ނަމާދުގެ ތެރޭގައި އާފުރޭ މީހާ އާއި ކިނބިހި އަޅާ މީހާ ކަންތައް ކުރަންވީ ގޮތް
ނަމާދުގެ ތެރޭގައި އާފުރޭ މީހާ އާއި ކިނބިހި އަޅާ މީހާ ކަންތައް ކުރަންވީ ގޮތް
—①—
އިބްނު ޙަޖަރު، ބުލޫޣުލް މަރާމް ގެ كتاب الصلاة ގައި ނަޤުލު ކުރެއްވި އެވެ:
އަބޫ ހުރައިރާ رضي الله عنهُ އަރިހުން ރިވާ ވެގެންވެއެވެ. ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:
«التَّثَاؤُبُ مِنَ الشَّيْطَانِ، فَإِذَا تَثَاءَبَ أَحَدُكُمْ فَلْيَكْظِمْ مَا اسْتَطَاعَ»
((އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭ ހިނދުގައި އެއިން ދުރުވުމަށް (ހުއްޓުވުމަށް) ކުޅަދާނަވީ ވަރަކަށް މަސައްކަތް ކުރާށެވެ.))
ރިވާކުރެއްވީ މުސްލިމް އާއި އައްތިރުމިޛީ އެވެ. އަދި އިތުރަށް ވެއެވެ: «في الصَّلاة» ((ނަމާދުގެ ތެރޭގައި)) އޭ އެވެ.
އަލްޢަލްވާން ވިދާޅުވިއެެވެ:
[1. އާފުރުން ހުއްޓުވައި ހިފެހެއްޓުން]
((އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކޭ))
އެހެނީ އެކަން އަންނަނީ ބަނޑުފުރުމާއި ކަންނެތް ކަމުންނެވެ. އަދި އެދެކަންތަކީ ޝައިޠާނާ ލޯބިކުރާ ދެ ކަންތަކެކެވެ. އެހެންކަމުން އާފުރުމީ ޝައިޠާނާ ފުށުންވާ ކަމެއް ފަދަ އެވެ.
((ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭ ހިނދުގައި އެއިން ދުރުވުމަށް (ހުއްޓުވުމަށް)... މަސައްކަތް ކުރާށޭ))
އެބަހީ: އެކަން ހުއްޓުވައި ހިފަހައްޓާށޭ އެވެ.
އެއީ ((ކުޅަދާނަވީ ވަރަކުން)) ނެވެ...
އެއަށްފަހު، (އިބްނު ޙަޖަރު ވިދާޅުވީ) "ރިވާކުރެއްވީ އައްނަސާއީ އާއި އައްތިރުމިޛީ އޭ، އަދި އިތުރަށް ވެޔޭ"
އެބަހީ އައްތިރުމިޛީގެ ރިވާޔަތުގައި އިތުރަށް ވާ ކަމަށެވެ. (އެ އިތުރު ބަޔަކީ «في الصَّلاة») ((ނަމާދުގެ ތެރޭގައި)) އޭ އެވެ. (މާނައީ: ނަމާދުގެ ތެރޭގައި އާފުރޭނަމަ އެކަން ހުއްޓުވުމަށް މަސައްކަތް ކުރާށޭ އެވެ.)
ވީމާ އާފުރުން މައިތިރި ކުރުމަށް އޮތް މި އަމުރު، ނަމާދުގެ ތެރެޔަށް (މިޙަދީޘުގައި) ހަނިކުރެއްވިއެވެ.
