އައްޝެއިޚް ޢަބްދުﷲ އައްސަޢްދު ވިދާޅުވިއެވެ
—②—
އައްޝެއިޚް ޢަބްދުﷲ އައްސަޢްދު ވިދާޅުވިއެވެ:
”ފަރުޟު ނަމާދަށްފަހު (ދުޢާ ކުރާނަމަ) ދެއަތް ނުއުފުލުމަކީ މިކަމުގެ އަޞްލެވެ (އެބަހީ އަސާސީ އުޞޫލެވެ). އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެކަން އެގޮތަށް ކުރުމަކީ— އެކަން އާދައެއްގެ ގޮތުގައި ދާއިމީކޮށް ކުރުމަކީ—ބިދުޢައެކެވެ. އެހެނީ ފަރުޟު ނަމާދަށްފަހު އާންމުގޮތެއްގައި އޮންނަނީ ޛިކުރުކުރުމާއި، ތަސްބީޙަކިޔުމާއި، އިސްތިޣްފާރުކުރުމާއި، އަދި ތަހުލީލުކިޔުމެވެ. ރަސޫލު ﷺ ގެ އަރިހުން (ދެބަސްވުމެއް ޖުމްލަވީކޮށް) ވާރިދުވެގެންވަނީ މިކަންކަމެވެ.
އަދި އަލްބައްރާއު ބިން ޢާޒިބުގެފާނުގެ އަރިހުން ޞަޙީޙު މުސްލިމްގައި ރިވާވެގެންވެއެވެ؛ އިތުރުއެކަލޭގެފާނު (ނަމާދަށްފަހު) މިފަދައިން ވިދާޅުވާކަމުގައެވެ: «اللهم قِني عذابك يوم تبعث عبادك» ((އޭ ﷲ! އިބަރަސްކަލާނގެ އަޅުތަކުން އަލުން ދިރުއްވައި ފޮނުއްވާ ދުވަހު، އިބަރަސްކަލާނގެ ޢަޛާބުން މިއަޅާ ރައްކާތެރިކުރައްވާށިއެވެ!)). އަދި މި ޙާލަތުގައި އެކަލޭގެފާނު ދެއަތްޕުޅު އުފުއްލެވިކަމެއް ޞަޙާބީން ރިވާކުރައްވާފައެއް ނުވެއެވެ.* ނަމަވެސް، (ފަރުޟު ނަމާދާއި ޚިލާފަށް) ނާފިލާ (ސުންނަތް) ނަމާދަށްފަހު އަތްއުފުލުމަކުން އެއްވެސް މައްސަލައެއް ނެތެވެ.“ (*ނޯޓް: މި ދުޢާ ކިޔާ ވަޤުތަކީ އައްތަޙިއްޔާތަށްފަހު ސަލާމް ދިނުމުގެ ކުރިޔަށް ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.)
— އައްސަޢްދު ގެ ބަސްކޮޅު، ނިމުނީ (އޯޑިއޯ)
އަދި އަލްޢަލްވާން މިމައްސަލާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ:
”ނަބިއްޔު ﷺ މުސްލިމުންނާއިގެން ތޭރަ އަހަރު ވަންދެން ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނު ސަލާމްދެއްވުމަށްފަހު އެބޭކަލުންނަށް (ފެންނާނެހެން) އެނބުރިވަޑައިގަންނަވައެވެ. އެހެނަސް އެކަލޭގެފާނު ސަލާމްދެއްވުމަށްފަހު ދުޢާކުރެއްވުމަށް ދެއަތްޕުޅު އުފުއްލެވިކަމަށް އެއްވެސް ޞަޙާބީއަކު ދުވަހަކުވެސް ޛިކުރުކުރައްވާފައެއް ނުވެއެވެ. ޞަޙާބީން ވަނީ ސަލާމްދިނުމުގައްޔާއި، ސަލާމްދިނުމަށްފަހުގައްޔާއި، އަދި އިޙްރާމް ބަންނަ (ނަމާދަށް ފަށާ) ވަގުތުގައި އެކަލޭގެފާނު ކުރެއްވި ކަންތައްތަކުގެ ވެސް އެންމެ ކުދިކުދި ކަވި ތަފްޞީލުތައް ރިވާކުރައްވާފައެވެ. އެކަލޭގެފާނު ބައެއްފަހަރު ކަނާތްފަރާތަށް އަދި އަނެއްބައިފަހަރު ވާތްފަރާތަށް އެނބުރިވަޑައިގަންނަވާކަން އެބޭކަލުން ބަޔާންކުރެއްވިއެވެ. އަދި ކަންކަމުގެ އެންމެ ކުދިކުދި ތަފްޞީލުތައް ބަޔާންކުރައްވައި، އިސްތިޣްފާރުކުރުމާއި، ތަސްބީޙަކިޔުމާއި، އެނޫންވެސް ކަންކަމުން އެކަލޭގެފާނު ވިދާޅުވި އެއްޗެއް ރިވާކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ދުޢާކުރެއްވި ކަމާއި ދެއަތްޕުޅު އުފުއްލެވި ކަމަށް ނުވަތަ އެކަލޭގެފާނުގެ ދުޢާއަށް ޞަޙާބީން އާމީން ވިދާޅުވިކަމަށް އޭގެއިން އެންމެ ބޭކަލަކުވެސް ޛިކުރުކުރައްވާފައެއް ނުވެއެވެ.
އަދި ނަބިއްޔު ﷺ މި ޙާލަތުގައި ދެއަތްޕުޅު އުފުއްލަވާނަމަ، އެކަން ރިވާކުރުމުގެ ޝައުޤުވެރިކަމާއި ސަބަބުތައް (އެބޭކަލުންގެ ކިބައިގައި) ފުރިހަމައަށް ހުރީހެވެ. ވީމާ، އެކަން ރިވާވެގެން ނުވުމުން އެނގެނީ އެއީ ޝަރުޢުވެގެންވާ ކަމެއް ނޫންކަމެވެ.“
—އަލްޢަލްވާންގޭ ބަސްކޮޅު، ނިމުނީ (އޯޑިއޯ)
(ނޯޓް: މީގެ އިތުރުން މިމައްސަލަ ރާޖިޙު ކަނޑައެޅުއްވުމަށް ބައެއް ޝަރުޢީ އުޞޫލުތަކުގެ މައްޗަށް އަލްޢަލްވާން ވާހަކަ ދައްކަވާފައި ވެއެވެ. އެހެނަސް މިވަޤުތަށް މިމިންވަރު ފުދޭކަމަށް ދެކެމެވެ.)
~ ގަލަންދާނު 🖋
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.