ނަމާދުގައި ކިނބިހި އަޅައިފި މީހާ، ﷲ އަށް ޙަމްދު ކުރުން
—②—
• ނަމާދުގައި ކިނބިހި އަޅައިފި މީހާ، ﷲ އަށް ޙަމްދު ކުރުން
ނަމާދުގައި ވާހަކަ ދެއްކުން މަނައު ކުރެވުނު މުސްލިމް އާއި އަބޫ ދާވޫދު އަދި އެނޫން ބޭކަލުން ރިވާކުރެއްވީ مُعَاوِيَةَ بْنِ الْحَكَمِ السُّلَمِيِّ ގެ ޙަދީޘުގެ ފެށުމުގައި ވެއެވެ:
ރަސޫލު ﷲ ﷺ އާއި އެކު އަހަރެން ނަމާދުގައި ބައިވެރިވެ ހުއްޓައި ނަމާދު ޖަމާޢަތުގެ މީހުން ތެރެއިން މީހަކު ކިނބިހި އެޅުމުން އަހަރެން އޭނާއަށް (އެބަހީ: އޭނާ އަލްޙަމްދުލި ﷲ އޭ ބުނުމުން) ރައްދު ދިނުމަށް يَرْحَمُكَ اللَّهُ އޭ ބުނީމެވެ..“
އައްޝެއިޚް އަބްދު ﷲ އައްސަޢްދު ވިދާޅުވިއެެވެ:
❞ ވީމާ (ކިނބިހި އެޅި މީހާ ނަމާދުގައި ހުރެ) ﷲ عز وجل އަށް ޙަމްދު ކުރީއެވެ. އެހެންކަމުން އޭނާގެ އެކުވެރިޔާ ނޫނީ ކައިރީގައި ޖެހިގެން ހުރި މީހާ (އެބަހީ: مُعَاوِيَةَ بْنِ الْحَكَمِ ނަމާދުގައި ހުންނަވައި) އެއަށް (يَرْحَمُكَ اللَّه އޭ ވިދާޅުވެ) ރައްދު ދެއްވީއެވެ. ކުށް ޖެހުނު ފަރާތަކީ މިއެވެ. ރައްދު ދިން ފަރާތެވެ.
ވީމާ މީހަކު ނަމާދުގެ ތެރޭގައި ކިނބިހި އަޅައިފިނަމަ، ޝަރުޢުވެގެންވަނީ ދުލުން ﷲ އަށް ޙަމްދު ކުޅައުމެވެ. އެކަމުގައި ގޯހެއް ނެތެވެ.
(ކިނބިހި އެޅުއްވުމަށްފަހު) މިޞަޙާބީ ، ﷲ އަށް ޙަމްދު ކުރިކަން (މިރިވާޔަތުން) ޘާބިތު ވެއެވެ. އެއީ ކިހިނަކުން ހެއްޔެވެ؟ އެހެނީ އެކަން އަޑު އައްސަވައި އަނެއް ޞަޙާބީ (އެބަހީ: مُعَاوِيَةَ بْنِ الْحَكَمِ) އެއަށް تشميت ކުރެއްވުމުން ނެވެ. (ތަޝްމީތަކީ، ޙަމްދަށް ރައްދުގައި يرحمك الله އޭ ބުނުމެވެ.)
ދެން (مُعَاوِيَةَ بْنِ الْحَكَمِ ގެ) މި ޢަމަލަށް (ނަމާދުގައި ތިއްބެވި) އެހެން އަޞްޙާބު ބޭކަލުން (އިޝާރާތުން) ދެކޮޅު ހެއްދެވިއެވެ. އަދި ރަސޫލު ﷲ ﷺ ނުރުއްސެވީ تشميت ކުރި ފަރާތަށެވެ. (ކިނބިއްސަށް) ﷲ އަށް ޙަމްދު ކުރި ޞަޙާބީ އަކަށް ނޫނެވެ. ❝
— އައްޝެއިޚް އަލްމުޙަދިޘް ޢަބްދު ﷲ އައްސަޢްދު ގެ ބަސްކޮޅު (އޯޑިއޯ) މިހިސާބަށް، ނިމުނީ.
📝 އަހަރެން ބުނަމެވެ: އަދި މި މައްސަލާގައި ޞަރީޙަ ޙަދީޘެއް ވެސް ވެއެވެ. އެއީ އައްނަސާއީ އާއި އައްތިރުމިޛީ ރިވާކުރެއްވި رِفَاعَةَ بْنِ رَافِعٍ ގެ ޙަދީޘެވެ. އޭގައި އެކަލޭގެފާނު ނަމާދުގެ ތެރޭގައި ކިނބިހި އަޅުއްވައި، ޙަމްދު ކުރެއްވުމަށް ވިދާޅުވީ «الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ مُبَارَكًا عَلَيْهِ كَمَا يُحِبُّ رَبُّنَا وَيَرْضَى» މިހެންނެވެ.
