އިމާމު ރުކޫޢަށް ދާއިރު ފާތިޙާ ކިޔަވައި ނުނިމޭނަމަ ޢަަމަލުރަންޖެހޭ ގޮތަކީ ކޮބާ؟
❓ އިމާމު ރުކޫޢަށް ދާއިރު ފާތިޙާ ކިޔަވައި ނުނިމޭނަމަ ޢަަމަލުރަންޖެހޭ ގޮތަކީ ކޮބާ؟
ސުވާލު: ފަޟީލަތުއްޝައިޚެވެ! އިމާމު މީހާ ރުކޫޢަށްދާއިރު، މައުމޫމު މީހާއަށް ފާތިޙާ ސޫރަތް ކިޔަވައި ނުނިމޭނަމަ، އިމާމާއަށް ތަބާވެ ރުކޫޢަށް ދާނީތޯ؟ ނުވަތަ ފާތިޙާ ސޫރަތް ފުރިހަމަކުރުމަށްފަހު، އިމާމު ރުކޫޢުން ތެދުވި ނަމަވެސް ރުކޫޢަށް ދާނީތޯއެވެ؟
ޖަވާބު: މިކަމުގައި ތަފްޞީލެއްވެއެވެ.
1️⃣ފުރަތަމަ ޙާލަތް:
މައުމޫމު މީހާ ނަމާދަށް ވަދެ، ފާތިޙާ ސޫރަތް ކިޔަވަން ފެށިތަނާ އިމާމު މީހާ ރުކޫޢަށް ދިއުމެވެ. މި ޙާލަތުގައި ސޫރަތް ފުރިހަމަކުރާކަށް ނުޖެހޭނެއެވެ. އެހިނދު އިމާމާއަށް ތަބާވާނީއެވެ. ސަބަބަކީ އޭނާ ނަމާދުގެ ފެށުމުގައި ބައިވެރިވެފައި ނުވާތީއެވެ.
މިސާލަކަށް: (މީސްތަކުން ނަމާދު ފަށައިފައި ވަނިކޮށް) އޭނާ ޖަމާޢަތާއި ބައިވެރިވެ، 'ތަކްބީރު' ކިޔުމަށްފަހު، ދުޢާއުލް އިސްތިފްތާޙް ކިޔައި، ފާތިޙާ ސޫރަތުގެ ▶️الحمد لله رب العالمين ▫️ الرحمن الرحيم◀️ މިހިސާބަށް ކިޔެވިތަނާ އިމާމު ރުކޫޢަށް ދިޔުމެވެ. އަދި ފާތިޙާ ފުރިހަމަކުރުން ވަޤުތެއް ނުލިބުމެވެ. ވީމާ މިޙާލަތުގައި: އިމާމަށް ތަބަޢުވެ ފާތިޙާ ކިޔެވުމުގެ ވާޖިބުން ވީއްލިފައެވެ. އަދި އަބޫ ބަކްރާ رضي الله عنه އިމާމު މީހާ ރުކޫޢުގައި އޮއްވައި ބައިވެރިވުމުން އެ ރަކުޢަތުގެ ފާތިޙާ އެކަލޭގެފާނުގެ ކިބައިން ކެނޑިގެންދިޔަ ފަދައިން، މިފަދަ މީހާގެ ކިބައިންވެސް ފާތިޙާ ކެނޑިގެންދާނެއެވެ. މި ޙަދީޘްވަނީ ޞަޙީޙުލް ބުޚާރީގައެވެ.
2️⃣ދެވަނަ ޙާލަތް:
މައުމޫމު މީހާ ފެށުނީއްސުރެ އިމާމާއެކު ހުރެ، މިއީ އޭނާގެ ދެވަނަ ނޫނީ ތިންވަނަ ނުވަތަ ހަތަރުވަނަ ރަކުޢަތަށް ވުމެވެ. މި ޙާލަތުގައި ފާތިޙާ ކިޔަވަނިކޮށް އިމާމު ރުކޫޢަށް ގޮސްފިނަމަ، ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ:
⬆️ފުރަތަމަ ބުނުން: އިމާމު ރުކޫޢަށް ދިއުމުން ކިޔެވުން މެދުކަނޑާލައި، އިމާމާއެކު ރުކޫޢަށް ދާނީއެވެ. އަދި އިމާމު ސަލާމް ދިނުމުން، އިތުރު ރަކުޢަތެއް އަދާ ކުރާނީއެވެ. ސަބަބަކީ މިއީ ޖަހްރިއްޔާ ނަމާދަކަށް ނުވެ ސިއްރިއްޔާ ނަމާދަކަށްވުމެވެ. ސިއްރިއްޔާ (އެބަހީ: އަޑު ފާޅު ނުކޮށް ކިޔަވާ) ނަމާދުގައި ފާތިޙާ ކިޔެވުމަކީ ވާޖިބަކެވެ. މިއީ ޖަހްރިއްޔާ ނަމާދާއި ޚިލާފަށެވެ. އޭގައި ވާޖިބުވެގެން ނުވެއެވެ.
