ފަރުޟު ނަމާދުން އަވަދިވެގެން (ޛިކުރު ތަސްބީޙައަށް ފަހު) ދުޢާ ކުރާނަމަ ، ދުޢާއަށް ދެއަތް އުފުލުމުގައި މަނަލެއް ވޭ ހެއްޔެވެ؟
💬 ފަރުޟު ނަމާދުން އަވަދިވެގެން (ޛިކުރު ތަސްބީޙައަށް ފަހު) ދުޢާ ކުރާނަމަ ، ދުޢާއަށް ދެއަތް އުފުލުމުގައި މަނަލެއް ވޭ ހެއްޔެވެ؟
—①—
އައްޝެއިޚް އަލްމުޙައްދިޘް މުޞްޠަފާ ޢަލްޢަދަވީ ވިދާޅުވިއެވެ:
”ޢާންމުގޮތެއްގައި ބުނާނަމަ ދުޢާކުރާއިރު އަތްއުފުލުމަކީ މުތަވާތިރުވެގެންވާ (އެބަހީ ތަފާތު އެތައް ރިވާޔަތްތަކުން ޘާބިތުވެގެންވާ) ކަމެކެވެ. ނަމަވެސް ނަމާދަށްފަހު (ސުންނަތް ގޮތް ކަމުގައި ކަނޑައަޅައި ނުވަތަ ދާއިމަށް) އެކަން ކުރުމަށް ޚާއްޞަ ދަލީލެއް ބޭނުންވެއެވެ. އެހެނަސް، (މިޘާލަކަށް) މީހަކު ހިތާމައާއި ދަތިކަމެއްގެ ތެރޭގައި ހުރެގެން، ބައެއް ފަހަރު ނަމާދަށްފަހު އަތްއުފުލާ "يا ربِّ فرِّج كربي" (އޭ އަޅުގެ ވެރި ރަސްކަލާކޯއެވެ! އަޅުގެ ދަތިކަން ފިލުއްވައިދެއްވާށިއެވެ!) މިފަދައިން ދޭތެރެއަކުން ކިޔައި ދުޢާކޮށްފިނަމަ އޭގައި މަނަލެއް ނެތެވެ. ނަމަވެސް، ނަމާދަށްފަހު ދާއިމީކޮށް (ދުޢާ ކުރުމަށް) އަތްއުފުލުމަކީ ނަބިއްޔު ﷺ ކުރެއްވި ކަމެއް ނޫނެވެ. ވީމާ، މިމަޤަމުގައި (ނަމާދުން ސަލާމް ދިނުމަށްފަހު) ދުޢާކުރުމަކީ އޭގެ ޒތުގައި ޝަރުޢު ވެގެންވާ (ހުއްދަ) ކަމެކެވެ. އެހަނަސް (އެދަނޑިވަޅުގައި) ދާއިމީ ސިފައެއްގައި އަތްއުފުލުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ؛ އެއީ ނަބިއްޔު ﷺ އެކަން ކުރައްވާފައި ނުވާތީއެވެ. ނަމަވެސް، ފަހަރަކުން ފަހަރެއްގައި މީހަކު އަތްއުފުލައިފިނަމަ، އެމީހަކަށް އެކަމުގައި އެއްވެސް ވަރަކަށް އިންކާރު ކުރުމެއް ނެތެވެ.
