އަދި އެއަކީ ވާޖިބުތަކުގެ ތެރެއިން ވާއެއްޗެއްނަމަ، އެފަދަ އެއްޗެއް ގަސްދުގައި ދޫކުރުމަކީ ނަމާދު ބާޠިލްވާނެ ކަމެކެވެ. އެހެނީ އޭނާއަށް…
އަދި އެއަކީ ވާޖިބުތަކުގެ ތެރެއިން ވާއެއްޗެއްނަމަ، އެފަދަ އެއްޗެއް ގަސްދުގައި ދޫކުރުމަކީ ނަމާދު ބާޠިލްވާނެ ކަމެކެވެ. އެހެނީ އޭނާއަށް އަމުރުވެވިގެންވާ ކަންތައް އޭނާ ނުކުރުމުންނެވެ. މީގެ މައްޗަށްވާ އިސްތިސްނާއަކީ ބައެއް ވާޖިބުތައް ހަދާންނެތި ނުކުރެވެވޭ މީހާއެވެ. އެހެނީ މިހާލަތުގައި ހަނދުމަ ނެތުމުގެ ސަޖިދައިން އެކަމަށް ފުއްދައިދެވުން އެކަށީގެންވެއެވެ. އަދި މާލިކްއާއި އަޙުމަދު އާއި އަބޫ ޙަނީފާގެ މަޒުހަބުގައި، ހަނދުމަނެތުމުގެ ސަޖިދައަކީ ވާޖިބެކެވެ. އެހެނީ އެބޭކަލުންގެ ތަޢުރީފުގައި (ނަމާދުގެ) ވާޖިބުތަކަކީ އެއެއްޗެއް ހަނދުމަނެތި އެޅިއްޖެނަމަ ނަމާދު ބާޠިލުނުވާ ކަންކަމެވެ. ހަމަ އެފަދައިން ހަނދުމަނެތި އިތުރުވިޔަސް - ޢިލްމުވެރިންގެ އިއްތިފާޤުން - (ނަމާދު) ބާޠިލެއް ނުވާނެއެވެ. އެހެނަސް ދެނެހުރެ އިތުރުކޮށްފިނަމަ ނަމާދު އެކަމުގެ ސަބަބުން ބާޠިލުވެދެއެވެ. އެހެނަސް، މާލިކުއާއި އަޙުމަދު އަރިހުން މަޝްހޫރު ބަސްފުޅަކީ: ވާޖިބެއް ކަމުގައި ވެއްޖެ އެއްޗެއް ދެނެހުރެ (އެބަހީ، ހަނދުމަ ނެތުމަކާއި ނުލައި) ދޫކޮށްފިނަމަ، ނަމާދު ބާޠިލުވާނެއެވެ. އަދި ހަނދުމަނެތި އަޅައިފިނަމަ: އޭގެތެރޭ ނަމާދު ބާޠިލުވެދާފަދަ ކަންތައްވެސް އަދި ހަނދުމަނެތުމުގެ ސަޖިދައިން ފުއްދިދާނޭ ކަންތައްތައްވެސް ހިމެނެއެވެ. އެހެންކަމުން ރުކޫޢުއާއި ސަޖިދައާއި (ޤުރުއާން) ކިޔެވުން، މިދެހާލަތުގައިވެސް (އެބަހީ: ހަނދުމަނެތުނަސް ނޫނީ ދެނެހުރެވިޔަސް) އަޅައިފިނަމަ ނަމާދު ބާޠިލްވާނެއެވެ. އަދި އެދެބޭފުޅުންގެ ގާތުގައި ފުރަތަމަ ތަޝަައްހުދު ދެނެހުރެ އަޅައިފިނަމަ ނަމާދު ބާޠިލެވެ. އަދި ހަނދުމަ ނެތިއްޖެނަމަ، ސަޖިދަ ވާޖިބެވެ. ދެންފަހެ އަބޫ ހަނީފާ ގެ ބަސްފުޅަކީ: ފަރުޟެއްކަމުގައި ނުހިމެނޭ ވާޖިބުތައް -الفاتحة ފަދަ- އަޅައިފިނަމަ އަދި ނަމާދެއް ބާޠިލެއް ނުވާނެއެވެ. އަދި އައްޝާފިޢީ ނަމާދުގައި ރުކުނާއި ވާޖިބު ފަރަޤެއް ނުކުރައްވައެވެ. އެހެނަސް އެކަލޭގެފާނާއި އެންމެހާ އިމާމުން ޙައްޖުގައި އެދޭތި ވަކިކުރައްވައެވެ.
