އަދި (އަލްބައްޒީ) އެބަޔެއް ފުށުން މިރިވާކުރެއްވި އެންމެ ބޭކަލުންނާއި ޚިލާފުވިއެވެ. އެހެނީ އެބޭކަލުން އެރިވާކުރެއްވީ ނަބިއްޔާ صلى الله عليه…
އަދި (އަލްބައްޒީ) އެބަޔެއް ފުށުން މިރިވާކުރެއްވި އެންމެ ބޭކަލުންނާއި ޚިލާފުވިއެވެ. އެހެނީ އެބޭކަލުން އެރިވާކުރެއްވީ ނަބިއްޔާ صلى الله عليه وسلم ނޫން ބޭފުޅުން ފުށުން އިޚްތިޔާރުކޮށެވެ. އެހެނަސް (އަލްބައްޒީ) އެ ރަފަޢަ ކުރެއްވިއެވެ. (އެ ރިވާޔަތްތައް ނަބިއްޔާއަށް ނިސްބަތްވާނޭ ކަމަށް ވިދާޅުވެ ދަރަޖަ އުފުލުން) އަދި ޤުރުއާނާއި ޙަދީޘް ޢިލްމުވެރިން ތެރެއިން ޙަދީޘާއި ރިޖާލުންގެ ޢިލްމުގެ އެތަކެއް ބޭފުޅުން މި ރިވާޔަތް ޟަޢީފު ކުރެއްވިއެވެ. އެއީ ޢިލްމުވެރިން ކުރެން އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ވިދާޅުވެފައިވާ ފަދައިންއެވެ. ކޮންމެއަކަސް، މިތާނގައި އަހަރެމެންގެ މަޤުޞަދަކީ، ސުންނަތްވެގެންވާ ގޮތަކީ ޤުރުއާން ކިޔެވުމުގައި މުޞްޙަފްގައި ވާގޮތަށް ކިޔެވުންކަމަށް ބަޔާންކުރުމެވެ. އެހެނަސް (قل هو اللَّه أحد) އެކަނި، ތިންފަހަރު ނޫނީ އެއަށްވުރެ ގިނައިން ކިޔަވައިފިނަމަ، އެ (އެއްފަހަރުވެސް) ކިޔައިފި މީހަކަށް ޤުރުއާނުގެ ⅓ އާއި އެއްފަަދަ ޘަވާބެއް ލިބެއެވެ. އެހެނަސް އެއްޗެއް "އެއްފަދަ" ވުމަކީ "އެއްގޮތް" ވުމެއްނޫނެވެ. އަހަރެމެން ކުރިޔަށް މިކަން ބަޔާންކުރާނަމެވެ، إن شاء ﷲ.
ފަހެ ޘަވާބަކީ ތަފާތު "ބާވަތް" ( اجناس - ޖިންސް) ތަކަކަށްވާ އެއްޗެކެވެ. އެއީ މުދާވެސް ތަފާތު ބާވަތް ތަކަށްވާ ފަދައިންނެވެ. އޭގެ ތެރޭގައި (އެބަހީ: މުދަލުގެ ތަފާތު ބާވަތްތަކުގެ ތެރޭގައި) ބަނޑުފުރާނަ މުއްތިކުރާތަކެތީގެ ކާތަކެއްޗާއި، ބޯތަކެއްޗަާއި، ދެން ފޭރާމާއި، ދިރިއުޅޭ ތަންތަނާއި، އަދި މިނޫންވެސް އެތަކެއް އެއްޗެކެވެ. އެހެންކަމުން މުދަލުގެ ބާވަތްތަކުގެ ތެރެއިން އެކައްޗެއް މީހަކަށް ޙާޞިލުވެއްޖެނަމަ - މިސާލަކަށް: އެއްހާސް ދީނާރު، މިއަކުން އޭނާ މުދަލުގެ އެންމެހާ ބާވަތް ތަކެއްގައި މުއްސަނދި ވީކަމަކަށް ނުވެއެވެ. އަދި ކިއެއް ހެއްޔެވެ؟ އޭނާ އަތުގައި ކެއިންބުއިމުގެ މުދާވާނަމަ، އޭނާއަށް ފޭރާމާއި، ގޮވައްޗާއި އެނޫން މުދަލުގެ ބާވަތްތަކަށް ޙާޖަތް ޖެހިފައިވާނެވެ. މިފަދައިން ނަޤުދު ފަައިސާނޫން އެއްޗެހި ވާނަމަ އެނޫން ބާވަތަށް ޙާޖަތް ޖެހެއެވެ. އަދި އޭނާ އަތުގައި ނަޤުދު ފަައިސާނޫން އެއްޗެއް ނެތްނަމަ، އޭނާއަށް ބޭނުންވާ އަދި މަންފަޢުވާނޭ އެންމެހާ އެހެން (މުދަލުގެ) އެންމެހާ ބާވަތްތަކަށް އޭނާ ޙާޖަތްޖެހޭނެއެވެ. އަދި ފަހެ، الفاتحة (ސޫރަތް) ގައި، އިންސާނުންނަށް އޭގެ ޙާޖަތްވާ ޘަނާއާއި ދުޢާގެ މަންފާޢުތައް ވެއެވެ. (قل هو اللَّه أحد) އިން މިމަޤާމެއް އަދައެއް ނުކުރެވޭނެއެވެ. އެއީ އޭގެ ޢަޖުރު ކިތައްމެ ބޮޑުވިއަސްމެއެވެ. އެހެނީ އެބޮޑުވެގެންވާ ޢަޖުރު މަންފާޢު ވެވުންވަނީ "الفاتحة الكتاب" ގެ އަޖުރާއި އެކުގައެވެ. މި ސަބަބަށްޓަކައި، އެއާއި އެކު އެކަނި، الفاتحة އާއި ނުލާ ނަމާދު ކޮށްފިނަމަ، އެނަމާދު ޞައްޙައެއް ނުވެއެވެ. އަދި އޭނާ الفاتحة އާއި ނުލައި މުޅި ޤުރުއާން އެކީ އެއްކޮށް ކިޔުމަށް ކުޅަދާނަވިޔަސް، އެނަމާދެއް ޞައްޙައެއް ނުވާނެއެވެ. އެހެނީ الفاتحة ސޫރަތުގެ ދޭހައިގައި، އަޅުތަކުންނަށް އެއްވެސް ޝައްކެއްނެތް ގޮތުގައި ފައިދާ ކުރަނިވި، ޙާޖަތްތަކުގެ އަޞްލުވެެއެވެ. އަދި މިކަމުގެ މައްޗަށް ކުރިން (އެބަހީ: މަޖްމޫޢު އަލްފަތާވާގެ ޖ. 17 ގެ ކުރީކޮޅު) ވާހަކަ ދެކެވިއްޖެއެވެ. އަދި އޭގައި، الفاتحة ގައި އެކުލެވޭ ޘަނާއާއި ދުޢާއާއި މެދު ވާހަކަ ދެކެވުނެވެ. މި(ބުނެވުނު ދުޢާ) އަކީ، އެއިލާހުގެ ބަސްވަޙީ ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ، صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾ މިއެވެ. މި ދުޢާއަކީ އަޅަކު އޭނާގެ ރައްބަށް ކުރާ އެންމެ ފަޟުލުވަންތަ ދުޢާއެވެ. މި ދުޢާ އަކީ އަޅަކު އޭނާގެ ރައްބަށް ކުރުން އެންމެ ވާޖިބުވެގެންވާ ދުޢާއެވެ. މި ދުޢާ އަކީ އަޅަކު އޭނާގެ ރައްބަށް ކުރުން އެންމެ މަންފާޢުވެގެންވާ ދުޢާއެވެ. އެހެނީ އޭގައި ދީނާއި ދުނިޔެއާއި އާޚިރަތުގެ ދުޅަހެޔޮކަން ޖަމާޢުވެފައިވެއެވެ. އަދި އަޅާ ވަނީ ދާއިމަށް އެއަށް ޙާޖަތުގައެވެ. އެނޫން އެއްޗަކަށް އެމަޤާމު އަދައެއް ނުކުރެވޭނެއެވެ. އެއިން ޤުރުއާނުގެ ⅓ ޙާޞިލުވިޔަސް - ⅓ ބަލައި - މި ދުޢާގެ މަޤުޞަދުތައް ޙާޞިލްވުމެއްވެސް، އޭގެ މަޤާމެއްވެސް އޭގެ ހުސްކަން ފޫބެއްދުމެއްވެސް (އެނޫން އެއްޗަކުން) ނުވެއެވެ.
(ނުނިމޭ)
4/
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.