އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (4)
އައްޠަރީފީ ގެ صفة صلاة النبى ﷺ ގެ ތަރުޖަމާ (4)
🔻🔻
(ފޮތް އެކުލެވިފައިވާ ގޮތް)
ރަސޫލު ﷲ ﷺ އަރިހުން ނަމާދުގެ ޙުކުމްތަކާއި އަދަބުތަކާއި އޭގެ ސުންނަތް ތަކާއިމެދު އައިސްފައިވާ ތަކެތި އަހަރެން އެކުލަވާން ގަސްތުކުރަނީނަމަ، އެ ވަރަށް ދިގުވެގެންވާނެއެވެ. އަދި މިކަމުގައި ވާރިދުވެފައިވާ ޙަދީޘްތައް ޢިލްމު ވެރިންކުރެ ބައިގަނޑެއް ވަނީ ޖަމުޢު ކުރައްވާ ( ނިންމަވާ) ފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެތަކެތި އެކީއެއްކޮށް ގެނައުމީ އެކަށީގެންވާ ކަމެއްނޫނެވެ.
އަދި ޢިލްމުވެރިންކުރެ ޖަމާޢަތެއްވަނީ މިބާބުގައި އިހުގައި ފޮތްތަކެއް ލިއުއްވާފައެވެ. އެއީ މިޘާލަކަށް އިމާމް އަޙުމަދު رحمه ﷲ އެކަލޭގެފާނުގެ ރިސާލަތް "އައްޞަލާތު" ގައި، އަދި ހަމަ އެފަދައިން އަބޫ ނުޢައިމް އަލްފަޟްލު ބުން ދުކައިން އެކަލޭގެފާނުގެ "އައްޞަލާތު" އޭ ކިޔުނުފޮތުގައި، އަދި މުޙައްމަދު ބުނު ނަޞްރު އެކަލޭގެފާނުގެ "ތަޢްޡީމި ޤަދްރިއް ޞަލާތު" ގައި، އަދި އެނޫން ބޭފުޅުން ހިމެނެއެވެ. އަދި ފަހުގެ ބަޔެއްބޭފުޅުން، އެތަކެއް މުޖައްލަދުތަކަށް އެޖަމުޢުކޮށްފައެވެ.
އަދި ﷲ ގެ ރަސޫލު ﷺ އަރިހުން މިކަމުގައި އައިސްފައިވާ ޚަބަރުފުޅުތައް، ހާހަކަށް ވުރެ ގިނައެވެ. އެއީ އޭގެ ޞައްޙަ ރިވާޔަތްތަކާއި ޟަޢީފު އަދި އެއަކަށް ނަޒަރު ހިންގަންޖެހޭ (އެބަހި ޞައްހަ ޟަޢީފު ކަމާއި މެދު ދެބަސްވެވޭ) ރިވާޔަތްތަކެވެ. އަދި އޭގެ މާނައިގެ މައްޗަށްވާ ބަސްތަކާއި، ޢިލްމުވެރިންގެ ބަސްތަކާއި އެބޭފުޅުންގެ ޚިލާފުވުންތައް އެއްކުޅައުން ކުޅަދާނަވެގެންނެއްނުވެއެވެ. އެހެނަސް އަހަރެމެން އޭގެ ތެރެއިން މަޝްހޫރު (އެބަހީ: ފާހަގަވެ ގިނަބަޔަކަށް އެނގިފައިވާ) އަދި ބައެއް ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ކަންކަމުގެ ތެރެއިން މީސްތަކުންނަށް އެއަކަށް ބޭނުންޖެހިފައިވާ ކަންކަމަކާއިމެދު ވާހަކަދައްކާނަމެވެ. އަދި ﷲ ގެ ރަސޫލު ﷺ އަދި ޞަހާބިން رَضِيَ اللَّهُ عَنْهُم ގެ އަރިހުން ދަލީލުން އެކަންކަމަށް ބާރުދޭނަމެވެ. އަދި ކޮންމެ ކަމެއްގައި ޖުމްލަގޮތެއްގައި ވާ ދަލީލު ބަޔާންކުރާނެމެވެ. އެއީ ﷲ ގެ ކަލާމް ފުޅުން ނޫނީ އެއިލާހުގެ ރަސޫލު ﷺ ގެ ކަލާމްފުޅުންނެވެ. ނުވަތަ ޞަޙާބީންނާއި ތާބިޢީންނާއި އިސްލާމް ދީނުގެ އިމާމުންގެ ބަސްފުޅުންނެވެ.
