެކަނި ﷲ ތަޢާލާއަށްކަމެވެ.
ﷲ ތަޢާލާއަށް ނިސްބަތްކޮށް السيد އޭ ބުނެވިއްޖެނަމަ އޭގެ މާނައަކީ އެއިލާހީ މީސްތަކުންގެ ވެރި އިލާހުކަމެވެ. އަދި އެއިލާހީ ހުރިހާ މަޚްލޫގުންތައް އެއިލާހަށް ބޭނުންޖެހިފައިވާ އަދި އެއްވެސް މަޚުލޫގަކަށް ބޭނުން ވެވޮޑިގެންނުވާ އިލާހެވެ. އަދި ހުރިހާ ކަމެއް ނިޔާކުރުންވަނީ އެއިލާހު އަތްޕުޅުގައެވެ.“
(މިފޮޅުވަތް، ދިސަލަފިއްޔާ ގެ މިލިޔުމުން)
✅ މިއާއިއެކު، ނަބިއްޔު ﷺ އަށް "އައްސައްޔިދު" ނިޞްބަތް ވެފައި ވުމީ ނައްޞުން ދަލީލު އޮތް ކަމެކެވެ.
މުސްލިމް އެކަލޭގެފާނުގެ "ޞަޙީޙު" (5899) ގައި، އަބޫ ހުރައިރާ އަރިހުން ރިވާކުރެއްވިއެވެ: رسول الله ﷺ ޙަދީޘްފުޅުކުރެއްވިއެވެ: «أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ» ”ޤިޔާމަތްދުވަހު އާދަމުގެ ދަރީންގެ ސައްޔިދަކީ ތިމަންކަލޭގެފާނެވެ.“
✅އަދި އެނޫން ފަރާތް ތަކަށް ވެސް ސައްޔިދޭ ނިސްބަތް ކުރެވުން ހުއްދަ ދަލީލު ކޮށްދޭ ނައްޞުތަކެއްވެއެވެ. އޭގެ ތެރޭގައި:
ހަސަންގެފާނާއި ބެހޭގޮތުން رسول ﷺ ޙަދީޘްފުޅު ކުރެއްވި މިބަސްފުޅު ހިމެނެއެވެ: «إنَّ ابْنِيْ هَذَا سَيَّدٌ…» ”ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މިދަރިކަލުންނަކީ ސައްޔިދެކެވެ.“ (އަލްބުޚާރީ 2704)
އަދި ބަނޫ ޤުރައިޡާގެ މީހުންގެ މައްޗަށް ޙުކުމްކުރުމަށް ސަޢްދު އިބުނު މުޢާޛު ގެނެވުމުން رسول الله ﷺ ޙަދީޘްފުޅުކެއްވިއެވެ: (قُومُوا إلَى سَيِّدِكُمْ) ”ތިޔަބައިމީހުންގެ ސައްޔިދަށް [އެހީތެރިވުމަށް] ތެދުވާށެވެ.“ (އަލްބުޚާރީ 3043)
އިބްނު ޝުމައިލް ވިދާޅުވިއެވެ: އައްސައްޔިދު އަކީ ބުއްދީގައި އާއި މުދަލާއި ، ގެއްލުމުން ވީއްލި ލާބައިގައި އެނޫން ފަރާތް ތަކަށްވުރެ ކުރިއަރާފައިވާ މީހާއެވެ. އަދި އެއީ މުދަލަށް އޭގެ ޙައްޤު ދޭ މީހާއެވެ. އަދި އަމިއްލަ ނަފުސައް ފުދިގެން ހުރި މީހާއެވެ.
ޢިކްރިމާ ވިދާޅުވިއެވެ: އައްސައްޔިދަކީ އޭނާގެ ނަފުސުގެ މައްޗަށް ރުޅި، ގަދަވިޔަ ނުދޭ މީހާއެވެ.
ޤަތާާދާ ވިދާޅުވިއެވެ: އެއީ އަޅުވެރި، ވަރަޢަވެރި، ޙަލީމް ވަންތަ މީހާއެވެ.
ވަރަޢަވެރި: ދީންވެރި ތަޤުވާވެރި (ބަލާ: ދިވެހި ރަދީފު). އެއީ އެމީހެއްގެ ދީނަށް ބަަލައިގެން އެއަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް އޭނާގެ ޢަމަލުތަކަށް ބަލައި ހުއްދަ ބަޔެއް ކަންކަމާއިވެސް ދުރުވެ ހުންނަ މީހާއެވެ.
އަލްޙަލީމް : ޙިލްމުވެރިވަންތަ މާތްރަސްކަލާނގެ ޙިލްމުވެރިކަމަކީ ރުޅިއިސްނުކުރުން. ނުވަތަ ރުޅި ހިފަހައްޓައި މާފު ކުރުމެވެ.
އަބޫ ޙައިރާ ވިދާޅުވިއެވެ: ސައްޔިދޭ ބުނެވެނީ އޭނާ މީސްތަކުންގެ ތެރެއިން ބޮޑުބައިގަނޑެއްގެ މައްޗަށް އިސްވެ މަތިވެރިވެ ހުރީތީއެވެ.
ـــــــــــــــ
[*] މުތުލަގު: އެހެން އެއްޗަކާއި ނުވަތަ ކަމަކާއި ނާޅުވައި (މަޞްދަރު: ދިވެހި ބަހުގެ ރަދީފު). އޭގެ އަޞްލަކީ ޢަރަބިން މުޠްލަޤް.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.