އިމާމު މީހާ ފުރަތަމަ އައްތަޙިއްޔާތުގައި މަޑުނުކޮށް ތެދުވެވިއްޖެނަމަ ކަންތައް ކުރަންވީގޮތުގެ ޙުކުމް
🖊 އިމާމު މީހާ ފުރަތަމަ އައްތަޙިއްޔާތުގައި މަޑުނުކޮށް ތެދުވެވިއްޖެނަމަ ކަންތައް ކުރަންވީގޮތުގެ ޙުކުމް
—🔢—
ސުވާލު: އަހަރެމެން މެންދުރު ނަމާދު ކުރުމުގެ ތެރޭގައި ވޭމެ، އިމާމު މީހާ ތިންވަނަ ރަކުޢަތަށް ތެދުވިއެވެ. އަދި އެއީ އައްތަޙިއްޔާތަށް ނުއިށީނދެއެވެ. މިހިނދުގައި އަހަރެމެންގެ މައްޗަށް ކަންތައް ކުރަން އޮތް ގޮތަކީ ކޮބައިހެއްޔެވެ؟ އޭނާ އާއިއެކު އަހަރެމެންވެސް ތެދުވާން ވީހެއްޔެވެ؟ ނޫނީ އިށީނދެ ތިބެ އައްތައްޙިއްޔާތު ފުރިހަމަ ކުރާންވީހެއްޔެވެ؟
ޖަވާބު: ފުރަތަމަ އައްތަޙިއްޔާތަކީ ނަމާދުގެ ވާޖިބުތަކުގެ ތެރެއިން ހިމެނޭ އެއްޗެކެވެ. ހަނދުމަ ނެތޭ ހިނދުގައި އެކަން ވީއްލި، އޭގެ ބަދަލަކަށް ކުށުސަޖިދަ އާދެއެވެ. އިމާމު މީހާ ހަނދުމަނެތި އައްތަޙިއްޔާތަށް ނުއިށީނދެ ދެވަނަ ރަކުޢަތުން ތެދުވާ ޙާލު އެކަންތައް ވަނީ ދެގޮތެއްގެ ތެރެއިން ކޮންމެވެސް އެއްގޮތަކަށެވެ:
ފުރަތަމަ ޙާލަތަކީ: އޭނާ ފުރިހަމަޔަށް ކޮޅަށް ތެދުވެ (ސީދާ) ނުވެވެނީސް އޭނާއަށް އެކަން ހަނދާން ވުމެވެ. ނޫނީ މައުމޫމުންގެ ފަރާތުން އޭނާއަށް ހަނދުމަކޮށްދެވުމެވެ. އެހެންކަމުން އެހިނދު (އަނބުރައި) އިށީނދެ އައްތަޙިއްޔާތު ކިޔައި ދެން ތެދުވުމެވެ.
ދެވަނަ ޙާލަތަކީ: (ހަނދުމަކޮށްދެވުނަސް ނޫނީ ނޫނަސް ނޭނގުމުގެ ތެރޭގައި ހުރެ) ކޮޅަށް ތެދުވެ ޤާއިމު ވުމެވެ. މިހިނދުގައި — ޢިލްމުވެރިން رحمهم الله ގެ ބަސްފުޅުތަކުން އެންމެ ޞައްޙަ ޤަޥްލުގެ މައްޗަަށް ބަލާއިރު — އަނބުރައި އިށީނުން އޭނާގެ މައްޗަށް ޝަރުޢު ވެގެން ނުވެއެވެ.⁽¹⁾
މީގެ މައްޗަށް ދަލީލު ދެނީ زِيَادِ بْنِ عِلاَقَةَ އަރިހުން އައްތިރުމިޛީ ގެންނެވި ރިވާޔަތެވެ. އެކަލޭގެފާނު ވިދާޅުވިޔޭ:
الْمُغِيرَةُ بْنُ شُعْبَةَ އަހަރެމެން ގެ މައްޗަށް އިމާމުވެ ނަމާދު ކުރެއްވިއެވެ. ދެރަކުޢަތް ނިމުނު ހިނދުގައި އެކަލޭގެފާނު އިށީނދެވަޑައި ނުގަންނަވައި ތެދުވެލެއްވިއެވެ. އެކަލޭގެފާނުގެ ފަހަތުގައި ތިބި މީހުން (އެކުށަށް ހަނދުމަކޮށްދިނުމަށްޓަކައި) ތަސްބީޙަ ކިޔުއްވިއެވެ. އެހެނަސް އެވެރިން ތެދުވުމަށް އެކަލޭގެފާނު އިޝާރާތް ކުރެއްވިއެވެ. ދެން ނަމާދުން އަވަދިވެލެއްވި ހިނދުގައި ސަލާމް ދެއްވައި ކުށުސަޖިދަ ޖައްސަވައި ސަލާމް ދެއްވިއެވެ. އަދި ވިދާޅުވިއެވެ: «هكذا صنع رسول الله صلى الله عليه وسلم» ((ރަސޫލު ﷲ ﷺ ކަންތައް ކުރެއްވި ގޮތަކީ މިއެވެ.))— ރިވާކުރެއްވީ، އަބޫ ދާވޫދު އާއި އައްތިރުމިޛީ އެވެ.
