އިސްލާމްވެބްގެ ފަތުވާ 141787 ގައި ބަޔާން ކުރެވިފައިވެއެވެ
—🔢—
އިސްލާމްވެބްގެ ފަތުވާ 141787 ގައި ބަޔާން ކުރެވިފައިވެއެވެ:
”ދެންފަހެ އިމާމު މީހާގެ ފަހަތުގައި ތިބޭ މީހުން (ކަންތައް ކުރަންވީ ގޮތާއިމެދު) ދަންނައެ، އޭނާ އެއްކޮށް ތެދުވެއްޖެ ނަމަ އެވެރިން އޭނާ އަށް ތަބަޢަވުން ވާޖިބެވެ. އަދި އޭނާއަށް ވާޖިބެއް ދޫކުރެވޭ ކަމާއި މެދު ހޭވެރިކުރުވުމަށް (އޭނާ ކޮޅަށް ހުރި ހިނދުގައިވެސް) އެވެރިން ތަސްބީޙަ ކިޔައި (އޭނާއަށް އެކަން އެނގި) ސަލާމް ދިނުމުގެ ކުރިޔަށް — ސުންނަތުގައި ވާރިދުވެފައިވާ ފަދައިން — ކުށުސަޖިދަ ޖަހައިފިނަމަ، މީގައި ގޯހެއް ނެތެވެ.
ފަހެ ނަބިއްޔު ﷺ ފުރަތަމަ އައްތަޙިއްޔާތު ދޫކުރައްވައި ތެދުވެވަޑައިގެންނެވުމުން އަޞްޙާބުބޭކަލުން އެކަލޭގެފާނަށް ހަނދުމަކޮށްދެއްވުމަށް ތަސްބީޙަ ކިޔުއްވިއެވެ. އަދި (އެކަލޭގެފާނު ކޮޅަށް ތެދުވެވަޑައިގެންނެވުމަށް ފަހުގައިވެސް) އެބޭކަލުން ކިޔުއްވި ތަސްބީޙައަކަށް އިތުރުއެކަލޭގެފާނުން އިންކާރު ނުކުރައްވައެވެ.
އެގޮތުން عبد الله بْنِ بُحَيْنَةَ އަރިހުން ރިވާވެގެން ވެއެވެ:
”ނަބިއްޔު ﷺ (އިމާމުވެ) ނަމާދު ކުރައްވައި ދެވަނަ ރަކުޢަތުން (އައްތަޙިއްޔާތުގައި މަޑު ނުކުރައްވައި) ތެދުވެވަޑައިގެންނެވުމުން، މީސްތަކުން ތަސްބީޙަ ކިޔެވެ. (އެހެނަސް) އެކަލޭގެފާނު (ނަމާދު) ކުރިޔަށް ގެންދެވިއެވެ. ދެން ނަމާދުން އަވަދިވެވަޑައިގެންނެވި ހިނދު، (ކުށު ސަޖިދައިގެ) ދެ ސަޖިދަ ޖައްސަވައި ދެން ސަލާމް ދެއްވިއެވެ.“ — ރިވާކުރެއްވީ الجماعة (އޭ ބުނެވޭ) ބައިގަނޑެވެ. އަދި މިއީ (އޭގެތެރެއިން) އައްނަސާއީގެ ލަފްޡެވެ.
އިމާމު މީހާގެ ކުށް ތަކުގައި އޭނާއަށް ތަބަޢުވުމާއި މެދު، އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު އާއި ސުވާލު ވެވުނެވެ. ވިދާޅުވިއެވެ:
”ކުށްތަކުގައި އިމާމަށް ތަބަޢުވުމުގައި ތަފްޞީލެއް ހިމެނެއެވެ. ބައެއް ފަހަރު އޭނާ ކުށްޖެހުނަސް ތަބަޢަވުން ވެއެވެ. ބައެއް ފަހަރު ތަބަޢަވުން ނުވެއެވެ.
ފުރަތަމަ ވައްތަރުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި: އޭނާ ފުރަތަމަ އައްތަޙިއްޔާތު ހަނދުމެނެތި ފުރިހަމަޔަށް ތެދުވެ އަދި ސީދާ ވާހިނދުގައެވެ. ފަހެ މިހިނދުގައި ތިބާއަށް ވަނީ އޭނާއަށް ތަބަޢަވުމެވެ.
އަދި އިމާމަށް ތަބަޢަވުން ނުވާ (ކުށްތަކުގެ) ކަންކަމުގެ ތެރޭގައި ހިމެނެނީ: މިޘާލަކަށް ތިންވަނަ ސަޖިދައެއް އޭނާ ޖެހުމެވެ. އޭނާއަށް އޭގައި ތިބާ ތަބަޢަވުމެއް ނުވެއެވެ. ނުވަތަ ނަމާދަށް އިތުރު ރަކުޢަތެއް އޭނާ ގެނައީއެވެ. އެހިނދުގައި ތަބަޢަވުން ނުވެއެވެ. (ވަނީ އޭނާ ޢަނބުރައި ފަހު އައްތަޙިއްޔާތަށް އަންނާން ދެން މަޑުކޮށްގެން ހުރުމެވެ.)..“
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.