⬆️ދެވަނަ ބުނުން: އިމާމު ރުކޫޢުން ތެދުވި ކަމުގައިވިޔަސް، ފާތިޙާ ސޫރަތް ފުރިހަމަކުރާނީއެވެ. މިބޭކަލުން ވިދާޅުވަނީ، އިމާމު ރުކުނެއް ކުރިޔަށް ދިޔައަސް (ނަމާދުގެ ޞައްޙަކަމަށް) ގެއްލުމެއް ނެތްކަމުގައެވެ. މިއީ މާލިކީ އަދި ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިންގެ ބުނުމެވެ. އެބޭފުޅުން ވިދާޅުވަނީ ރުކުނަކަށް އިމާމު ކުރިއަރައިދިޔައަސް އެއީ މައްސަލައެއް ނޫން ކަމުގައެވެ.
ވިދާޅުވަނީ، (ނަމާދުގެ ޙަރަކާތް ތަކުގައި) އެންމެ ބޮޑު مَحذور (ނުރައްކަލަކީ) އިމާމަށްވުރެ (މައުމޫމު) ކުރިއަރައި ދިއުން ކަމުގައެވެ. މައުމޫމަށްވުރެ އިމާމު އަވަސްވެ ދިޔުމެއް ނޫނެވެ. މިއީ ނަބިއްޔު ﷺ ގެ މި ޙަދީޘުގެ މައްޗަށެވެ:
«أما يخشى الذي يرفع رأسه قبل رأس الإمام أن يحول الله صورته صورة حمار» —متفق عليه.
((އިމާމު މީހާގެ ކުރިން ބޯ އުފުލާ މީހާ، އޭނާގެ ޞޫރަ ޙިމާރެއްގެ ޞޫރަޔަށް ﷲ ބަދަލުކުރައްވައިފާނެ ކަމަށް ބިރުވެތި ނުވަނީ ހެއްޔެވެ؟))
ފަހެ މިއީ ނުހަނު ބޮޑުވެގެންވާ ނުރައްކަލެކެވެ.
މި ބުނުމުގެ ބޭކަލުން ވިދާޅުވަނީ، މި ޙާލަތުގައި (ފާތިޙާ ކިޔަވައި) ނިންމާފައި ގޮސް އިމާމާ އާއި އަރައި ހަމަކުރެވިދާނޭ ކަމުގައެވެ. ވީމާ އިމާމު ރުކޫޢުކޮށް ނިންމައި ތެދުވެފައިވާނަމަ، މައުމޫމު (ފާތިޙާ ނިންމައި) ރުކޫޢަށް ގޮސް ދެން ތެދުވެ އަދި އިމާމަށް ތަބަޢުވާނީއެވެ.
🤚ނަމަވެސް ފުރަތަމަ ބުނުމުގެ ޢިލްމުވެރިން މިކަމަށް އިންކާރު ކުރައްވައެވެ. އެބޭފުޅުން ދަލީލު ދެއްވަނީ ނަބިއްޔު ﷺ ގެ މިޙަދީޘުގެ މައްޗަށެވެ:
«إنما جعل الإمام ليؤتم به، فإذا كبر فكبروا وإذا ركع فاركعوا، وإذا قال: سمع الله لمن حمده. فقولوا: ربنا ولك الحمد. وإذا سجد فاسجدوا»
((އިމާމަކު އައްޔަންކުރެވިފައިވަނީ އޭނާއަށް ތަބާވުމަށެވެ. ފަހެ، އޭނާ ތަކްބީރު ކިޔައިފިނަމަ ތިޔަބައިމީހުން ތަކްބީރު ކިޔާށެވެ. އަދި އޭނާ ރުކޫޢަށް ގޮސްފިނަމަ ތިޔަބައިމީހުން ރުކޫޢަށް ދާށެވެ. އޭނާ سمع الله لمن حمده ކިޔައިފިނަމަ ތިޔަބައިމީހުން ربنا ولك الحمد އޭ ކިޔާށެވެ. އަދި އޭނާ ސަޖިދަކޮށްފިނަމަ، ތިޔަބައިމީހުން ސަޖިދަ ކުރާށެވެ.))
ފަހެ މިއީ އިމާމަށް ތަބައުވުމަށް އަދި ފަސްނުކުރުމަށް އޮތް ދަލީލެކެވެ.
މި ޤަޥްލު (އެބަހީ: ފުރަތަމަ ބުނުމުގެ ބޭކަލުންގެ ޙުއްޖަތް) ⌝ދަލީލުގެ ގޮތުން⌜ ވަރުގަދައެވެ. އަދި އަނެއް ޤަޥްލަށް ޢަމަލު ކުރާ މީހުންނާއި މެދު ދަންނައެ، ފަހެ މުޅި މިމައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ވަރުގަދަ ޚިލާފެއް އޮތް އިޖްތިހާދީ މައްސަލައެކެވެ. (ވީމާ އަރައިރުންވެ ދެބަސްވުން ބޮޑު ކުރުމީ މިފަދަ ކަންތަކުގައި ހުއްދަވެގެން ނުވާކަމެކެވެ.)
— އައްޝެއިޚް އަލްމުޙައްދިޘް ސުލައިމާން އަލްޢަލްވާން (އޯޑިއޯ)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.