އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (3)
އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (3)
• ނަމާދުގެ ރުކުންތަކާއި ވާޖިބުތަކާއި ސުންނަތް ތަކުގެ ޢަދަދު
ﷲ މަތިވެރި ކުޅައުމުގެ ތެރޭ: އެއިލާހުގެ ޝިޢާރުތައް މަތިވެރި ކުޅައުން ވެއެވެ. އަދި އެއިލާހުގެ ޝިޢާރުތައް މަތިވެރި ކުޅައުމުގެ ތެރޭ: އެ އެއްޗެއް އެކީ އެއްކޮށް ގެނެސްގަތުން ހިމެނެއެވެ. އަދި އެ ބައިބަޔަށް ވަކި ނުކުރުމެވެ. (އިމާމު) އަޙްމަދު ނަމާދުގެ ކަންކަން، ފަރުޟު އާއި ސުންނަތަށް ބައިބައިކުރާ މީހަކު ކުށްވެރި ކުރައްވައެވެ. އެހެނަސް އެއީ، މީސްތަކުން ދަތިކަމުގެ ތެރެއަށް ވެއްޓުމުން ވީއްލުމަށްޓަކައި، އެއަކުން ނަމާދު ފަސާދަވެދާ (އެބަހީ: ބާޠިލުވެދާ) ތަކެއްޗާއި އެނޫން ތަކެތި ކިޔައިދިނުމަށްޓަކައި އެކަން ކުރާ މީހަކަށް މެނުވީއެވެ.
ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުން: ރަސޫލު ﷲ ﷺ އަރިހުން އެކަމުގެ ޝަރުޢު ތަކާއި އަދަބުތަކާއި ސުންނަތްތައް ވާރިދުވެފައިވެއެވެ: އެއީ ހަ ސަތޭކަ އަށް ވުރެ ގިނަ ސުންނަތެވެ. އިބްނު ޙިއްބާން އެކަލޭގެފާނުގެ ގެ "ޞަޙީޙް" ގައި މިވާހަކަ ނައްޞު ކުރައްވާފައިވެއެވެ. އެހެންކަމުން ވިދާޅުވި އެވެ:
”އިންސާނާ އަދާކުރާ ނަމާދުގެ ހަތަރު ރަކުޢަތުގައި، ނަބިއްޔު ﷺ އަރިހުން ހަސަތޭކަ ސުންނަތް އަދައުކުރެ އެވެ. އަހަރެމެންވާނީ އެތަކެތި "صفةِ الصلاة" ފޮތުގައި އޭގެ ފަޞްލުތަކާއި އެކު ގެނެސްފައެވެ. ވީމާ މިފޮތުގައި އަހަރެމެން އެކުލަވާލާފައިވާ މިބާވަތަށްވުރެ އޭގައި މުއްސަނދި ކުރެވިފައިވާނެއެވެ.“ (މިފޮތޭ) އެބަހީ: އެކަލޭގެފާނުގެ "އައްޞަޙީޙް" ފޮތެވެ.
އަދި އިބްނު ޙިއްބާން އަކީ ދަތުރުފަތުރާއި ރިވާޔަތްތައް އަދި ޝައިޚުން ފުށުން ނަގުލުކުރެއްވުން ގިނަގުނަ އިމާމުން ތެރެއިން ބޭކަލެކެވެ. ރަސޫލު ﷲ ﷺ އަރިހުން މިފަދަ އަދަދެއްގެ (ސުންނަތްތައް) އެކަލޭގެފާނުގެ އަރިހު (އެއްކުރެވިފައި) ވުމީ، ކޮސްވާން ޖެހޭ ކަމެއް ނޫނެވެ.
އެކަލޭގެފާނު رَحِمَهُ ٱللَّهُ ގެ ބަސްފުޅު: "ހަ ސަތޭކަ ސުންނަތް" : ފަހަރަކު އެއިން މުރާދު ކުރެއްވީ: ރަސޫލު ﷲ ﷺ އަރިހުން ޟަޢީފު އަދި ޞައްޙަ މަގުން އައިސްފައިވާ ތަކެއްޗެވެ. ފަހަރަކު އޭގެ މުރާދަކީ ކޮންމެ ރަކުޢަތެއްގައި ތަކުރާރުވާ ބަސްތަކާއި ޢަމަލުތަކެވެ. އަދި ކޮންމެ ރަކުޢަތެއްގައި އޭގެ ޞިފަ ޙާލަތަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ.
އަދި އެނގިގެންވޭ: ރަސޫލު ﷲ ﷺ އަރިހުން ބައެއް ރަކުޢަތް ތަކުގައި ނުވަތަ ބަޔެއް ޙާލަތް ތަކުގައި ޘާބިތުވެފައިވާ ކަންކަމީ އެނޫން ހިނދުގައި އެކަލޭގެފާނު އެކަން ކުރެއްވި ކަމުގެ މައްޗަށްވާ ދަލީލެއް ނޫނެވެ. އެއީ އެހެނަސް އެޔާއި ވިދި ޤަރީނާއެއް އެކަމުގައި އައިސްފި ހިނދެއްގައި މެނުވީއެވެ. ވީމާ ކޮންމެވެސް ދަނޑިވަޅެއްގައި ރަސޫލު ﷲ ﷺ އަތް ނެންގެވިކަމަށް އައިސްފައިވުމީ، އެނޫން ދަނޑިވަޅުގައިވެސް އެކަލޭގެފާނު އަތް ނެންގެވިއެކޭ ނޫނެވެ. އަދި ޖެހިގެންވާ ރަކުޢަތުގައި އެ ހިމެނޭނެ އެކޭ ނޫނެވެ. އެއީ އެކަމުގެ މައްޗަށް ރަސޫލު ﷲ ﷺ އަރިހުން ދަލީލެއް ނޫނީ ބޭރުފުށަށް ފާޅުވެގެންވާ ޤަރީނާއެއް އައިސްފުމާއި ހަމައަށެވެ.
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.