އަދި (އިންކާރު ކުރުމުގެ ހަމަޔަށް ބަލާނަމަ) މިއަށްވުރެ ބޮޑު ކަމެއް ނަމާދުގެ ތެރޭގައިވެސް އެބައޮތެވެ. އެއީ ދުޢާކުރާ ދަނޑިވަޅު ނޫން އެހެން ދަނޑިވަޅެއްގައި ނަމާދުގެ ތެރޭގައި (ދުޢާކޮށް) އަތްއުފުލުމެވެ. ނަބިއްޔު ﷺ އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރު، އަބޫބަކުރުގެފާނު رضي الله عنه މީހުންނާއިގެން އިމާމުވެ ނަމާދުކުރެއްވިއެވެ. އެހިނދު ނަބިއްޔާ، އަލްޢައްބާސްގެފާނާއި ޢަލީގެފާނުގެ ދެމެދުގައި (އާލާސްކަންފުޅުގެ ބޮޑުކަމުން) ދެފައިންޕުޅު ބިމުގައި ކޭތޭ ހާލުގައި ނިކުމެވަޑައިގެން، ފުރަތަމަ ޞަފަށް ނަމާދަށް ވެދެވަޑައިގަތެވެ. އެހިނދު މީސްތަކުން (އަބޫބަކުރުގެފާނަށް އެކަން އެންގުމަށްޓަކައި) އަތްތިލަ ޖެހުން ގިނަކުރިއެވެ. އަބޫބަކުރުގެފާނަކީ ނަމާދުގައި އެހެން ފަރާތަކަށް އެނބުރިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް މީސްތަކުން އަތްތިލަޖެހުން ގިނަކުރުމުން އެކަލޭގެފާނު އެނބުރި ބައްލަވައިލެއްވިއެވެ. އެހިނދު ނަބިއްޔާ އެކަލޭގެފާނަށް "ތިޔަހުރި ތަނުގައި ހުރޭ" މިފަދައިން އިޝާރާތް ކުރެއްވިއެވެ. ނަމަވެސް އަބޫބަކުރުގެފާނު އަދަބުވެރިކަމާއެކު ފަހަތަށް ޖެހިވަޑައިގެން، ﷲ އަށް ޙަމްދުކުރައްވަމުން ދެއަތްޕުޅު އުފުއްލެވިއެވެ. އެކަލޭގެފާނު އަތްޕުޅު އުފުއްލެވީ މިދިމާވި ކަންތަކުގެ ސަބަބުންނެވެ. ހީފުޅުކުރެއްވީ ނަބިއްޔާ އާލާސްކަންފުޅުން ފަސޭހަވެ އެބުނރިވަޑައިގެންނެވީ ކަމުގައެވެ... ކޮންމެއަކަސް އެކަލޭގެފާނު ދެއަތްޕުޅު އުފުއްލަވައި ﷲ އަށް ޙަމްދުކުރެއްވިއެވެ. (އިންކާރުކުރުމުގެ ހަމަޔަށް ބަލާއިރު، މިކަންތަކުގައި އިންކާރެއް އައިސްފައިނެތެވެ.)
އެހެންކަމުން، ފަރުޟު ނަމާދުތަކަށްފަހު ދުޢާކުރާއިރު ދާއިމީ ސިފައެއްގައި އަތްއުފުލައިގެން ނުވާނެއެވެ .ބައެއް ފަހަރު މީހަކު އެކަން ކުރިޔަސް އެންމެ ރަނގަޅެވެ. އެހެނީ ދުޢާއާއެކު އަތްއުފުލުމަކީ ޖުމްލަވީގޮތެއްގައި މުތަވާތިރު (އެތަކެއް ގޮތަކުން ޘާބިތުވެގެންވާ) ކަންތައްތަކުގެ ތެރެއިން ކަމަކަށް ވާތީއެވެ. އަދި ބަޔާންކުރެވުނު ޙަދީޘްގައިވާ ފަދައިން، ބައެއް ފަހަރު އެކަން ކުރުމަކުން މައްސަލައެއް ނެތެވެ. އަދި އެކަމަށް އިންކާރެއްވެސް ނެތެވެ. ނަމަވެސް އެކަން ދާއިމީކޮށް ކުރުން ނަބިއްޔާ صلوات ربي وسلامه عليه ގެ އަރިހުން ޘާބިތުވާކަށް ނެތެވެ. والله أعلم.
— އަލްޢަދަވީ ގޭ ބަސްކޮޅު، މިހިސާބަށް، ނިމުނީ (ވީޑިއޯ)
🖋 =
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.