މިކަން ފަހުމްވެއްޖެނަމަ، ދަންނައެ، ބައެއް މީހުންގެ ތަޞްބީޙަ ކިޔެވުމަށްވުރެ (އެނޫން ބަޔަކަށްވުރެ) މަތިވެރިއެވެ. އަދި ބައެއްމީހުން ބައެއް…
މިކަން ފަހުމްވެއްޖެނަމަ، ދަންނައެ، ބައެއް މީހުންގެ ތަޞްބީޙަ ކިޔެވުމަށްވުރެ (އެނޫން ބަޔަކަށްވުރެ) މަތިވެރިއެވެ. އަދި ބައެއްމީހުން ބައެއް ސޫރަތްތައް ކިޔެވުން، އެނޫން މީހެއް ކިޔަވާ «قل هو ﷲ احد» އަށްވުރެ މަތިވެރިއެވެ. އަދި އެއް އިންސާނެއްވެސް އޭނާގެ ޙާލަތް ތަފާތުވެފައި ވެދާނެއެވެ: އޭނާ ފުރިހަމައިނުން ކުރާ ޢަމަލެއްގެ މަތިވެރިކަން އެނޫން އެންމެހާ މަތިވެރި ޢަމަލުތަކަށްވުރެ ފަޞުލުވަންތަކަން ބޮޑު ވެދާނެއެވެ. އަދި ﷲ އަށް އުރެދިފައިވާ އަންހެނާ ކުއްތާއަށް ދިން ފެންފޮދުން ފާފަފުއްސެވިއެވެ. އެއީ ދެ ޞަޙީޙުގައި ޘާބިތުވެފައިވާ ފަދައިންނެވެ. އެހެނީ އެ އަންހެން ކަނބުލޭގެ އެ ޢަމަލުގައި ހިތުގެ ޢަމަލާއި އެކު އެނޫން އެއްޗެހި ޙާޞިލުވުމުންނެވެ. އަދި މީހަކު އެއަށްވުރެ އެތައް ގުނައެއް ހޭދަކޮށްފާނެއެވެ. އެހެނަސް އޭނާއަށް ނުފުއްސެވެއެވެ. އެއީ އެ ޢަމަލުގައި އިޚްލާޞްތެރިކަމުގެ ސަބަބުތައް ނުހިމެނުމުންނެވެ. އެހެނީ ހަމަކަށަވަރުން ﷲ ޤަބޫލުކުރައްވަނީ ތަޤުވާވެރިންގެ ކިބައިން ކަމަށްވުމުންނެވެ. އެހެނީ ހަމަކަށަވަރުން ނަބިއްޔާ صلى ﷲ عليه وسلم ޙަދީޘްކުރެއްވިއެވެ.މ: "ތިޔަބައިމީހުން އުހުދު ފަރުބަދަ ވަރު ރަން ހޭދަކުރިޔަސް، އެވެރިންގެ (އެބަހީ: އަޞްޙާބު ބޭކަލުންގެ) ތެރޭން މީހެއްގެ މުއްދެއް (އަތްގޮށްޓެއް) ނޫނީ އޭގެ ދެބައިކުޅަ އެއްބަޔައްވެސް ނުފޯރާނެތެވެ." (އެމަތިވެރިކަން) ނިސްބަތްކުރެއްވީ އެންމެ އަވަސްވެ ވަޑައިގެންނެވި އެންމެ ފުރަތަމައިގެ އަޞްޙާބުބޭކަލުންނަށެވެ. رضى ﷲ عنهم.
އެހެންކަމުން ބުނެވެއެވެ: ހަމަކަށަވަރުން «قل هو ﷲ احد» ގެ ޘަވާބު ޤުރުއާނުގެ ⅓ އާއި އެއްފަަދަވުމަށް މި އެންމެހާ ސިފަތަކަށް ބަރޯސާވާންޖެހެއެވެ. އެހެންނުވަނީނަމަ، އެހެން ސޫރަތެއް ތަދައްބުރާއި ޚުޝުއްވަތްތެރިކަމާއިއެކު ކިޔެވުން މިސޫރަތް ޣާފިލުކަމާއި ޖާހިލުކަމުގައި ކިޔެވުމާއި ތަފާތު ނުވެއެވެ. އަދި ކިއެއްހެއްޔެވެ؟ އަޅަކު «سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر» ހިތްމައްޗަށް ގެނެސްގެން އޭގެ މާނަޔަށް ވިސްނައިގެން ކިޔުން، މި ސޫރަތް ޖާހިލުކަމާއި ޣާފިލުކަމުގައި ކިޔެވުމަށްވުރެ މަތިވެރިއެވެ. އަދި (މީގެ އިތުރުން) މީސްތަކުން މި ސޫރަތުގެ ފަހުމްވުމުގައިވަނީ އެކި ދަރަޖައިގައެވެ. އަދި އޭގެ ދޭހައިގައި ވެސް މެއެވެ. އެއީ އެންމެހާ ޤުރުއާނުގައި މީސްތަކުންގެ ފަޟުލުކަން ތަފާތުވާ ފަދައިންނެވެ.
(ނުނިމޭ)
~ ގަލަންދާނު
9/
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.