އަދި ނަބިއްޔު ﷺ އެޛިކުރަށް ޘަނާ ވިދާޅުވެ، ނަމާދުން އަވަދިވެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ.
«وَالَّذِي نَفْسِي بِيَدِهِ لَقَدِ ابْتَدَرَهَا بِضْعَةٌ وَثَلاَثُونَ مَلَكًا أَيُّهُمْ يَصْعَدُ بِهَا»
((އެއިލާހެއް އަތްޕުޅު ތިމަންކަލޭގެފާނުގެ ނަފްސު ވާ އިލާހު ގަންދީ ވިދާޅުވަމެވެ. ތިރީސް އެތައް މަލާއިކަތުންނެއް އެއާއި އެކު އުޑަށް އެރުއްވުމަށް ވާދަކުރައްވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ.))
އައްޝެއިޚް ފަހްދުއް ސުނީދު މި ޛިކުރާއިމެދު ވިދާޅުވިއެެވެ:
”މިއީ ކިނބިހި އަޅާ މީހާ ކިޔާން އޮތް ޛިކުރުތަކުގެ ތެރެއިން ޛިކުރެކެވެ. ރިވާކުރެއްވީ އައްނަސާއީ އާއި އައްތިރުމިޛީ އެވެ.
އަދި އައްތިރުމިޛީ މިޙަދީޘު ބާބު ކުރެއްވީ: "ނަމާދުގައި ކިނބިހި އަޅާ މީހާ އާއިމެދު އައިސްފައިވާ ބުނުން" މިހެންނެވެ. (އެބަހީ: މިއީ އިމާމް އައްތިރުމިޛީ މިޙަދީޘުން ނަންގަވާ ފިޤުހެވެ.)
އަދި މިރިވާޔަތުގައި އެޛިކުރު ކިޔުއްވި ނަމާދުގެ ކޮން ތަނެއްގައި ތޯ ވާރިދުވެފައި ނުވެއެވެ. ބައެއް މީހުން މިޛިކުރު ރުކޫޢު އިން ތެދުވެ ކިޔާ އަޛްކާރުތަކުގެ ތެރެއަށް އެއްކޮށްފައި ވެއެވެ. އެހެނަސް މިއީ އޮޅުމެކެވެ.“ — اهـ . ނިމުނީ.
📝 އަހަރެން ބުނަމެވެ: އަދި މިއީ އައްޝެއިޚް މުޞްޠަފާ އަލްޢަދަވީގެ ވެސް ރައުޔެވެ. އެއީ ރުކޫޢު އިން ތެދުވެ ކިޔުމަށް ނަންގަނެވުނު ރިވާޔަތާއި ކިނބިހި އެޅުއްވުމުގެ ރިވާޔަތަކީ ތަފާތު ދެ ރިވާޔަތެއް ކަމެވެ. އަދި ވިދާޅުވިއެވެ : ”މިއީ ޞައްޙަ ޙަދީޘެކެވެ.“ (ނޯޓް: މިޙަދީޘުގެ ޞައްޙަ ކަމާއި މެދު ޚިލާފެއް ބައެއް ބޭކަލުން ގާތުގައި ވެއެވެ. އޭގެ ތެރޭގައި އައްޝެއިޚް މުޤްބިލް ބިން ހާދީ އަލްވާދިޢީ ހިމެނި ލައްވައެވެ.)
ފައިދާއެއް: ރުކޫޢު އިން ތެދުވެ ކިޔާ ޛިކުރުތަކުގެ ތެރެއިން މިއާއި އެއްގޮތް އަދި އެއްކަހަލަ ޙަދީޘަކީ އަލްބުޚާރީ އާއި އެނޫން ބޭކަލުން ރިވާކުރެއްވި رِفَاعَةَ بْنِ رَافِعٍ ގެ މިޙަދީޘެވެ:
ނަބިއްޔާ ﷺ ރުކޫޢިން ތެދުވެވަޑައިގެން "سَمِعَ اللَّهُ لِمَنْ حَمِدَهُ މި ފަދައިން ވިދާޅުވިއެވެ. ދެން ފަހަތުގައި ހުންނެވި ބޭކަލަކު ވިދާޅުވިއެވެ." رَبَّنَا وَلَكَ الْحَمْدُ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ". ފަހެ ރަސޫލާ ﷺ ނަމާދުން އަވަދިވެވަޑައިގެން ޙަދީޘް ކުރެއްވިއެވެ: ((ދެންމެއަކު ވާހަކަ ދެއްކީ ކޮންބޭކަލެއްހެއްޔެވެ؟)) ޞަަޙާބީ ވިދާޅުވިއެވެ "ތިމަންކަލޭގެފާނެވެ." ޙަދީޘްކުރެއްވިއެވެ: ((ތިރީސް އެތައް މަލާއިކަތެއް އެއިން ކޮން ބޭކަލަކަށްތޯ އެކަލިމަ ފުރަތަމަ ލިޔުއްވޭނީ ބެއްލެވުމަށް ވާދަކުރައްވާތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.))
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.