ކޮންމެއަކަސް، މަޤްޞަދަކީ الفاتحة އެހެން އެއްޗެހީގެ މައްޗަށް ޝަރަފުވެރިވެގެންވާކަމުގެ މައްޗަށްވާ ބައެއް ބަސްތައް ގެނެއުމެވެ. އަދި އަބޫ ޢުމަރު ބިން ޢަބްދުލް ބައްރު ވިދާޅުވިއެވެ. ދެންފަހެ ނަބިއްޔާ صلى الله عليه وسلم އުބައްޔުއަށް ވިދާޅުވި ޙަދީޘްފުޅު: ތައުރާތަކުވެސް، އަދި އިންޖީލަކުވެސް، އަދި ޒަބޫރަކުވެސް، އަދި ޤުރުއާނަކުވެސް ﷲ އެފަދަ ސޫރަތެއް ބާވައިނުލައްވާ ސޫރަތެއް ތިބާއަށް އެނގޭހެއްޔެވެ؟" މީގެ މާނައަކީ: އޭގައިވާ ހެޔޮމާނަ އެކުލެވިފައިވާ ފަދައެވެ. އެހެނީ އޭގައި ﷲ عز وجل އަށް ޘަނާވެއެވެ. އެ އަހުލުވެގެންވަނީ އެއިލާހަށެވެ. އަދި އެއިލާހަށް ޙައްގުވެގެންވާ ޙަމްދުއެވެ. އެއަކީ ހަމަކަށަވަރުން ޙަޤީޤަތުގައި އެއިލާހު އެކަނި އެނޫން ފަރާތަކަށްނުވާ އެއްޗެކެވެ. އެހެނީ ކޮންމެ ނިޢުމަތަކީ އަދި ހެވަކީ އެއިލާހު ފުށުންނެވެ. އެނޫން ފަރާތެއްނޫނެވެ. ޚާލިޤުވަންތަ ރިޒުޤުދެއްވާ ފަރާތަކީ އެއީއެވެ. އެއިލާހު މުއްތިކުރައްވައިފި އެއްޗެއް މަނައުކުރެވޭނޭ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަނައުކުރައްވައިފި އެއްޗެއް މުއްތިކުރެވިދާނެ އެހެން ފަރާތެއްވެސް ނުވެއެވެ. މިކަމަށް ޙަމްދު ލިބިވޮޑިގެންވާ ފަރާތަކީ އެއިލާހެވެ. އަދި އެނޫން ފަރާތަކަށް ޙަމްދެއް ކުރިޔަސް އެ އެނބުރި ރުޖޫޢަވަނީ އެއިލާހަށެވެ. އަދި އޭގައި އެއިލާހު މަތިވެރިކުރުންވެއެވެ. އަދި މުޅި ޢާލަމުގެ ރައްބަކީ އެއިލާހުކަމެވެ. އަދި ދުނިޔެއާއި އާޙިރަތުގެ މާލިކުއަކީ އެއިލާހުކަމެވެ. އަޅުކަންވެވެނީވެސް އަދި ވާތްގަށް އެދި ދެންނެވުންވެސްވަނީ އެއިލާހަށްކަމެވެ. އަދި އޭގައި ދުޢާއާއި ހިދާޔަތުގެ ތަޢުލީމުވެއެވެ. އަދި މަގުފުރެދުމާއި އުރެދުމުގެ މަގުން ދުރުވާނެ ގޮތްވެސްއެވެ.
15/
#Tafsir_ibnTaymiyyah
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.