އަދި މީގެ ތަނބަކީ: ވަޙީ އެވެ: ﷲ تعالى ގެ ކަލާމްފުޅެވެ. ނޫނީ ﷲ ގެ ރަސޫލު ﷺ ގެ ކަލާމްފުޅެވެ. އަދި އޭގެ ތެރެއިން ގުނޭ ތަކެއްޗެވެ. ފަހެ ހަމަކަށަވަރުން އެއީ (އެހެން އެންމެހާ އެއްޗެއް) އޭގެ ހާޖަތަށް ޖެހިގެންވާ މަގާމެއްގައިވާ އެއްޗެކެވެ. އެއަކަށް އެނޫންއެއްޗެއްގެ ޙާއްޖަތް ނުވެއެވެ. އަދި މީސްތަކުން ﷲ އަށް އަޅުވެރި ވުން ވަނީ އެއިލާހުގެ ކަލާންފުޅުގެ މަތީންނެވެ. އަދި އެއިލާހުގެ ރަސޫލު ﷺ ގެ ކަލާންފުޅުގެ މަތީންނެވެ.
އެއަށްފަހު ދެންވަނީ ޞަޙާބިންގެ ޢަމަލުފުޅާއި އެބޭކަލުންގެ އިޖްމާޢުއެވެ. މި ސަބަބަށްޓަކައި އިމާމް އަޙްމަދު ވިދާޅުވިއެވެ: "އިޖްމާޢު އަކީ ޞަޙާބިން ގެ އިޖްމާޢުއެވެ. އެއަށް ފަހު ވާބަޔެއް ވަނީ އެބޭފުޅުންނަށް ތަބަޢުވާ ގޮތުގައެވެ." ދާވޫދު ބުން ޢަލީ ވެސް މިހެން ވިދާޅުވިއެވެ. އެހެންކަމުން މަސްއަލައަކުންކުރެ މައްސަލައެއްގައި ޞަޙާބިންގެ އިޖްމާޢު ޘާބިތުވެއްޖެތަ، އެކަމުގައި އެބޭފުޅުންގެ ފަހުން އައި އެއްވެސް މީހެއްގެ ބެހެއްނުވެއެވެ. އެއީ އެންމެ މަތިވެރި ތާބިޢީން ނޫނީ އިސްލާމުންގެ އިމާމުން ގެ ތެރެއިން ބޭކަލެއްގެ ބަސްފުޅު ކަމަށް ވިޔަސްއެވެ. މިސަބަބަށްޓަކައި އުނގެނޭމީހާ އަޅުކަމުގެ ތެރެއިން ޚާއްސަ ކަންކަމުގައިވާ ޞަޙާބީންގެ ބަސްފުޅުތަކުގައި ހިފުންވެއެވެ. އެހެނީ ﷲ ގެ ރަސޫލު ﷺ ބަސްފުޅެއް ވިދާޅުވުމުގެ މުރާދަ ފަހުމްވުން އެންމެ ގާތީ، އަދި އެ (ޙުކުމް) ބާއްވައިލެއްވުން — އެންމެ ބޮޑަށް ދެނެގަނެވުންވަނީ — އަދި ދަނޑިވަޅާއި ޙާލު އަދި އެ ޙަދީޘް ވާރިދުވި ސަބަބުވެސް އެންމެ މޮޅަށް އެނގުންވަނީ އެބޭފުޅުންނަށެވެ. ދެންފަހެ އެބޭފުޅުން ދެމެދު އިޚްތިލާފުވެއްޖެތަ، އެހިނދު އެއީ ތަނަވަސް ކަމެކެވެ. (އެބަހީ އެކަމުގައިވާ އިޚްތިޔާރު އެހިނދު ފުޅާ ވެގެންވުމެވެ.)
އަދި އިޚްތިލާފާއިބެހޭ ފޮތް ލިޔުއްވި ބޭފުޅާ – އިސްޙާޤު ބުނު ބުހްލޫލް އަލް އަންބާރީ އަށް އެފޮތަށް "ތަނަވަސް ކަމުގެ ފޮތޭ" ކިޔުއްވުމަށް އިމާމް އަހުމަދް ވިދާޅުވިއެވެ. އަދި މިފަދައިން ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ބަސްފުޅެއް ވެއެވެ: ”ﷲ ގެ ރަސޫލާގެ އަޞްހާބުން އިޚްތިލާފު ނުވުމަކަށް އަހަންނެއް ލޯތްބެއް ނުކުރަމެވެ. އެހެނީ އެއީ އެންމެ ބަސްފުޅެއްނަމަ، މީސްތަކުން ވާނީ ހަނިކަމެއްގެ ތެރޭގައެވެ. އަދި ހަމަކަށަވަރުން އެބޭފުޅުންނަކީ އެބަޔަކަށް އަނެކުން ތަބަޢުވަނިވި އިމާމުންނެވެ. އެހެންކަމުން މީހެއް، އެބޭފުޅުން ތެރެއިން ބޭކަލެއްގެ ބަސްފުޅުގައި ހިފައިފިނަމަ، އޭނާ އެވަނީ ތަނަވަސް ކަމުގައެވެ.“
=
ޚިޔާލުތައް (0)
އެންމެ ފުރަތަމަ ޚިޔާލު ފޮނުއްވާ.