هلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ [•] تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ }
{ هلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ ٱلشَّيَٰطِينُ [•] تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ }
އެއުރެންގެ މައްޗަށް ޝައިޠާނުން ފައިބާ މީހުންގެ ޚަބަރު، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަން ހެއްޔެވެ؟ އެ ޝައިޠާނުން ފައިބަނީ، ދޮގުވެރިކަން ބޮޑު، ފާފަވެރިކަން ބޮޑު ކޮންމެ މީހެއްގެ މައްޗަށެވެ.
އައްސަޢްދީ ވިދާޅުވިއެވެ:
❞ {تَنزلُ عَلَى كُلِّ أَفَّاكٍ} (ކޮންމެ أَفَّاك މީހެއްގެ މައްޗަށޭ) އެބަހީ: ކައްޒާބުންނެވެ. ދޮގު ވާހަކަތަކާއި ބާޠިލުގައިވާ އިފްކު (އެބަހީ: މީހުންގެ އަބުރު ގެއްލުވާ ޙަޤީޤަތެއްނެތް ދޮގުތަކުގެ) ވާހަކަ ދައްކާ މީހުންނެވެ. { أَثِيمٍ } (ފާފަވެރިކަން ބޮޑޭ) އޭނާގެ ޢަމަލުގައެވެ. އުރެދުންތަކުގައި ގިނަގުނައެވެ.
ޝައިޠާނުންތައް އެމީހެއް މައްޗަށް ފާވާ މީހަކީ މިއެވެ. އަދި އެވެރިންގެ ޙާލަތް މީނާގެ ޙާލަތާއި އެއްގޮތްވެގެންވެއެވެ. ❝
{يُلْقُونَ ٱلسَّمْعَ وَأَكْثَرُهُمْ كَٰذِبُونَ [•] وَٱلشُّعَرَآءُ يَتَّبِعُهُمُ ٱلْغَاوُۥنَ }
(މިކާހިނުން) ކަނުލައި އެވެރިންގެ ކަންފަތްތައް (އެ ޝައިޠާނުންގެ ދޮގާއި ތެދުގެ މަސްހުނި ގަނޑަށް) ދީގެން ތިބެއެވެ. އަދި އޭގެ ގިނަމީހުންނީ، ދޮގުވެރިންނެވެ. * (ދޮގުވެރި) ޅެންވެރިންގަނޑަށް ތަބަޢުވާނީ މަގުފުރެދިގެންވާ މީހުންނެވެ.
އައްސަޢްދީ ވިދާޅުވިއެވެ:
❞ {يَتَّبِعُهُمُ الْغَاوُونَ} (މަގުފުރެދިގެންވާ މީހުންނޭ އެއުރެންނަށް ތަބަޢުވާނީ) އެއީ މަގު ދެއްކުމު ގައެވެ. މަގުފުރެދުމާއި ހަލާކުގެ ރާސްތާ ޤަބޫލު ކުރާ މީސްތަކުންނެވެ. އެހެނީ އެއުރެންނީ އަމިއްލަ ނަފްސުވެސް މަގުފުރެދުފައިވާ މީހުންނެވެ. އަދި އެއުރެންނަށް ތަބަޢަވާ ކޮންމެ މީހަކަށް ބެލިޔަސް އެއީ މަގުފުރެދި ގެއްލުމާއި ހަލާކުގައިވާ މީހެކެވެ. ❝
{أَلَمْ تَرَ أَنَّهُمْ فِى كُلِّ وَادٍ يَهِيمُونَ}
ހަމަކަށަވަރުން، (އަނގަތަޅާ) ކޮންމެ ވާދީ އެއްގައިމެ، ޖެހުނުގޮތަކަށް އެއުރެން އުޅޭތީ ތިބާއަށް ނުފެނޭ ހެއްޔެވެ؟
އައްސަޢްދީ ވިދާޅުވިއެވެ:
❞ { أَلَمْ تَرَ } (ތިބާ ނުދެކެމުހޭ) އެއުރެންގެ މަގުފުރެދުމާއި ގެއްލިނެތިވުމުގެ ވަރުގަދަކަން { أَنَّهُمْ فِي كُلِّ وَادٍ } (އެއުރެން ކޮންމެ ވާދީ އެއްގައި) އެއީ ޅެންވެރިކަމުގެ (ބަސްމޮށުންތެރިކަމުގެ) ކޮންމެ ވާދީއެކޭ އެވެ. (އެބަހީ: ބަސްމޮށުންތެރިކަމުގެ އެންމެހާ ފަންނު ތަކެއްގައި އެވެ.) { يَهِيمُونَ } (ކޮޅުކޮޅަށް އެނބުރެމުންދާތަނޭ) ވީމާ ބައެއް ފަހަރު ޘަނާ ކިޔައެވެ. ބައެއްފަހަރު އެއްޗެހިގޮވައެވެ. ބައެއް ފަހަރު ތެދުވެރި ކަމުގައެވެ. ބައެއްފަހަރު ދޮގުވެރި ކަމުގައެވެ. ބައެއް ފަހަރު ވައިޖެހުމުގައެވެ. އެނޫން ފަހަރު މަލާމަތް ދިނުމުގައެވެ. އެއްފަހަރުގައި މަޖަލުގައެވެ. އަނެއްފަހަރަކު ހިތާމައިގައެވެ.