އަބޫ ދާވޫދު رحمه الله ވިދާޅުވިއެވެ: ”الْمُغِيرَةُ ކަންތައް ކުރެއްވި ފަދައިން سَعْدُ بْنُ أَبِي وَقَّاصٍ ވެސް ކަންތައް ކުރައްވާފައި ވެއެވެ. އަދި عِمْرَانُ بْنُ حُصَيْنٍ އާއި الضَّحَّاكُ بْنُ قَيْسٍ އާއި مُعَاوِيَةُ بْنُ أَبِي سُفْيَانَ އާއި ابْنُ عَبَّاسٍ އަދި عُمَرُ بْنُ عَبْدِ الْعَزِيزِ މިކަމުގައި މިބީދައިން ފަތުވާ ދެއްވާފައި ވެއެވެ.“
والله تعالى أعلم
— #فتاوى_عبر_الأثير ((ފަތުވާ 211 ))
~ ގަލަންދާނު 🖋
=
ـــــــــــــــــــــــ
[1] ނޯޓް: ޢިމާމު މީހާ ފުރަތަމަ އައްތައްޙިއްޔާތު ކިޔުމަށް ހަނދުމަނެތި (ބުރަކަށި) އެއްކޮށް ސީދާ ވެވުމާއި ހަމަޔަށް ކޮޅަށް ތެދުވެވިއްޖެ ނަމަ، އޭނާ އަނބުރައި (އައްތަޙިއްޔާތު ކިޔުމަށް) ރުޖޫޢަވުން ހުއްދަވެގެންް ނުވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ (ކޮޅަށް ހަމައެކަނި ތެދުވެވިއްޖެނަމަ) އެކަން މަކުރޫހަ ކަމާއި އެކު އެހެނަސް ހުއްދަކަމުގައެވެ. އެހެނަސް މިއީ ވެސް އޭނާ ޤުރުއާން ކިޔަވަން ނުފަށާ ނަމައެވެ. އެހިނދުގައި އަނބުރައި ރުޖޫޢަވުން ޙަރާމް ވެގެންވެއެވެ. އަދި ޞަޢްޙައީ ފުރަތަމަ ބުނެވުނު ޤަޥްލެވެ. އަދި ފުރަތަމަ ޤަޥްލުގެ ދަށުން: (އެކަމުގެ ޙުކުމްް) އެނގިހުރެ ، (ވާނުވާ) އެނގޭޙާލު، އޭނާ އަނބުރައި (އައްތަޙިއްޔާތު ކިޔުމަށް) ރުޖޫޢަވެެއްޖެނަމަ، އޭނާގެ ނަމާދު ވަނީ ބާޠިލު ވެފައެވެ. އެހެނަސް އޭނާ އެކަން ކުރީ ހަނދާން ނެތި ހުރެ ނަމަ، ނޫނީ (އެކަމުގެ ޙުކުމަށް) ޖާހިލުވެ ހުރެނަމަ، (އެކަމުގައި ޢުޛުރު ލިބި) އޭނާގެ ނަމާދު ބާޠިލުނުވެއެވެ. — އިތުރަށް ބެލުމަށް: ފަތުވާ 75470 އަދި 141787 .
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.