🤚އެހެނަސް މިއިން މި ނަހީ މުޠްލަޤުވުން (ޖުމްލަކޮށް އެންމެހާ ޙާލަތަކަށް ހުޅުވިފައި އޮތުން) ކަނޑުވައި ނުލައެވެ. އެއީ، މި ނަހީ މުޤައްޔިދުކޮށް (ހަނިކުރެވިފައިވާ) ޙާލަތާއި (އެބަހީ: ނަމާދުގެ ތެރޭގައި އެކަން ވުމާއި) މުޠްލަޤު ޙާލަތް (އެބަހީ: އެންމެހާ ޙާލަތެއްގައި އާ ފުރުން) : ޙުކުމުގައި ދިމާވާތީ އެވެ. (މާނައީ، މަނާ އޮތީ އާފުރުމުގެ ސަބަބުގެ މައްޗަށް ކަމެވެ: އެކަމަކީ ޝައިޠާނާގެ ފުށުން ވާ ކަމެއް ކަމުގައި ވުމެވެ. އަދި އެއީ ނަމާދުގެ ތެރެއަށް ޚާއްޞަ ވެފައި އޮތް ޝައިޠާނާގެ ޢަމަލެއް ނޫން ކަމެވެ.)
[2. އަނގަހުޅުވައި އާފުރުމުގެ އަޑު ނުލެއްވުން]
އަދި މި އިތުރުވީ ތަންކޮޅު «في الصَّلاة» ((ނަމާދުގެ ތެރޭގައި)) އޭ — މި ބަޔަކީ އަލްބުޚާރީގެ ރިވާޔަތުގައި ވެސް ހިމެނޭ ބަޔެކެވެ. އަދި އެރިވާޔަތުގައި (އަދި އަބޫ ދާވޫދުގެ ރިވާޔަތުގައި)، އޭގެ ފަހަށް ވެއެވެ:
«ولا يقل: ها؛ فإنما ذلك من الشيطان يضحك منه»
((އަދި (އާފުރުމުގައި އަނގަ ހުޅުވައި) ”ހާ” އަޑު ނުލައްވާށެވެ. އެހެނީ އެއީ ޝައިތާނާ ފަރާތުން އަންނަ އަދި އެއަށް އޭނާ ހީ ހަދާ ކަމެކެވެ.)) ⁽¹⁾
އަދި މިއެންމެހާ ކަމަކީ އެއަކުން (ނަމާދުގެ) ޚުޝޫޢަތްތެރިކަން ގެއްލޭ ކަންކަމެވެ.
[3. އަނގަމަތީ އަތްއަޅައި އެކަން ހުއްޓުވުން]
އަދި އޭނާ (ނަމާދުގެ ތެރޭގައި ވިޔަސް، އެކަން ހުއްޓުވަން) އަނގަމަތީ އަތް އެޅުން ވެއެވެ. އެއީ މިޙަދީޘްގެ މައްޗަށެވެ:
«إذا تثاءب أحدكم فليضع يده على فيه؛ فإن الشيطان يدخل مع التثاؤب»
((ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރޭނަމަ، އޭނާގެ އަތް އަނގަމަތީގައި އަޅައި ނިވާކުރުން ހުއްޓެވެ. އެހެނީ ހަމަކަށަވަރުން އާފުރައިގަންނަ ވަޤުތުގައި ޝައިޠާނާ ވަދެގަނެއެވެ.))
މިޙަދީޘު ރިވާކުރީ އަޙްމަދާއި ދެ ޝެއިޚުން އަދި އެނޫން ބޭކަލުންނެވެ. ❝
— އައްޝެއިޚް އަލްމުޙަދިޘް ސުލައިމާން އަލްޢަލްވާން (ބުލޫޣުލް މަރާމް ގެ ޝަރަޙައިން) ބަސްކޮޅު، ނިމުނީ.🖋
ــــــــــــــــــــــــــــ
[1] ނޯޓް: މި ލަފުޒަކީ އަބޫ ދާވޫދުގެ ލަފުޒެވެ. އެހެނަސް ތުޙްފަތުލް އަޙްވަޛީ އާއި އެނޫން ބައެއް ފޮތްތަކުގައި މިލަފުޒު އަލްބުޚާރީއަށް ނިސްބަތް ކުރައްވާފައިވެއެވެ. އަލްބުޚާރީގެ ލަފުޒު މިއާއި ގާތް އެހެނަސް ކުޑަ ފަރަޤެއް ވެއެވެ.)
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.