އެހެންކަމުން: އެވެރިން (އެއްގޮތަކަށް) ޤަރާރުވެ ތިބުމެއް ނުއޮވެއެވެ. އަދި ވަކި ޙާލަތެއްގައި ޘާބިތުވެވުމެއްވެސް ނެތެވެ. ❝
ޙަސަނުލް ބަޞްރީ ވިދާޅުވިއެވެ: ”ﷲ ގަންދީބުނަމެވެ. އެއުރެން އެއެއްގައި އެނބުރޭ ވާދީތައް، އަހަރެމެންނަށް ފެނުނެވެ: އެއްއިރަކު މިވެނި މީހަކަށް ނެތިމޮށުމުގައެވެ. އަނެއް އަރަކު އެވެނި މީހަކަށް ޘަނާ ކިޔުމުގައެވެ.“
{وَأَنَّهُمْ يَقُولُونَ مَا لَا يَفْعَلُونَ}
އަދި އެއުރެން ކޮށް ނުއުޅޭ ކަންކަމުގެ ވާހަކަ އެއުރެން ބުނެއުޅެތީވެސްމެއެވެ؟
އައްސަޢްދީ ވިދާޅުވިއެވެ:
❞ އެބަހީ: މި ޅެންވެރިންގެ ސިފަ އަކީ މިއީ އެވެ. އެވެރިންގެ ބަސްތައް އެވެރިންގެ ޢަމަލުތަކާއި ޚިލާފެވެ. އެހެންކަމުން މިފަދަ ޝާޢިރެއް ލޯބީގެ ޣަޒަލުން ޣަޒަލެއް ކިޔާނަމަ، ތިބާ ބުނާނެތެވެ: މިއީ ހިއްކިއުމުގައި އެންމެ ވަރުގަދަ މީހުންތެރެއިންވާ މީހެކެވެ.“ އަދި އެހެނަސް އޭނާގެ ހިތް ވަނީ އެއިން މަހުރޫމުކޮށެވެ. އަދި އޭނާގެ ޘަނާ އެއް ނޫނީ އެއްޗެހި ގޮވިމެއް ތިބާއަށް އަޑު އިވިއްޖެނަމަ، ބުނާނެތެވެ: ”މިއީ ތެދެވެ.“ އެހެނަސް އެއީ ދޮގެވެ. އަދި ބައެއް ފަހަރު އޭނާ ކޮށް ނުއުޅޭ ކަންކަމަށް އޭނާ މަދަހަ ކިޔައެވެ. އަދި އޭނާ ނުދޫކުރާ ކަންކަން ދޫކުރުމަށްވެސް މެއެވެ. އަދި އޭނާގެ ވަށައި ޚުދު އެޔެއް ނުވާ ދީލަތިކަމަށް ވެސް މެއެވެ. އަދި ފަހުލަވާނު ފުރުސާނުންގެ މައްޗަށް އަރައިދާ ހިއްވަރުގަދަ ކަންވެސް މެއެވެ. އެހެނަސް އޭނާއީ އެންމެ ފިޑިން ތެރޭންވެސް ފިނޑިއެއް ކަމަށްވާތީ ތިބާ އަށް ފެންނާނެތެވެ. އެވެރިންގެ ސިފަ އަކީ މިއެވެ. ❝
~ ގަލަންދާނު
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.