އޭނާ އަކީ މީސްތަކުންގެ ތެރެއިން، އެބަޔަކަށް އެހީތެރިވެދީ މަދަދުވެރިވުމަށް އެންމެ ޙައްޤުވެގެންވާ އެކަކެވެ. އަދި ނަބިއްޔު ﷺ އަށް ﷲ ވަނީ،…
➋
އޭނާ އަކީ މީސްތަކުންގެ ތެރެއިން، އެބަޔަކަށް އެހީތެރިވެދީ މަދަދުވެރިވުމަށް އެންމެ ޙައްޤުވެގެންވާ އެކަކެވެ. އަދި ނަބިއްޔު ﷺ އަށް ﷲ ވަނީ، އަނިޔާލިބެމުންދާ މީސްތަކުންނަށް ނަޞްރުވެރިވުމަށް އަމުރު ކުރައްވާފައެވެ. އަދި ފިދިޔަ އާއި މުދަލާއި އެނޫންވެސް ގޮތަކުން، އޭނާ އަށް ސަލާމަތްކަން ހޯދައި ނުދެވިއްޖެ ނަމަ، އޭނާ އެކަމުން ސަލާމަތް ކުރުމަށް އަދި ނަޞްރުވެރި ވުމަށް ވީއެންމެހާ ރޮނގަކުން ގަދައަޅައި މަސައްކަތްކުރުން ވާޖިބުވެގެން ވެއެވެ. އެހެނީ އިސްލާމް ދީނަކީ ނަޞްރުވެރި ވުމުގެ ދީނެކެވެ. އަދި މުއުމިނުންނީ އަޚުން ތަކެކެވެ. އަދި މުސްލިމަކު އޭނާގެ މުސްލިމު އަޚާ މާޔޫސްކަމަށް (ބޭވަފާގައި) ދޫކޮށްނުލާނެތެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިވުމުގައި ﷲ ގެ އަޅަކު ދެމިހުރިހާ ހިނދަކު، ﷲ ވަނީ އޭނާއަށް އެހީތެރިވެ ވޮޑިގެންނެވުމިގައެވެ. އެހެންކަމުން މުސްލިމަކަށް ނަޞްރުވެއްޖެ މީހަކަށް، ﷲ ނަޞްވެރިވެ ވޮޑިގަންނަވައެވެ. އަދި ޙިމާޔަތް ދޭ މީހަކަށް ﷲ ޙިމާޔަތް ދެއްވައެވެ. މަދަދުދޭ މީހަކަށް ﷲ މަދަދުދެއްވައެވެ. އޭނާ (ތުރާތަކުން) ދިފާޢު ކޮށްދީފި މީހާ، ﷲ އެއިލާހުގެ ބިންގަނޑުން ދިފާޢު ދެއްވައެވެ. އޭނާ މާޔޫސްވުމަށް ދޫކޮށްލައިފިމީހާ، ﷲ އޭނާ ނާއުއްމީދަށް ދޫކޮށްލައްވައެވެ. އަދި ބަދަލު ލިބުންވަނީ އެޢަމަލަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.⁽³⁾ ❝
— ޢަބްދުލް މަލިކް އަލްޢަލްވާން، އެބޭފުޅާގެ ބައްޕަ، އައްޝައިޚް އަލްމުޙައްދިޘް ސުލައިމާން ބުނު ނާޞިރަލް ޢަލްވާން ގެ އަރިހުން (ބަސްކޮޅު)
~ ގަލަންދާނު
ــــــــــــــــــــ
[3] މި މާނައަށް ދޭހަވާ ޙަދީޘް ތަކުގެ ތެރޭ:
މުސްލިމް ރިވާކުރެއްވި އަބޫ ހުރައިރާ رَضِيَ اللَّهُ عَنْهُ ޙަދީޘް ހިމެނެއެވެ: ވިދާޅުވިއެވެ: ”ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: «مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا؛ نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَومِ الْقِيَامَةِ. وَمَنْ يَسَّرَ عَلَى مُعْسِرٍ؛ يَسَّرَ اللَّهُ عَلَيهِ فِي الدُّنْيَا وَالْآخِرَةِ. وَمَنْ سَتَرَ مُسْلِمًا؛ سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ. وَاللَّهُ فِي عَونِ الْعَبْدِ مَا كَانَ الْعَبْدُ فِي عَونِ أَخِيهِ...» މާނަ: ”މުއުމިނެއްގެ ކިބައިން ދުނިޔޭގެ ހިތާމަތަކުން ހިތާމައެއް ފިލުވައިދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ ހިތާމަތަކުން ހިތާމައެއް ﷲ އޭނާގެ ކިބައިން ފިއްލަވައިދެއްވާނެއެވެ. އަދި ދަތި ހާލުގައި ޖެހިފައިވާ ފަރާތަކަށް ފަސޭހަ ކޮށްދީފި މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް ﷲ އޭނާއަށް ފަސޭހަ ކޮށްދެއްވާނެއެވެ. އަދި މުސްލިމަކު ފަރުދާކޮށް (އޭނާގެ ކުށްތައް ފޮރުވައިދީފި) މީހަކަށް، ދުނިޔެއާއި އާޚިރަތުގައި ﷲ އޭނާ ފަރުދާކޮށްދެއްވައި (އޭނާގެ ކުށްތައް ފޮރުއްވައި ދެއްވާނެއެވެ.) އަދި (ﷲގެ) އަޅަކު، އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހައި ހިނދަކު، ﷲ އޭނާއަށް އެހީތެރިވުމުގައި ވޮޑިގެންވާނެއެވެ.“
(ބައްލަވާ: ޞަޙީޙް މުސްލިމް 2699)
އަދި އަލްބުޚާރީ އާއި އެނޫން ބޭކަލުން ރިވާކުރެއްވި އިބްނު ޢުމަރުގެ ޙަދީޘް:
ނަބިއްޔު ﷺ ޙަދީޘް ކުރެއްވިއެވެ: «الْمُسْلِمُ أَخُو الْمُسْلِمِ لاَ يَظْلِمُهُ وَلاَ يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ وَمَنْ فَرَّجَ عَنْ مُسْلِمٍ كُرْبَةً فَرَّجَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ» ”އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއްވެސް ނުވާނެއެވެ. ދެރަނިކަމެއްޗެއްވެސް ނުކޮށްލާނެއެވެ. އަދި (ޢަދުއްވަކަށް) ހަވާލެއްވެސް ނުކުރާނެތެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދޭ މީހާ، ދަންނައެ، ﷲ އެމީހެއްގެ ބޭނުން ފުއްދަވައި ދެއްވުމުގައި ވޮޑިގެންވެއެވެ. އަދި ކަންބޮޑުވުމަކުން މުސްލިމަކު މިންޖު ކޮށްދީފި މީހަކަށް، ޤިޔާމަތް ދުވަހުގެ ކަންބޮޑުވުންތަކުގެ ތެރެއިންކަމެއް ﷲ މިންޖުކޮށް ދެއްވާނެއެވެ.“
(ބައްލަވާ: ޞަޙީޙް އަލްބުޚާރީ 2442) އަދި މިނޫން ނައްޞުތައް ހިމެނެއެވެ.
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.